ސިޔާމްގެ ކުންފުނިން މިވަގުތު ދޭންޖެހޭ ފައިސާ ދައްކައިފި: ފިނޭންސް
ސިޔާމްގެ ކުންފުނިން މިވަގުތު ދޭންޖެހޭ ފައިސާ ދައްކައިފި: ފިނޭންސް

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމަށް ސަރުކާރުން ސަވަރިން ގެރެންޓީ ދީގެން ޗައިނާގެ އެގްޒިމް ބޭންކުން ނަގާފައިވާ ލޯނަށް ސުންގަނޑި ހަމަވުމުގެ ކުރިން ނުދެއްކުނު ފައިސާ އެ ކުންފުނިން މިހާރު ދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ސިޔާމްގެ ކުންފުނި، އަހުމަދު ސިޔާމް ހޯލްޑިން (އޭއެސްއެޗް) އިން 2017 ވަނަ އަހަރު ޗައިނާގެ އެގްޒިމް ބޭންކުން ނެގި 127 މިލިއަން ޑޮލަރުގެ ލޯނަށް ސަރުކާރުން ވަނީ ގެރެންޓީ ދީފަ އެވެ. އެއީ ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލުގެ ދަށުން ނ. ދިގުރަށުގައި އިރުފެން ރިސޯޓު ތަރައްގީ ކުރުމަށެވެ. މި ލޯނުގެ ދަށުން ޗައިނީސް އެގްޒިމް ބޭންކަށް ލޯނު ދެއްކުމުގައި މި އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އެ ކުންފުނިން ދިޔައިީ ބަރާބަރަށް ފައިސާ ދައްކަމުންނެވެ.

ނަމަވެސް ޖުލައި މަހުގެ ކުރިން އެ ކުންފުނިން އެގްޒިމް ބޭންކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން ލޯނުގެ ޕްރިންސިޕަލް އަދަދާއި އިންޓްރެސްޓް އަދި އެހެނިހެން ފީތައް ދެއްކުމަށް ގެރެންޓާގެ ހައިސިއްޔަތުން މިދިޔަ މަހުގެ 22 ވަނަ ދުވަހު ޗައިނާގެ އެގްޒިމް ބޭންކުން ސަރުކާރަށް އެންގި އެވެ.

ސިޔާމްގެ ކުންފުނިން ދެއްކީ ކިހާ ފައިސާއެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) ދައްކަންޖެހެ އެވެ.

މިއާ އެކު ލޯނު އަނބުރާ ދެއްކުމަށް އެ ފައިސާ އޭއެސްއެޗް މެދުވެރިކޮށް ހޯދައި، އެސްކްރޯ އެކައުންޓަކަށް ފައިސާ ޖަމާކުރުމުން އެފައިސާ ޗައިނާގެ އެގްޒިމް ބޭންކަށް މިއަދު ދައްކާފައިވާ ކަމަށް ފިނޭންސުން ބުންޏެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސޮވެރިން ގެރެންޓީ ދިން އަމިއްލަ ހަމައެކަނި ކުންފުންޏަކީ ވެސް ސިޔާމްގެ ކުންފުންޏެވެ. ޔާމީންގެ ގާތް ބޭފުޅެއްގެ ގޮތުގައި ސިޔާމް ފެނުނު ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅުގައި އުޅުއްވީ ސިޔާސީ ކަންކަމާ ދުރުގަ އެވެ.

މި ސަރުކާރުން ކުރިއަށް އޮތްތަނުގައި ސަވެރިން ގެރެންޓީ ދޭނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ރައްޔިތުންގެ މަސްލަހަތު ހިމެނޭ ބޮޑެތި ޕްރޮޖެކްޓްތަކަށް ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.