05 އޯގަސްޓް 2020 - 09:50

ލަންޑަން (އޮގަސްޓް 5) – ދުނިޔޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ މެޗު ކަމަށްވާ، އިނގިރޭސި ޗެމްޕިއަންޝިޕް (ދެ ވަނަ ޑިވިޝަން) ގެ ޕްލޭއޮފް މެޗުން ބްރެންފޯޑް 2-1 އިން ބަލިކޮށް ފުލަމް އިން އިނގިރޭސި ޕްރިމިއާ ލީގަށް ޕްރޮމޯޓްވެއްޖެ އެވެ.
ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމުގައި، ލަންޑަނަށް ނިސްބަތްވާ ދެ ޓީމު ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 0-0 އިން އެއްވަރުވެފަ އެވެ. ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ތެރޭ ފުލަމްގެ ޑިފެންޑަރު ޖޯއި ބްރަޔަން ދެ ލަނޑު ޖެހި އެވެ. އަދި ނިމެން ދަނިކޮށް ބްރެންޓްފޯޑުގެ ހެންރިކް ޑަލްސްގާޑް ލަނޑެއް ޖެހި ނަމަވެސް އެއްވަރުކުރެވޭ ގޮތެއް ނުވި އެވެ.
މިދިޔަ ސީޒަނުގައި ޗެމްޕިއަންޝިޕަށް ރެލިގޭޓްވި ފުލަމް، އެއް ސީޒަން ތެރޭ އަލުން ޕްރިމިއާ ލީގަށް އެރުމަކީ ކޯޗު ސްކޮޓް ޕާކާ އަށް ކްލަބުގެ ވެރިޔާ ޕާކިސްތާނަށް އުފަން އެމެރިކާގެ ބިލިއަނަރު ޝާހިދު ޚާން އޭނާ އަށް ކުރި އިތުބާރަށް އޭނާ ދިން ބަދަލެކެވެ. ކްލައުޑިއޭ ރަނިއޭރީގެ ބަދަލުގައި މިދިޔަ ސީޒަނުގެ މެދުތެރެއިން ޕާކާއާ ހަވާލުކޮށްފައިވަނިކޮށް ކްލަބް ރެލިގޭޓްވީ ނަމަވެސް ޝާހިދު ޚާން އޭނާ އަށް ދާއިމީ ކޮންޓްރެކްޓެއް ދިނީ އެވެ.
ފުލަމް މީގެ ދެ އަހަރު ކުރިން ޕްރިމިއާ ލީގަށް ޕްރޮމޯޓްވެ 100 މިލިއަން ޑޮލަރަށް ވުރެ ބޮޑު ހޭދައެއް ކުރި އެވެ. މި މެޗުން މޮޅުވުމާ އެކު ފުލަމް އަށް 176 މިލިއަން ޑޮލަރު ލިބޭނެތީއާ އެކު މި ފަހަރު ވެސް ހަރަދުކުރާނެ ކަމަށް ބެލެވެ އެވެ.
ޖުމްލަ 220 މިލިއަން ޑޮލަރުގެ އަގުހުރި މި މެޗުގެ ވެލިއު ބޮޑުވަނީ ޓީވީ ރައިޓްސް، ފައިސާގެ އިނާމްގެ އިތުރުން ޕްރިމިއާ ލީގު ބޯނަސް، ކޮމާޝަލް ބޯނަސްގެ އިތުރުން ބެޓިން ފައިސާގެ ހިމަނައިގެންނެވެ. ޗެމްޕިއަންސް ލީގު ޗެމްޕިއަންކަން ހޯދައިގެން ވެސް އެންމެ ގިނަވެގެން ހޯދެނީ 90 މިލިއަން ޑޮލަރެވެ. އަދި ފީފާ ވޯލްޑް ކަޕް ޗެމްޕިއަން ޓީމަށް ލިބެނީ 38 މިލިއަން ޑޮލަރެވެ.