04 އޯގަސްޓް 2020 - 22:40

ކޮވިޑް-19 އަށް ރާއްޖެ އިން 153 މީހަކު މިއަދު ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ އިއްޔެ ހަވީރު 6 ން މިއަދުގެ ހަވީރު 6 އަށް ކޮވިޑަށް އަލަށް ޕޮޒިޓިވްވި 153 މީހުންގެ ތެރެއިން ދިވެހިންގެ އަދަދަކީ 116 ކަމަށެވެ. ދެން އުޅެނީ ބަންގްލަދޭޝްގެ 22 މީހަކާއި އިންޑިއާގެ 11 މީހެއްގެ އިތުރުން އިންޑޮނީޝިއާގެ މީހަކާއި މިސްރުގެ މީހަކާއި އިނގިރޭސި ވިލާތުގެ މީހެއްގެ އިތުރުން ކެންޔާގެ މީހެއް ކަމަށް އެޗްޕީއޭގެ ޓުވީޓުގައި ވެ އެވެ. އޭގެ ތެރެއިިން ފަސް މީހެއް ފިޔަވައި ދެން ތިބީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އެއީ 148 މީހެކެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 4،446 އަށް އަރައިފަ އެވެ. އޭގެ ތެރެއިން މިހާރު ފަރުވާ ދެމުންދަނީ 1،719 މީހަކަށެވެ. ކަރަންޓީން ފެސިލިޓީތަކުގައި 1،100 އަށް ވުރެ ގިނަ މީހުން ތިބިއިރު ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން 105 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. އެ ބަލީގައި ރާއްޖެއިން މިހާތަނަށް 19 މީހަކު ވަނީ މަރުވެފަ އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމުން ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށް، ރޭގަނޑު 10 އިން ފަތިހު 5 އާ ދެމެދު މާލެ ސަރަހައްދުގެ މަގުތަކަށް ނުކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ.