06 އޯގަސްޓް 2020 - 12:21

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން އެމަޖެންސީގައި ގެންނަން އުޅުނު 75 ވެންޓިލޭޓަރަށް ވީ ގޮތް ބަލަން، ނޫސްވެރިން ތަކުރާރުކޮށް އެތައް ސުވާލެއް ވަނީ ކޮށްފަ އެވެ. ބައެއް ފަހަރު އެ ސުވާލުގެ ޖަވާބު އެނބުރެމުން، އެނބުރެމުން ގޮސް ލައްވާލަނީ ނުގުޅޭ ހިސާބެއްގަ އެވެ. އަނެއް ބައި ފަހަރު ކޮންމެވެސް ތާރީހެއް ދެ އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި އޭރުގެ ތަރުޖަމާނު އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް މޭ 11 ގައި ވިދާޅުވީ އޭގެ ތެރެއިން 45 ވެންޓިލޭޓަރު "މި މަހު ތެރޭގައި ރާއްޖެ ގެނެވޭވަރު ވާނެ" ކަމަށެވެ.
މޭ، ޖޫން އަދި ޖުލައި މަސް ވެސް ނިމުނީ އެވެ. ކޮވިޑް-19އާ ދެކޮޅަށް އެޅި ވަރުގަދަ ފިޔަވަޅުތަކާ އެކު އެ ބަލި ފެތުރުން ކޮންޓްރޯލްކޮށް ލުއިތަކެއް ވެސް ދީފި އެވެ. އެ ލުއިތަކާ އެކު އަނެއްކާ ބަލި ފެތުރުން ބޮޑުވެ، ކުރިއަށް ވުރެ މާ އިމަޖެންސީކޮށް ވެންޓިލޭޓަރު ބޭނުންވާ ހާލަތަކަށް މިވަގުތު ވެއްޓިފައި އޮތް އިރު، ރޭ މި އިވުނީ އަދި މުޅިން އާ ވާހަކައެކެވެ: ވެންޓިލޭޓަރުތަކުގެ ފުލް ޕޭމަންޓް ނުދައްކާތީ، އެގްޒެކިއުޓާސް އިން ވެންޓިލޭޓަރުތައް ނުފޮނުވަނީ ކަމަށެވެ.
ފަހަތަށް އިހަށް ގޮސްލަމާ ހިނގާށެވެ. ދުބާއީ ކުންފުންޏަށް ސަރުކާރުން ވަނީ 30 މިލިއަން ރުފިޔާ އެޑްވާންސްކޮށް ދައްކައިފަ އެވެ. މިއީ އެ ހުރިހާ ވެންޓިލޭޓަރަށް ޖެހޭ 34 މިލިއަން ރުފިޔާގެ 90 ޕަސެންޓް އަގެވެ. މިހާ ބޮޑު ފައިސާގެ މުއާމަލާތެއް ހިންގާފައިވާ އިރު އަދި ވިޔަފާރީގައި އެއް ތަނުން އަނެއް ތަނަށް، ހާއްސަކޮށް ގައުމެއްގެ ސަރުކާރަކުން ޒިންމާވާ ކަމެއްގައި، ބާކީ ހަތަރު މިލިއަން ރުފިޔާ ނުލިބޭތީ ވެންޓިލޭޓަރުތައް ރާއްޖެ ނުފޮނުވަނިއްޔޭ، ބުނުމަކީ ގަބޫލުކުރަން އުނދަގޫ ވާހަކައެކެވެ.
ރާއްޖެއާ މީގެ ކުރިން ވިޔަފާރީގެ އެއްވެސް ކަހަލަ މުއާމަލާތެއް ހިންގާފައިވާ ކަން އެނގެން ނެތް ކުންފުންޏަކަށް އެހާ ބޮޑު ޒިންމާއެއް ހަވާލުކުރިކުރުމާ މެދު، ކޮރޯނާވައިރަސް އިން ސަލާމަތްވާން އަހަރެމެން އެންމެން ގޭގައި ބަންދުވެގެން ހޭދަކުރި ހާސްކަމުގެ ތެރޭގައި ވެސް، ސުވާލު އުފެދުނެވެ. އިގުތިސާދު ހުއްޓި، ދިރިއުޅުން ހުއްޓި، އަދި ސަރުކާރު ވެސް ގާތްގަނޑަކަށް ހުއްޓިފައި އޮތް ދަނޑިވަޅެއްގައި ކުރާ ބޮޑެތި ހޭދަތަކާ މެދު އެތައް ފަހަރަށް ވިސްނަން ވާނެ އެވެ. މި ފަހުގެ ސަރުކާރުތަކުގައި ހިންގާފައިވާ ހިޔާނާތުގެ ބޮޑެތި އަމަލްތަކާ ހެދި ބައެއް މީހުންގެ ނަޒަރު ދަނީ، ކޮރޯނާވައިރަސްގެ ފުސްގަނޑު ތެރޭގައި އަޑިން ހިންގަފާނެ ހިޔާނާތުގެ މުއާމަލާތްތަކާ ދިމާއަށެވެ. އެގޮތުން އެ ފުސްގަނޑުގައި ނުގެއްލި އޮތް އެއް ނަމަކީ، ދުބާއީގެ އެގްޒެކިއުސްޓާސް އެވެ.
އެމެރިކާ އާއި ޔޫރަޕްގެ މުއްސަނދި އެތައް ގައުމެއް ކޮރޯނާވައިރަސްގެ ރާޅުގައި ގެނބި، ވެންޓިލޭޓަރަށް ޖެހިގެން އުޅުމުން، ރާއްޖެއަށް ވެސް އެ ހޯދުން، ތަކުރާރުކޮށް މަބްރޫކް ވިދާޅުވަމުން ގެންދެވި ފަދައިން، ވަރަށް އުނދަގޫވާނެ އެވެ. އެކަމަކު ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ރާއްޖޭގެ ދެ ކުންފުންޏަކުން، އެ ހާލަތަށް ބަލާއިރު ނިސްބަތުން އަވަސް މިނެއްގައި ވެންޓިލޭޓަރުތައް އެތެރެކުރަމުން އަ އެވެ. މައްސަލަ ޖެހިގެން މި އުޅެނީ ޑަބްލިޔުއެޗުއޯގެ ރާއްޖޭގެ އޮފީހުގެ ވެސް ލަފާގެ މަތިން އެގްޒެކިއުސްޓާސްއާ ހަވާލުކުރި އެ ބޮޑު ޒިންމާ ފުރިހަމަ ނުކުރެވޭތީ އެވެ. އަދިވެސް ސަރުކާރުން އެކަމަށް އެންމެ ސާފު ޖަވާބެއް ނުލިބެ އެވެ. މަބްރޫކް ދެއްވި ތާރީހުތައް މާޒީ ވެއްޖެ އެވެ. މިހާރު އަޑުއަރާފައިވާ ގޮތުން ނަމަ، އެ ކުންފުނިން ފުރަތަމަ ފޮނުވި 10 ވެންޓިލޭޓަރަކީ، ކޮވިޑް-19ގެ އެންމެ އެމަޖެންސީ ހާލަތުގައި ބޭނުންކުރެވޭ ފަދަ އެއްޗެއް ވެސް ނޫނެވެ. އެކަމަކު އެ އަޑުތަކުގެ ތެދު ދޮގު ވެސް، ސަރުކާރަކުން ސާފެއް ނުކޮށްދެ އެވެ.
އެގްޒެކިއުސްޓާސްގެ ވެންޓިލޭޓަރުތަކުގެ މައްސަލާގައި އަހަރެމެންނަށް އަދިވެސް މި އުޅެވެނީ ފުރަތަމަ ދުވަހު ވެސް ކުރިމަތިވި ފުސްގަނޑު ތެރޭގަ އެވެ. އެ ދުވަހު ވެސް އޮތީ ކަމެއް ގޯސްކޮށް ހިނގައިދާނެކަމުގެ ނިޝާންތަކެވެ. ފުރަތަމަ ކަމަކީ ވިޔަފާރީގެ މުއާމަލާތެއްގައި ޑަބްލިޔުއެޗްއޯގެ ލަފައެއް ވަކި ކުންފުންޏަކާ މެދު ލިބުނު ގޮތެކެވެ. އެ ސުވާލު ރާއްޖޭގައި ހުންނަވާ ޑަބްލިޔުއެޗުއޯގެ މަންދޫބު ޑރ. އަރުވިންދު މާތޫރު އަށް އީމެއިލް މެދުވެރިކޮށް ވެސް "މިހާރު"ން މީގެ ކުރިން ވަނީ ކޮށްފަ އެވެ. އެކަމަކު ޖަވާބެއް ނުދެއްވަ އެވެ.
ވެންޓިލޭޓަރު ރާއްޖެ އަށް ނުފޮނުވައިގެން އުޅެނީ އެންމެ ހަތަރު މިލިއަން ރުފިޔާ ސަރުކާރުން އެގްޒެކިއުސްޓާސްއަށް ނުދައްކައިގެން ކަމަށް ދޭހަވާ ގޮތަށް މިހާރު ސަރުކާރުން ވާހަކަ ދެއްކިޔަސް، އެއީ ރައްޔިތުންނަށް ކަންކަން ފުރިހަމައަށް ސާފުކޮށްދިނުމެއް ނޫނެވެ. ކުރީ ރެއެއްގައި ވެންޓިލޭޓަރުގެ މައްސަލާގައި ސުވާލުކުރުމުން، ކޮވިޑް-19އާ ގުޅޭ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ މިވަގުތު ކޮވިޑް-19 އަށް ހާއްސަކޮށްގެން 100 އަށް ވުރެ ގިނަ ވެންޓިލޭޓަރު ހުރި ކަމަށެވެ. ނަމަވެސް އަސްލު ސުވާލަކީ، ދުބާއީ ކުންފުންޏަށް ފައިސާ ދެއްކި 75 ވެންޓިލޭޓަރަށް ވީ ގޮތެކެވެ. ރާއްޖޭގައި އެ ބަލީގެ ނުރައްކާތެރި ހާލަތުގައި ބޭނުންކުރެވެން މިވަގުތު ހުރި ވެންޓިލޭޓަރުތަކުގެ ވާހަކައެއް ނޫނެވެ.
މި މައްސަލާގައި ސަރުކާރުން މިހާރު ދޭން ޖެހޭ ޖަވާބު ބިނާކުރަން ޖެހޭނީ ތަފުސީލުތަކެއްގެ މައްޗަށެވެ. ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް، އެ 75 ވެންޓިލޭޓަރާ ބެހޭ ގޮތުން ހިންގި މުއާމަލާތްތަކުގެ މައުލޫމާތު ވަރަށް ރަނގަޅަށް ރައްޔިތުންނަށް އެބަ ބޭނުންވެ އެވެ. ޝައްކާއި ވަހުމާއި ތުހުމަތުގެ ފުސްގަނޑުން ނުކުތުމަށެވެ. މި ހިތްދަތި ހާލަތުގައި ވެސް، ވަކި ބަޔަކަށް ފައިދާ ވާ ގޮތަށް ވިޔަފާރީގެ މުއާމަލާތްތައް ނުހިންގާކަން ކަށަވަރުކުރުމަށެވެ. ކޮރޮޕްޝަނަށް "ޒީރޯ ޓޮލެރެންސް" ކަމަށް ސަރުކާރުން ދައްކާ ވާހަކަ ގަބޫލުކުރުމަށެވެ.