25 އޮކްޓޯބަރ 2016 - 05:45

މިއަހަރުގެ އެންމެ ބޮޑު ހަނގުރާމައަށް ބޮލީވުޑް ވަނީ ތައްޔާރުވެފަ އެވެ. ބޮޑު ބަޖެޓަކުން އުފައްދާފައިވާ ބޮޑު ދެ ފިލްމެއް ހުކުރު ދުވަހު ރިލީޒްކުރާ އިރު ބޮކްސް އޮފީހުގައި ކުރި ހޯދާނީ މިތަނުން ކޮން ފިލްމެއްތޯ ޓްރޭޑް އެކްސްޕާޓުން ވަނީ ލަފާ ކުރުންތަކުގެ މަސައްކަތް ފަށާފަ އެވެ. އެއް ބަޔަކު ތަފާސް ހިސާބަށް ބަލާއިރު އަނެއް ބަޔަކު ބަލަނީ ސްޓާރުންގެ ބާރުވެރި ކަމަށެވެ.
ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރްގެ "އޭ ދިލް ހެ މުޝްކިލް"ގައި ރަންބީރު ކަޕޫރާއި އައިޝްވަރިޔާ ރާއީ އަދި އަނުޝްކާ ޝަރުމާ އާއި ފަވާދު ޚާނެވެ. އަޖޭ ދޭވްގަންގެ "ޝިވާއޭ"ގައި އަޖޭ ފިޔަވައި ދެން އުޅެނީ ވަރަށް އާ އެކްޓަރުން ތަކެކެވެ. މި ފިލްމަކީ އަޖޭ ޑައިރެކްޓްކޮށް އަދި އެކްޓް ވެސް ކޮށްފައިވާ ފިލްމެކެވެ.
ދެ ފިލްމު ރިލީޒްކުރަނީ އެއް ދުވަހެއްގައި ކަން ޔަގީންވި ހިސާބުން ދެ ފިލްމުގެ ހަނގުރާމަ އޮތީ ފެށިފަ އެވެ. އެންމެ ފުރަތަމަ ހަމަލައެއް ދޫކޮށްލީ އަޖޭ އެވެ. އޭނާ ތުހުމަތުކުރި ގޮތުގައި ފިލްމުތަކާ ބެހޭ ގޮތުން ފާޑުކިޔާ ކަމާލް އާރް. ޚާން ކިޔާ މީހަކަށް ކަރަން 25 ލައްކަ ރުޕީސް ދީގެން "އޭ ދިލް ހެ މުޝްކިލް" ގެ މޮޅު ވާހަކަ އާއި "ޝިވާއޭ" ގެ ކަމުނުދާ ވާހަކަ ދެއްކުވި އެވެ. މިކަމާ ދެފަރާތުގެ ސަޕޯޓަރުންގެ މެދުގައި ވަރަށް ހޫނު ބަހުސްތަކެއް ހިނގުމަށްފަހު އެންމެ ފަހުން ކަރަން އާއި އަޖޭގެ އަންހެނުން ކާޖޮލްއާ ދެމެދު އޮތް ގާތް ގުޅުން ވެސް ކެނޑިގެން ގޮސްފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
ދެން މައްސަލަ ދިމާވީ ކަރަންގެ ފިލްމަށެވެ. އެ ފިލްމުގައި ޕާކިސްތާނު އެކްޓަރު ފަވާދު ޚާން އުޅޭތީ ފިލްމު ރިލީޒްކުރިޔަ ނުދޭން ސިޔާސީ ޕާޓީތަކަކުން ކުރި މަސައްކަތްތަކެއްގެ ސަބަބުންނެވެ. ނަމަވެސް އެ މައްސަލަ ވެސް މިހާރު ވަނީ ހައްލުވެފަ އެވެ. އަދި ކަރަންގެ ފިލްމު ރިލީޒްކުރުމުގައި އެއްވެސް ހުރަހެއް ކުރިމަތިނުކުރާނެކަމަށް ސިޔާސީ ޕާޓީތަކުން މިހާރު ވަނީ ބުނެފަ އެވެ.
މިހާރު ފެށިގެން އުޅެނީ ޓްރޭޑް އެކްސްޕާޓުންގެ ލަފާކުރުން ތަކެވެ. މި ލަފާކުރުންތަކަށް ބަލާލުމުގެ ކުރިން ދެ ފިލްމުގެ ބަޖެޓަށް ބަލާލަން ޖެހެ އެވެ.
ދެ ފިލްމުގެ ބަޖެޓަށް ބަލާއިރު "އޭ ދިލް ހެ މުޝްކިލް" ގެ ބަޖެޓަކީ 900 މިލިއަން ރުޕީސް އެވެ. "ޝިވާއޭ"ގެ ބަޖެޓަކީ 1050 މިލިއަން ރުޕީސް އެވެ. މިހާރު ވެސް ސެޓެލައިޓްސް ރައިޓްސް އާއި މިއުޒިކް ރައިޓްސް ވިއްކާލައިގެން "އޭ ދިލް ހެ މުޝްކިލް" އަށް 550 މިލިއަން ރުޕީސް ލިބިފައިވެ އެވެ. އަދި "ޝިވާއޭ"އަށް 600 މިލިއަން ރުޕީސް ލިބިފައިވެ އެވެ.
"އޭ ދިލް ހެ މުޝްކިލް" އަށް ބޮކްސް އޮފީހުގައި ހިޓެއްގެ ދަރަޖަ ލިބޭނީ 1150 މިލިއަން ރުޕީސް ލިބިގެންނެވެ. "ޝިވާއޭ" އަށް 1300-1200 މިލިއަން ލިބެން ޖެހެ އެވެ.
ކޮންމެ ފިލްމެއް ވެސް އިންޑިއާ ގައި ރިލީޒްކުރާނީ 2800 އާއި 3000 އާ ދެމެދުގެ އަދަދެއްގެ ސްކްރީންތަކުގަ އެވެ. ނަމަވެސް ބައެއް ޓްރޭޑް އެކްސްޕާޓުން ބުނަނީ މަލްޓިޕްލެކްސްތަކުގައި "އޭ ދިލް ހެ މުޝްކިލް" ހިނގާލެއް "ޝިވާއޭ"އަށް ވުރެ ރަނގަޅުވާނެ ކަމަށެވެ.
ފަހަރެއްގައި ފަވާދު ޚާން އުޅޭތީ އިންޑިއާ ބައެއް މީހުން ޕާކިސްތާނު ދެކެ އަރާ ރުޅީގައި ފިލްމު ބަލަން ނުދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބައެއް ތަޖުރިބާކާރުން ލަފާ ކުރެ އެވެ. ފަވާދު އުޅުނަސް ރަންބީރު ކަޕޫރާއި އައިޝްވަރިޔާ އަދި އަނުޝްކާގެ ސަބަބުން ގިނަ ބަޔަކު ފިލްމު ބަލަން ދާނެކަމަށް ބައެއް މީހުން ލަފާކޮށްފައިވެ އެވެ.
ފިލްމު ވިޔަފާރީގެ ބައެއް ތަޖުރިބާކާރުން ބުނަނީ "އޭ ދިލް ހެ މުޝްކިލް" އަށް ފުރަތަމަ ދުވަހު 170 މިލިއަން ލިބޭނެކަމަށް ލަފާ ކުރެވޭ ކަމަށާއި "ޝިވާއޭ" އަށް ލިބޭނެކަމަށް ލަފާ ކުރެވެނީ 140 މިލިއަން ކަމަށެވެ.