އެމްޓީސީސީން އައިއެސްއޯގެ ކޮލިޓީ މެނޭޖްމަންޓް ސެޓްފިކެޓް ހާސިލްކޮށްފި
އެމްޓީސީސީން އައިއެސްއޯގެ ކޮލިޓީ މެނޭޖްމަންޓް ސެޓްފިކެޓް ހާސިލްކޮށްފި

އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ ސްޓެންޑަޑައިޒޭޝަން (އައިއެސްއޯ) ގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް، 9001:2015 ސެޓްފިކެޓް އެމްޓީސީސީ އިން ހާސިލްކޮށްފި އެވެ.

އައިއެސްއޯ 9001:2015 ސްޓޭންޑާޑަކީ ދުނިޔޭގެ އެންމެ މަޝްހޫރު ކޮލިޓީ މެނޭޖްމަންޓް ސިސްޓަމެވެ. އެމްޓީސީސީ އަކީ މި ސެޓްފިކެޓް ހާސިލްކުރި ދިވެހި މަދު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުނީގެ ހުރިހާ އޮޕަރޭޝަނެއް ސެޓިފައިކުރެވުނު ކުންފުންޏެވެ.

އެމްޓީސީސީގެ އޮޕަރޭޝަންތަކުގެ ތެރެއިން ސެޓިފައި ކުރެވުނު އޮޕަރޭޝަންތަކުގެ ތެރޭގައި ސިވިލް ކޮންސްޓްރަކްޝަން ހިދުމަތާއި ޓްރާންސްޕޯޓް ހިދުމަތާއި ލޮޖިސްޓިކް އަދި އާންމު ވިޔަފާރި އާއި އެންޖީން، ސްޕެއާޕާޓް އަދި އިކުއިޕްމަންޓް ވިއްކުމާއި ޑިސްޓިރިބިއުޓް ކުރުމާއި ފަޅު ފުންކުރުމާއި ބިންހިއްކުމުގެ ހިދުމަތާއި އިންޖިނިއަރިން އަދި ޑޮކިންގެ ހިދުމަތް ހިމެނެ އެވެ. މި ސިސްޓަމަށް އެމްޓީސީސީ ސެޓިފައި ކޮށްދީފައިވަނީ ޔޫކޭގެ އެސްޖީއެސް އިން ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

އެ ކުންފުނީގެެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިއީ އެމްޓީސީސީ އަށް ލިބުނު ފަހުރުވެރި ކާމިޔާބީއެއް ކަމަށެވެ. އަދި މިއީ ކުންފުނިން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ހިފެހެއްޓުމަށް ކުރާ މަސައްކަތާއި ރައްޔިތުންގެ އިތުބާރު ހިފެހެއްޓުމަށް ކުރާ މަސައްކަތުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ އަދި ފެށުމެއް، ދެންއޮތް މަރުހަލާއަކީ ކުންފުނީގެ މަސައްކަތުގެ ފެންވަރު އިތުރަށް ހަރުދަނާކޮށް މި ސެޓިފިކޭޝަން ދެމެހެއްޓުން،" އާޒިމް ވިދާޅުވި އެވެ.