05 އޯގަސްޓް 2020 - 11:37

އަންނަ ސީޒަނުން ފެށިގެން ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރަން ތައްޔާރުވަމުން އަންނަ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން، ދެމެހެއްޓެނެވި ގޮތެއްގައި ކްލަބް ހިންގަން އާމްދަނީ ހޯދަން މާލޭގައި ކޮފީ ޝޮޕެއް ހުޅުވައިފި އެވެ.

ކާމިނީ މަގުގައި، ސްޕޯޓްސް ލައުންޖް ކޮންސެޕްޓަށް ހުޅުވި މި ކެފޭގައި އޮންނަނީ ކްލަބުގެ މެމްބަރުންގެ ހިއްސާ އެވެ. އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ގެ ބައިވެރިވުން ވެސް އޮންނާނެ އެވެ.
ދަގަނޑޭ "މިހާރު" އަށް ބުނި ގޮތުގައި، މި ޕްރޮޖެކްޓުގައި ބައިވެރިވީ ގޭދޮށު ކްލަބުގެ ކަމަކަށް ވުމުގެ އިތުރުން އަމިއްލަ އަށް އާމްދަނީ ހޯދައިގެން ކްލަބް ހިންގާ މޮޑެލް ރާއްޖޭގައި ދިރުވައި އާލާކުރުމުގެ ބޭނުމުގައި ކަމަށެވެ.
"ރާއްޖޭގެ ކްލަބްތައް އެބަޖެހޭ އެ މޮޑަލަށް ހިންގަން. އެ މަގުސަދުގައި ހުޅުވިތަނެއް މިއީ،" ދަގަނޑޭ ބުންޏެވެ.
ރާއްޖޭގެ ގިނަ ކްލަބްތައް ހިންގަނީ ކޮންމެވެސް ވިޔަފާރިވެރިއެއްގެ އެހީގަ އެވެ. އާއްމު ގޮތެއްގައި ދެ ތިން އަހަރަށް ފަހު އެ މީހަކު ކްލަބް ދޫކޮށްލުމުން، ކްލަބް އޮންނަނީ ބޮޑު އަޑިގަނޑަކަށް ވެއްޓިފަ އެވެ. އެކަމަކު މީގެ ކުރިން ވީބީ އައްޑޫ އެފްސީ އަދި މިހާރަށް ބަލާއިރު މާޒިޔާ ހިންގުމުގައި ކްލަބާ ގުޅުން ހުރި ވިޔަފާރިން އެހީތެރިކަން ލިބެ އެވެ. އެއާ އެކު މާޒިޔާ ފެންނަނީ މާލީ ގޮތުންނާއި ހިންގުމުގެ ގޮތުން ނަމޫނާއެއްގެ ގޮތުގަ އެވެ.
ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ މާކެޓިން މަސައްކަތުގައި އިސްކޮށް އުޅޭ ޑރ. ސަނީ އުމަރު ބުނި ގޮތުގައި މި ކެފޭގެ އަނެއް މަގުސަދަކީ ފިރިހެނުންނާއި އަންހެނުން ހިމެނޭ ގޮތަށް ރާއްޖޭގެ ފުޓްބޯޅަ ކޮމިއުނިޓީ، އެއްތަންވެލައި މެޗުތައް ބަލާލެވޭނެ މާހައުލެއް ގާއިމްކުރުން ކަމަށެވެ. ދިވެހި ފުޓްބޯޅައިގެ އެހާރާއި މިހާރުގެ ފޮޓޯތަކުން ޒީނަތްތެރިކޮށްފައިވާއިރު، މެޗުތައް ބެލޭނެ އިންތިޒާމް ހަމަޖައްސާފައި ހުރެ އެވެ. އަދި ތަފާތު ވައްތަރުތަކުގެ ކޮފީ އާއި ކެއުންތައް ލިބެން ހުރެ އެވެ.
ހުކުރު ދުވަހުގެރޭ އޮތް ރަސްމިއްޔާތެއްގައި ކެފޭ ހުޅުވައިދެއްވީ އެމްޓީސީގެ މެނޭޖިން ޑިރެކްޓަރު އަދި ވިކްޓްރީގެ ކުރީގެ ކުޅުންތެރިޔާ އާދަމް އާޒިމެވެ. އެ ރަސްމިއްޔާތުގައި ދަގަނޑޭ އަދި ދެކުނު އޭޝިއާގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ބައިވެރިވި އެވެ. އަދި އޭގެ ފަހުން އެތަނަށް ރާއްޖޭގެ ކުޅިވަރުގެ އިސް ފަރާތްތަކުން އަންނަނީ ޒިޔާރާތްކޮށް ޕްރޮމޯޓްކުރަމުންނެވެ. އޭގެ ތެރޭގައި މަޝްހޫރު ކޯޗު އަލީ ސުޒޭނާއި ރާއްޖޭގެ ކުރީގެ މެރެތަން ރެކޯޑް ހޯލްޑަރު ހުސެއިން ހަލީމް (ކުޑަހުސެން) އަދި އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ތޮލާލް ހިމެނެ އެވެ.
ގިނަ ބަޔަކު އަންނަނީ ފުޓްބޯޅަ ކުޅުންތެރިންތަކެއް އިސްވެ ތިބެ، އާމްދަނީ ހޯދަން އަދި ކްލަބެއް ދެމެހެއްޓެނެވިވި ގޮތެއްގައި ހިންގުމަށް މިފަދަ ކެފޭއެއް ހުޅުވުމުން އެކަމަށް ތައުރީފްކުރަމުންނެވެ. ކުޅިވަރު ތަރިން، މި ކޮންސެޕްޓަށް ކެފޭ/ރެސްޓޯރެންޓް ހުޅުވުމަކީ ދުނިޔޭގައި އާއްމު ކަމެކެވެ. އެގޮތުން ސްރީ ލަންކާގެ ކްރިކެޓް ތަރިން ކަމަށްވާ މަހެލަ ޖަޔަވަރްދެނަ އާއި ކުމާރު ސަންގަކަރަގެ ހިއްސާ އޮވެގެން ކޮލަމްބޯގައި "ސެކަންޑް އިނިންގްސް" ގެ ނަމުގައި ވަނީ ސްޕޯޓްސް ލައުންޖެއް ހުޅުވައިފަ އެވެ.
އެކުވެރިންތަކެއްގެ މެދުގައި މަޖަލަށް ބޯޅަ ކުޅެން ދިއުމަށް އުފެދުނު މި ގްރޫޕް، ކްލަބަކަށް ބަދަލުވެ ކުޑަ ދުވަސްކޮޅެއް ތެރޭ ދެ ޑިވިޝަނެއް ގިރާކޮށް މި ވަނީ ފުރަތަމަ ޑިވިޝަނަށް އައިސްފަ އެވެ. އެ ފުރުސަތު ހޯދީ މި އަހަރުގެ ފެބްރުއަރީ މަހު ދެ ވަނަ ޑިވިޝަނުގެ ފައިނަލުން ފުރުސަތު ހޯދައިގެންނެވެ. ފައިނަލުން އެ ޓީމު ވެލެންސިއާ އަތުން 3-1 އިން ބަލިވީ އެވެެ