"މުލާން" އަންނަ މަހު ޑިޒްނީ ޕްލަސް އަށް
"މުލާން" އަންނަ މަހު ޑިޒްނީ ޕްލަސް އަށް

އެންމެ ފުރަތަމަ 2018 ގައި ގެނެސްދޭން ނިންމުމަށް ފަހު މި އަހަރަށް ފަސްކޮށް، ކޮވިޑް-19 އާ ހެދި އެކި ފަހަރުމަތިން ތާރީހު ބަދަލުވަމުން ދިޔަ ޑިޒްނީގެ ލައިވް-އެކްޝަން ފިލްމު "މުލާން" އަންނަ މަހު ޑިޒްނީ ޕްލަސް އިން ޕްރިމިއާކުރާ ގޮތަށް ނިންމައިފި އެވެ.

ސިނަމާތަކުގައި ފިލްމު އެޅުވޭނެ ދުވަހެއް ކަށަވަރުނުވާތީ ޑިޒްނީން މިހާރު ނިންމާފައިވާ ގޮތުން ފިލްމު އެ ކުންފުނީގެ ސްޓްރީމިން ޕްލެޓްފޯމުން ޕްރިމިއާކުރާނީ އަންނަ މަހުގެ 4 ގަ އެވެ. އަދި ފިލްމު ބަލަން ބޭނުން ނަމަ ހާއްސަ އަގެއް ވެސް ދައްކަން ޖެހެ އެވެ. އެއީ 30 ޑޮލަރެވެ.

ޑިޒްނީން ބުނީ "މުލާން" ސިނަމާތަކުގެ ބަދަލުގައި ސްޓްރީމިން އަށް ދޫކޮށްލަން ޖެހުމަކީ އެންމެ ބޭނުންވި ގޮތް ނޫން ކަމަށެވެ. އެކަމަކު މި ދަނޑިވަޅުގައި ފިލްމު ނާޅުވައި ލަސްކުރުމަށް ވުރެ، ސްޓްރީމިން ޕްރިމިއާއަކަށް ދިން ބުއްދިވެރި ކަމަށް ބުންޏެވެ. އެކަމަކު ޑިޒްނީން ބުނީ ޑިޒްނީ ޕްލަސް ނުލިބޭ ގައުމުތަކުގެ ސިނަމާތައް ހުޅުވި އިރަކުން އެ ގައުމުތަކުގައި ފިލްމު އަޅުވާނެ ކަމަށެވެ.

"މުލާން" އެންމެ ފުރަތަމަ ސިނަމާތަކަށް ގެންނަން ނިންމީ 2018 ގެ ނޮވެމްބަރު މަހުގެ 2 ގަ އެވެ. އަދި ފަހުން ވަނީ މި އަހަރުގެ މާޗް 27 އަށް ފަސްކޮށްފަ އެވެ. ސްޓްރީމިން އަށް ފިލްމު ދޫކޮށްލަން ނިންމީ ކޮވިޑާ ހެދި ފިލްމު ގެނެސްދޭ ތާރީހު އެކި ފަހަރު މަތިން ލަސްކުރަމުން ގޮހެވެ.

ނިކީ ކާރޯ ޑައިރެކްޓްކޮށްފައިވާ "މުލާން" އަކީ 1998 ގައި ބެރީ ކުކް އާއި ޓޯނީ ބެންކްރޮފްޓް ޑައިރެކްޓްކޮށް ގެނެސް ދިން އެނިމޭޓެޑް ފިލްމު އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ. މީގެ މައިގަނޑު ވާހަކައަކީ އަސްކަރިއްޔާގައި މަސައްކަތްކޮށްފައިވާ އުމުރުން ދުވަސްވީ މީހަކު އަލުން އެނބުރި ހަނގުރާމަ އަށް ނުކުންނަން ޖެހުމުން ބަދަލުގައި އޭނާގެ އަންހެން ދަރިފުޅު ހަނގުރާމަ އަށް ނުކުމެ ދައްކައިލާ ކުޅަދާނަ ކަމެވެ.