25 އޮކްޓޯބަރ 2016 - 05:41

މަޝްހޫރު ފިލްމީ ތަރި އާމިރު ޚާނަކީ އަބަދުވެސް އޭނާއާ އެކު ފިލްމު ކުޅޭ ބަތަލާއިންނަށް އުނދަގޫކޮށް ޖެއްސުންކުރާ ކަމަށް މަޝްހޫރު ވެފައިވާ މީހެކެވެ.
ޖެއްސުމަށް އާމިރު އެންމެ ގިނައިން ކުރާ ކަމަކީ މީހުންގެ އަތަށް ކުޅުޖެހުމެވެ. އަތް ބަލަން ދަންނަ މީހަކަށް ހެދިގެން އަތް ބަލަން ދައްކާށޭ ކިޔާފައި އަތް ދެއްކުން އަތަށް ކުޅުޖެހުމަކީ އާއްމުކޮށް އާމިރު ކުރާ ކަމެކެވެ. ވަރަށް ގިނަ ބަތަލާއިން މިކަމާ އާމިރު ދެކެ ވަރަށް ރުޅިއައިސްގެން ވެސް އުޅެ އެވެ.
އާމިރު، 51، މިކަމާ ބެހޭ ގޮތުން ދައްކާ ވާހަކާގައި ވެސް ހުރީ ޖެއްސުމުގެ ރާގެވެ. އޭނާ މިހާތަނަށް ކުޅުޖެހި ހުރިހާ ބަތަލާއިންނަށް ވެސް އެއްވަނަ ބަތަލާގެ މަގާމު ލިބިފައިވާ ކަމަށް އޭނާ ބުނެ އެވެ. އޭނާ އެގޮތަށް ކަންތައް ކުރަނީ އެ ބަތަލާއިންނަށް ރަނގަޅަކަށް ކަމަށް އާމިރު ބުނެ އެވެ.
އާމިރު ލަނޑުދިން އެއް ބަތަލާ އަކީ މާދުރީ ޑިކްޝިޓް އެވެ. މި ދެ މީހުން އެކުގައި ކުޅުނު ފިލްމެއްގެ ސެޓުގައި އާމިރު އަތް ބަލައިދޭނަމޭ ބުނެގެން އަތް ދެއްކުމުން އާމިރު ކުޅު ޖެހި ވާހަކަ މާދުރީ ވެސް ތަންކޮޅެއް ކުރިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ. އެ ދުވަހު މާދުރީ ހޮކީ ދަބެއް ހިފައިގެން އާމިރު ގައިގައި ޖަހަން ދުވުނު ކަމަށް އޭނާ ބުނެފައިވެ އެވެ.
އާމިރުގެ ސަމާސާގެ ޝިކާރައަކަށްވީ ބަތަލާއިންގެ ތެރޭގައި ޖޫހީ ޗައުލާ އާއި ޕްރީތީ ޒިންޓާ ވެސް ހިމެނެ އެވެ. އާމިރު ކުޅުޖެހުމުން އައި ރުޅީގައި ޖޫހީ ވަރަށް ގިނަ ދުވަސް ވަންދެން އާމިރާ ވާހަކަ ވެސް ނުދައްކާ ހުއްޓެވެ.
ނަމަވެސް އާމިރު ބުނަނީ ބަތަލާއިންގެ ނަސީބު އަތުގައި ހިފަނީ އޭނާ އެ އަތަކަށް ކުޅުޖެހުމުން ކަމަށެވެ.