ޓޮރޭޒާއި އަކޭގެ ސޮއިހޯދައި ސިޓީ އިތުރަށް ވަރުގަދަކުރަނީ
ޓޮރޭޒާއި އަކޭގެ ސޮއިހޯދައި ސިޓީ އިތުރަށް ވަރުގަދަކުރަނީ

މެންޗެސްޓާ (އޮގަސްޓް 6) - މެންޗެސްޓާ ސިޓީން ވެލެންސިއާގެ ފެރަން ޓޮރޭޒާއި ބޯންމައުތުގެ ނޭތަން އަކޭގެ ސޮއި ހޯދުމަށް ފަހު ޓީމު ވަރުގަދަ ކުރަން އިތުރު ކުޅުންތެރިންތަކެއް ގެންނަން މަސައްކަތް ފަށައިފި އެވެ.

މި ފަހަރު އިނގިރޭސި ޕްރިމިއާ ލީގުން ރެލިގޭޓްވި ބޯންމައުތަށް 48 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއް ދެއްކުމަށް ފަހު ސިޓީން އަކޭގެ ސޮއިހޯދީ އެހެން ޓީމުތަކަކާ ވެސް ވާދަކޮށްފަ އެވެ. އުމުރުން 20 އަހަރުގެ ޓޮރޭޒް ހޯދަން ސިޓީން ވެލެންސިއާ އަށް ދެއްކީ 25 މިލިއަން ޑޮލަރެވެ. މި ދެ ކުޅުންތެރިން ވެސް ވަނީ ސިޓީއާ އެކު ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ.

ޗެލްސީ ޔޫތު ޓީމަށް ކުރިން ކުޅުނު އަކޭ ބުނީ ސިޓީ އަކީ ފާއިތުވި 10 އަހަރަށް ބަލާއިރު ލީގުގައި އޮތް އެންމެ ވަރުގަދަ ޓީމު ކަމަށާއި އެ ފަދަ ޓީމަކާ ގުޅި ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންނާ އެއް ޓީމަކަށް ކުޅުމަކީ އޭނާގެ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށެވެ.

ސްޕެއިނުގެ ގައުމީ ޓީމުން ވެސް ފުރުސަތު ހޯދާފައިވާ ޓޮރޭޒް އެންމެ ފުރަތަމަ ބޭނުންވީ ވެލެންސިއާގައި މަޑުކުރާށެވެ. އެކަމަކު ސިޓީގެ ލެރޯއި ސޭނާ ޖަރުމަނުގެ ބަޔާން މިއުނިކަށް ބަދަލުވުމާ އެކު އެ މަގާމަށް ކުޅުންތެރިއަކު ހޯދަން ޖެހުމުން ސިޓީން އަވަސްވެގަތީ ޓޮރޭޒް ގެންނާށެވެ. ޓޮރޭޒްގެ ސޮއި ސިޓީން ހޯދީ ޑޭވިޑް ސިލްވާގެ އެހީއާ އެކު އެވެ. އަދި ޓޮރޭޒް ބުނީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއާ އެކު ދެކެވުނު ވާހަކަތަކަށް ފަހު މި ޓީމަށް ބަދަލުވާން ބޭނުންވި ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައ އަކޭ އާއި ޓޮރޭޒް ގެނައުމަށް ފަހު ސިޓީން އަންނަނީ އަދި އިތުރު ތިން ކުޅުންތެރިއަކު ގެންނަން މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި ޑިފެންޑަރަކާއި ފުލްބެކެއްގެ އިތުރުން ފޯވާޑެއް ހިމެނެ އެވެ. ޑިފެންޑަރަކަށް ސިޓީން އެންމެ ބޭނުންވަނީ ސެވިއްޔާގެ ޑިއޭގޯ ކާލޯސް އާއި ނަޕޯލީގެ ކަލީދޫ ކުލިބަލީގެ ތެރެއިން ކުޅުންތެރިއެކެވެ. އަދި ފޯވާޑަކަށް ސިޓީގެ އެންމެ ބޮޑު ޓާގެޓަކީ އިންޓަގެ ލަޓާރޯ މާޓީނޭޒް އެވެ. މިޑްފީލްޑަރަކަށް ސިޓީން ހޯދަން މަސައްކަތްކުރާ ކުޅުންތެރިއަކީ ޕޯޓޯގެ އަލެކްސް ޓެލޭސް އެވެ.

އިތުރު ކުޅުންތެރިން ގަންނަން ފަންޑް ހޯދަން ސިޓީން ބައެއް ކުޅުންތެރިން ވިއްކާލާނެ އެވެ. އެ ކުޅުންތެރިންގެ ތެރޭގައި ޖޯން ސްޓޯންސް އާއި ނިކޮލަސް އޮޓަމެންޑީ ހިމެނެ އެވެ. ކޮންޓްރެކްޓް ހަމަވުމާ އެކު މި ސީޒަނަށް ފަހު ސިޓީގެ ކެޕްޓަން ޑޭވިޑް ސިލްވާ އެ ޓީމު ދޫކޮށްލާނެ އެވެ.