05 އޯގަސްޓް 2020 - 22:37

މާލެ ތެރޭގައި ހަލުއި ކަމާއެކު މިހާރު ފެތުރެމުންދާ ކޮވިޑް-19 އަށް މިއަދު 148 މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.
އެޗްޕީއޭ އިން މިއަދު އާއްމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ހަވީރު 6 އިން މިއަދުގެ ހަވީރު 6 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ. އެއީ 117 މީހުންނެވެ. އަދި ބަންގްލަދޭޝްގެ 22 މީހަކާއި އިންޑިއާގެ ހަތް މީހެއްގެ ނޭޕާލް މީހަކާއި ސީޝެލްސްގެ މީހަކު ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ.
މީގެ ތެރެއިން ދެ މީހެއް ފިޔަވައި އެންމެން ވެސް ޕޮޒިޓިވްވީ މާލެ ސަރަހައްދުންނެވެ. މާލޭގެ އިތުރުން ދެން ޕޮޒިޓިވްވެފައިވަނީ ފުވައްމުލަކުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކާއި އދ. އޮމަދޫން މާލެ ގެނައި މީހެކެވެ.
ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، ބަލި ޖެހިފައިވާ 1،869 މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން 110 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
ކޮވިޑް-19އިގައި މިހާތަނަށް 19 މީހަކު މަރުވެފައިވާއިރު އޭގެ ތެރޭގައި ވެސް ގިނައީ ދިވެހިންނެވެ.
ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމުން ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށް، ރޭގަނޑު 10 އިން ފަތިހު 5 އާ ދެމެދު މާލެ ސަރަހައްދުގެ މަގުތަކަށް ނުކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ.