04 އޯގަސްޓް 2020 - 20:03

މި ދަތި ދުވަސްވަރު ވެސް ޚާއްސަ ހުއްދައެއްގެ ދަށުން އިންޑިއާ އަށް ބޭސްފަރުވާއަށް ދިއުމުގެ ފުރުސަތު ދިވެހިންނަށް އެ ގައުމުގެ ސަރުކާރުން ދޭތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޝުކުރު އަދާކުރައްވައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން އިންޑިއާ ލޮކްޑައުން ކޮށްފައި އޮތަސް، ޚާއްސަ ހުއްދައެއްގެ ދަށުން ބޭސްފަރުވާ އަށް އެ ގައުމަށް ދިއުމުގެ ފުރުސަތު ދިވެހިިންނަށް ވަނީ ދީފަ އެވެ. މިދިޔަ މަހު ވެސް 150 އަށް ވުރެ ގިނަ ދިވެހިން ބޭސްފަރުވާ އަށް އެ ގައުމަށް ދިއުމުގެ އިންޑިއާ ސަރުކާރުން ދިނެވެ.
އެކަމާ ގުުޅިގެން ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޚާއްސަ އުސޫލެއްގެ ދަށުން ދިވެހިންނަށް ބޭސްފަރުވާގެ ފުރުސަތު އިންޑިއާ އިން ފޯރުކޮށް ދޭތީ އެކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އިންޑިއާގެ ހައި ކޮމިޝަނާއި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ސަންޖޭ ސުދީރަށް ވެސް ޝާހިދު ޝުކުރު އަދާކުރެއްވި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނެފައިވާ ގޮތުގައި ދިވެހިންގެ ހަތަރު ވަނަ ބެޗެއް ވަރަށް އަވަހަށް އެ ގައުމަށް ދާނެ އެވެ.
ބޮޑެތި ބަލިތަކާއި ރާއްޖެ އިން ފަރުވާ ނުކުރެވޭ ބަލިތަކަށް އިންޑިއާ އަށް ދިވެހިން ގެންދަން ހުއްދަ ދެނީ އާސަންދަ ކުންފުނި މެދުވެރިވެގެންނެވެ.
މި ސަރުކާރުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ވަނީ ބަދަހިކޮށްފަ އެވެ. އެ ގައުމުން ރާއްޖެ އަށް ދޭ އެހީތައް ވެސް މިހާރު ވަނީ އިތުރުވެފަ އެވެ.