އުނގޫފާރުގެ ހުރިހާ ސާމްޕަލްތައް ނެގެޓިވް
އުނގޫފާރުގެ ހުރިހާ ސާމްޕަލްތައް ނެގެޓިވް

ރ. އުނގޫފާރުން މާލެ ގެނައި އަންހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ އެކު އިތުރު ބަޔަކަށް އެ ބަލި ޖެހިފައިވޭތޯ ބަލަން އެ ރަށުން ނެގި ހުރިހާ ސާމްޕަތައް ނެގެޓިވް ވެއްޖެ އެވެ.

ޅ. ކުރެންދޫން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ އުމުރުން 50 އަހަރުގެ އަންހެނަކަށް ކޮވިޑް ޖެހިފައިވާ ކަން އެނގުނީ، އޭނާ އަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިދިޔަ ހޯމަ ދުވަހު މާލެ ގެނައުމުންނެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއްޔެ ހެނދުނު އެ ރަށް މޮނިޓަރު ކުރަން ފަށައި، އެ ރަށުން އަރައިފޭބުން މަނާ ކުރި އެވެ.

އުނގޫފާރު ހޮސްޕިޓަލުގެ ރީޖަނަލް މެނޭޖަރު އިބްރާހިމް ޒަޔާން "މިހާރު" އަށް މިއަދު ވިދާޅުވީ، ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓްވި ކަމަށް ބެލެވިގެން ފަސް މީހެއްގެ ސާމްޕަލް ނެގި ކަމަށެވެ. އެއީ ދެ ޑޮކްޓަރަކާއި ނަރުހަކާއި އެ އަންހެން މީހާއާ އެންމެ ގާތުގައި ހޮސްޕިޓަލުގައި އުޅުނު ހައި ރިސްކު ޕޭޝަންޓަކާއި އެ އަންހެންމީހާގެ ދަރިއެއްގެ ސާމްޕަލް ކަމަށާއި އެ މީހުން ނެގެޓިވް ވުމާ އެކު އެ ރަށް މިހާރު އާންމު ހާލަތަކަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަލި މީހާއާ އެކު މާލެ އަށް ދިޔަ އެހީތެރިޔާގެ ސާމްޕަލް ވެސް ނެގި، އެ މީހާ ވެސް ކޮވިޑް އަށް ނެގެޓިވް،" އޭނާ ވިދާޅުވި އެވެ.

މި ކޭސްއާ ގުޅިގެން އެކަހެރި ކުރި ހޮސްޕިޓަލުގެ މަސައްކަތްތެރިން އަދިވެސް ތިބީ އެކަހެރިކޮށްފަ އެވެ. އެ މީހުންގެ ތެރޭގައި ހަތް ޑޮކްޓަރަކާއި 27 ނަރުހަކާއި ހޮސްޕިޓަލްގެ ބައެއް މަސައްކަތްތެރިން ހިމެނެ އެވެ. އެ މީހުން ޓެސްޓުކުރާނީ އެޗްޕީއޭ އިން އެންގުމުން ކަމަށް ޒަޔާން ވިދާޅުވި އެވެ.

އެހާ ގިނަ މަސައްކަތްތެރިން އެކަހެރިކޮށްފައި ތިބުމުން ހޮސްޕިޓަލް ހިންގަން ވަނީ ދަތިވެފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވޮލަންޓިއަރުންގެ އެހީގައި އަޅުގަނޑުމެން އެބަ ހޮސްޕިޓަލް ހިންގަން،" ޒަޔާން ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން އެޅި ރައްކާތެރި ފިޔަވަޅުތަކަށް ލުއިދޭން ފެށުމާ އެކު މި ބަލި ފެތުރޭލެއް ވަނީ އިތުރުވެފަ އެވެ. އެހެންވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އިއްޔެ އިން ފެށިގެން ވަރުގަދަކުރަން ސަރުކާރުން ވަނީ ފަށައިފަ އެވެ.
މި ބަލީގައި މިހާތަނަށް 4،446 މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު 2،693 މީހުން ވަނީ ރަނގަޅުވެފަ އެވެ. މި ބަލި ޖެހުނު 19 މީހަކު ވަނީ މަރުވެފަ އެވެ.