ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިސް މެދުކަނޑާލައިފި
ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިސް މެދުކަނޑާލައިފި

މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން އިތުރުވަމުން ދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ދުވަސްވަރު ކުޅިވަރު ހަރަކާތްތައް ކުރިއަށް ނުގެންދަން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ދިން ލަފަޔާ އެއްގޮތަށް ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިސް މެދުކަނޑާލައިފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި، ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް، ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެލްތު، އާއިޝަތު ސާމިޔާ ވިދާޅުވީ މި ދުވަސްވަރުގައި ކުޅިވަރު ހަރަކާތްތައް ބޭއްވުން އެންމެ ރަނގަޅު ނޫން ކަމަށާއި މުބާރާތްތަކާއި ޕްރެކްޓިސްތައް ވެސް މެދުކަނޑާލުމަށް އެދޭ ކަމަށެވެ.

މިރެއިން ފެށިގެން ހާލަތު ރަނގަޅުވަންދެން ގައުމީ ޓީމުގެ ޕްރެކްޓިސް ނުގެންދަން ނިންމާފައިވާކަން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވަނީ "މިހާރަ"ށް ކަށަވަރުކޮށްދީފަ އެވެ.

ވޯލްޑް ކަޕް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި އޮކްޓޫބަރާއި ނޮވެމްބަރު މަހު އޮތް މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ފުޓްބޯޅަ ޓިީމުގެ ޕްރެކްޓިސް ފެށީ މިދިޔަ މަހު ފަސް ވަނަ ދުވަހު އެވެ.

ކޮވިޑް-19ގެ ސަަބަބުން ލޮކްޑައުންގައި ގައުމު އޮތް މުއްދަތުގައި ކުޅުންތެރިން ކުޅުމާ ދުރުގައި ދިގު މުއްދަތެއް ހޭދަކުރަން ޖެހުމުން އަލުން ކުޅުންތެރިންގެ ފިޓްނަސް ބޭނުންވާ ލެވަލަށް ގެންނަން ކުރަން ޖެހޭ މަސައްކަތް ގިނަ ވެދާނެ ކަމަށް ޕްރެކްޓިސް ފެށުމުގެ ކުރިން ގައުމީ ޓީމުގެ ކޯޗު މާޓިން ކޫޕްމަން ވަނީ ބުނެފަ އެެވެ. އެކަމަކު ޕްރެކްޓިސް ފެށިތާ ދެ ހަފްތާއެއްހާ ދުވަސް ފަހުން އެފްއޭއެމްގެ މީޑިއާ މެދުވެރިކޮށް ދިން އިންޓަވިއުއެއްގައި ނެދަލެންޑްސް އަށް އުފަން ކޫޕްމަން ބުނީ ކުޅުންތެރިންގެ މަސައްކަތް ފެނިފައި ލިބުނީ ހައިރާންކަން ކަމަށާއި ކުޅުންތެރިން ކުރި މަސައްކަތުން ފިޓްނަސްގެ މައްސަަލަ އަށް އުނދަގުލެއް ނެތި ހައްލެއް ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ގައުމީ ޓީމު ދެން އެންމެ އަވަހަށް ކުޅޭ މެޗަކީ ކޮލިފައިންގައި އޮކްޓޫބަރު މަހު އަށް ވަނަ ދުވަހު ރަށުން ބޭރުގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗެވެ. އަދި އޮކްޓޫބަރު 13 ވަނަ ދުވަހު މާލޭގައި ސީރިއާއާ ދެކޮޅަށް ކުޅޭނެ އެވެ. މި ގްރޫޕްގެ ފަހު މެޗުގައި ނޮވެމްބަރު 17 ގައި ރާއްޖެ ބައްދަލުކުރާނީ ފިލިޕީންސްއާ އެވެ. މި މެޗުތަަކަކީ މިދިޔަ މާޗް މަހާއި މިދިޔަ ޖޫން މަހަށް ކުރިން ތާވަލުކޮށްފައި އޮތް މެޗުތަކެކެވެ. އެކަމަކު ކޮވިޑް-19 ގެ ސަބަބުން ފަސްކުރަން ޖެހުނީ އެވެ.

ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާ އެކު ގްރޫޕުގެ ހަތަރު ވަނައިގަ އެވެ. ގްރޫޕުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު ސީރިއާ އެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު ތިން ވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. ރާއްޖޭގެ ފަހަތުން ފަސް ވަނައިގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ. މި ފަހަރު ކޮލިފައިން ގްރޫޕްގައި ނިންމާ ހިސާބަކުން އޭޝިއަން ކަޕް ކޮލިފައިންގައި ކުރިއަށްދާން ފަސޭހަވާނެ އެވެ.