އޮމަދޫން މާލެ ގެނައި މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
އޮމަދޫން މާލެ ގެނައި މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އދ. އޮމަދޫން ރޭ މާލެ ގެނައި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އުމުރުން 64 ގެ އެ އަންހެން މީހާ ފުރަތަމަ ގެންދިޔައީ އެ އަތޮޅު މަހިބަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށެވެ. ލޯންޗެެއްގައި އޭނާ މާލެ ގެނައީ އެ ހޮސްޕިޓަލުންނެވެ.

އދ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ބުންޔާމީން ހަސަން ވިދާޅުވީ، ނޭވާ ހިއްލާތީ އެ މީހާ އެ ހޮސްޕިޓަލަށް ގެންދިޔައީ ރޭ 7:30 ގައި ކަމަށެވެ. ރޭ 11:30 ހާއިރު އެ މީހާ މާލެ ގެނެސް އައިޖީއެމްއެޗުން ހެދި ޓެސްޓު ޕޮޒިޓިވް ވެފައިވާ ކަމަށް ބުންޔާމީން ވިދާޅުވި އެވެ.

ކުރިއްސުރެ ނޭވާ ހިއްލާ އެ މީހާގެ ގައިން ކޮވިޑްގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށް ބުންޔާމީން ވިދާޅުވި އެވެ.

އުމުރުން ދުވަސްވީ މީހާ ކޮވިޑަށް ޕޮޒިޓިވްވުމާއެކު، އޭނާއާ އެކި ގޮތްގޮތުން ބައްދަލުވި މަހިބަދޫ ހޮސްޕިޓަލުގެ ނުވަ މުވައްޒަފަކު ވަނީ އެކަހެރި ކޮށްފަ އެވެ. އެ މީހާ ގެންދިޔަ ލޯންޗުގެ ފަޅުވެރިން ވެސް ވަނީ އެކަހެރި ކޮށްފަ އެވެ.

އޮމަދޫގައި ވެސް މިހާރު ގެންދަނީ ކޮންޓެކްޓް ޓްރޭސިން ހަދަމުންނެވެ. އެޗްޕީއޭ އިން ބުނީ، އެ ރަށް އަދި މޮނިޓަރިންގެ ހާލަތަށް ނުގެންދިޔަ ނަމަވެސް، މިއަދު އެ ރަށަށް އަރައިފޭބުން މަނާ ކަމަށެވެ.

އޮމަދޫ މީހާ އަށް ބަލި ޖެހުނީ ކިހިނެއް ކަމެއް އަދި ނޭނގެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި އެއީ މިއިން ދުވަހަކު އެއްވެސް ތަނަކަށް ދަތުރުކުރި މީހެއް ނޫނެވެ.

މާލޭގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުން ދާއިރު ރަށްރަށުން ވެސް ދަނީ އެ ބަލި ފެންނަމުންނެވެ. އެކަމަކު ރަށްރަށުގައި ގިނައިން ޕޮޒިޓިވްވެފައިވަނީ މާލެ އިން ގޮސް ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ.