ބްރެޑް ޕިޓް "ބުލެޓް ޓްރެއިން" އަށް
ބްރެޑް ޕިޓް "ބުލެޓް ޓްރެއިން" އަށް

"ބްލެޓް ޓްރެއިން" ކިޔާ ފިލްމަކަށް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ބްރެޑް ސޮއިކޮށްފި އެވެ.

މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ވަންސް އަޕޮން އަ ޓައިމް އިން ހޮލީވުޑް" ގައި ލިއޮނާޑޯ ޑި ކެޕްރިއޯއާ އެކު ސަޕޯޓިން ރޯލެއް ކުޅެގެން އެ ފިލްމުން އޮސްކާ އެވޯޑް ވެސް ހޯދި އެކްޓަރުގެ އާ ފިލްމަކީ ޑޭވިޑް ލީޗް ޑައިރެކްޓްކުރާ ފިލްމެކެވެ. ޑޭވިޑަކީ "އެޓޮމިކް ބްލޮންޑް" އާއި "ޑެޑްޕޫލް" އަދި "ހޮބްސް އެންޑް ޝޯ" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.

ސޮނީ ޕިކްޗާޒުން ހަދާ "ބުލެޓް ޓްރެއިން" އަކީ "މާރިއާ ބީޓްލް" ގެ ނަމުގައި ޖަޕާނުގެ ލިޔުންތެެރިޔާ ކޮޓާރޯ އިސާކާ ލިޔުނު ވާހަކަ އަށް ބިނާކޮށް ހަދާ އެކްޝަން-އެޑްވެންޗާއެކެވެ. މީގެ ސްކްރީންޕްލޭއާ ހަވާލުވެފައި ވަނީ ޒެކް އޯލްކެވިޒެވެ.

ވެރައިޓީން ބުނީ މި ފިލްމުގެ ބަތަލާއަކަށް ނެޓްފްލިކްސް އިން 2018 ގައި ގެނެސްދޭން ފެށި ރޮމޭންޓިކް ކޮމެޑީ ފްރެންޗައިޒް "ކިސިން ބޫތު" ގެ ބަތަލާ ޖޯއި ކިންގް، 21، މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އެ ސީރީޒްގެ ދެވަނަ ބައި މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ގެނެސްދީފައިވާ އިރު، ތިން ވަނަ ބައި އަންނަ އަހަރު ގެނެސްދޭން ވަނީ ނިންމައިފަ އެވެ.

"ބުލެޓް ޓްރެއިން" އިއުލާންކުރި ނަމަވެސް މި ފިލްމުގެ މަސައްކަތް ފަށާނެ އިރަކާއި ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ.

ޕިޓްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސިނަމާތަކަށް ގެނައި ސައިންސް ފިކްޝަން ޑްރާމާ "އެޑް އަސްޓްރާ" އެވެ.