ޗައިނާ މީހެއްގެ ކުށެއް ނެތްކަން ސާބިތުވީ 27 އަހަރު ޖަލުގައި ހޭދަކުރި ފަހުން
ޗައިނާ މީހެއްގެ ކުށެއް ނެތްކަން ސާބިތުވީ 27 އަހަރު ޖަލުގައި ހޭދަކުރި ފަހުން

ބެއިޖިން (އޮގަސްޓް 6) - މީހަކު މެރިކަމުގެ ތުހުމަތުގައި ޖަލުގައި ބަންދުކޮށްފައި ހުރި ޗައިނާ މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް 27 އަހަރު ފަހުން އެ ގައުމުގެ ކޯޓަކުން ނިންމައިފި އެވެ.

ޒަންގް ޔުހުއާން ތަކުރާރުކޮށް ބުނަމުން ދިޔައީ ކުށަށް އޭނާ އެއްބަސްކުރުވީ ފުލުހުން އަނިޔާކޮށްގެން ކަމަށެވެ. އޭނާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ 1993 ވަނަ އަހަރު ކުޑަ ދެ ކުއްޖަކު މަރާލި ކަމަށެވެ.

ޒަންގް އަކީ ކުށެއްނުކޮށް އެންމެ ގިނަ ދުވަހު ޗައިނާގެ ޖަލެއްގައި ބަންދުކޮށްފައި ހުރި މީހާ އެވެ. ޖިންގްޒީ ޕްރޮވިންސްގެ ޖަލެއްގައި އޭނާ ވަނީ 9،778 ދުވަސް ހޭދަކޮށްފަ އެވެ.

ޒަންގް މިނިވަންވީ އޭނާގެ މައްޗަށް ތުހުމަތުކުރާ މައްސަލަ ސާބިތުވާ ވަރަށް ހެކި ނެތްކަމަށް ހައި ކޯޓުން ނިންމުމުންނެވެ. ޒަންގް އިއްޔެ ޖަލުން ދޫކޮށްލުމާ އެކު ވަނީ އޭނާގެ 83 އަހަރުގެ މަންމަ އާއި ކުރީގެ އަންހެނުންނާ ބައްދަލުކޮށްފަ އެވެ. ޒަންގް ސަލާމަތް ކުރުމަށް އޭނާގެ ކުރީގެ އަންހެނުން ވަނީ ވަރަށް މަސައްކަތް ކޮށްފަ އެވެ.

ޒަންގް ނުހައްގުން ޖަލުގައި ބެހެއްޓި މުއްދަތަށް ބަދަލު ހޯދަން ދައުވާ ކުރެވޭނެ ކަމަށް ކޯޓުން ވަނީ އޭނާ އަށް އަންގައިފަ އެވެ. ޒަންގުގެ މައްސަލަ އަލުން ބެލުމަށް ތަކުރާރުކޮށް އެދެމުން ދިޔަ ނަަމަވެސް އޭނާގެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އެއްބަސްވެފައި ވަނީ މިދިޔަ އަހަރުގެ މާޗު މަހު އެވެ.