04 އޯގަސްޓް 2020 - 16:34

ޑރ. ނަޒްލާ: ލޮކްޑައުންގެ އިފެކްޓަކީ ޕީކް ލަސްކުރުން. ޕީކް އަންނައިރު ބަލި ޖެހޭ މީހުންގެ އަދަދު މަދުކޮށް ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހޭ މީހުން މަދުކުރުން. އަޅުގަނޑުމެން ކަންކަން ދޫކޮށްލައިގެނެއް ނޫން މިހާރު މިހެން މިވީ. ނިއު ނޯމަލް އަކަށް ލޮކްޑައުން ރިލީޒްކުރީ. އެކަންކަން ރަނގަޅަށް އާންމުންނަށް ކުރިއަށް ނުގެންދެވުނީމަ ކޭސްތައް އިތުރުވެގެން މި ދިޔައީ.
ޑރ. ނަޒްލާ: ރަށްރަށަށް ކުރާ ސަޕްލައި ދަތުރުތައް އަޅުގަނޑުމެންނަށް އެއްކޮށް ހުއްޓައެއް ނުލެވޭނެ. އެކަމަކު އެކަހަލަ ދަތުރުތަކުގައި ވެސް އަދި އެއް ރަށުން އަނެއް ރަށަށް ކުރާ ދަތުރުތަކުގައި ވެސް މާސްކް އެޅުން އެއީ މަޖުބޫރު ކަމެއް. މީގެ ބޭނުމަކީ ބަލި ފެތުރެން ފެށިޔަސް އޭގެ ސްޕީޑް ދަށް ކުރުން. މިއަދު މި އަޅާ ފިޔަވަޅުތަކުގެ ތެރޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓުވުމެއް ނެތް.
ޝަރީފް: ރޭގަނޑު 10ގެ ފަހުން ޑިއުޓީ އަށް ދާ މީހެއް ނަމަ އެ މީހަކު ޔުނިފޯމްގައި ހުރުމަށާއި ހުއްދަ އޮންނަން ޖެހޭނެ. އެހެން ނޫނީ ފިޔަވަޅު އަޅާނަން.
ޝަރީފް: 10 އިން ފެށިގެން މަގުމަތީގައި އުޅޭ މީހުން އަޅުގަނޑުމެން ޖޫރިމަނާ ކުރަމުން ގެންދާނަން. ފުލުހުން މިރޭ މަސައްކަތް ފަށާއިރު، އެއްވެސް އުޅަނދަކަށް އަޅުގަނޑުމެން ހުއްދައެއް ނުދޭނެ. އެއްވެސް ބޭނުމަކަށް ހުއްދައެއް ނުދެވޭނެ. ހަމައެކަނި އެ ގަޑީގައި ދުއްވޭނީ ސަލާމަތީ ހިދުމަތްތަކާއި ސިއްހީ ހިދުމަތް ދޭ އުޅަނދުފަހަރަށާއި އެމްބިއުލާންސަށް އެކަނި.
ޑރ. ނަޒްލާ: މާލެ އަށް ކޮންމެހެން ދެން އާދެވޭނީ ސިއްހީ ބޭނުންތަކަށް އެކަނި. އަދި އެ އަންނަ ދޯނިފަހަރުގެ ފަޅުވެރިންނަށް މާލެ އަށް ނުފޭބޭނެ.
ޑރ. ނަޒްލާ: އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އެބަހުރި ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި ވެސް އަޅުގަނޑުމެން އޮޕަރޭޝަންގައި ރަނގަޅުކުރަން ޖެހޭކަންކަން. ކެޕޭސިޓީތައް އިތުރު ކުރުމުގެ މަސައްކަތްތައް މިހާރު ވެސް އެބަ ކުރެވެމުންދޭ. ނޭވާލާ ނިޒާމުގެ ބައްޔަަކަށް ވާތީ މި ބަލި ވަރަށް ފަސޭހައިން ފެތުރެމުންދާނެ. އެހެންވެ ބަލި ކޮންޓްރޯލް ކުރުމުގައި އާންމުންގެ ސަޕޯޓް ވަރަށް ބޮޑަށް ބޭނުންވާނެ.
ޑރ. ނަޒްލާ: މިހާރު ހުރި ހާލަތުގައި އަޅުގަނޑުމެން އެބަ ވިސްނަން ޖެހޭ ކެޕޭސިޓީއާ އެއްވަރަށް ޕޮޒިޓިވް އަދަދުތައް މަދުކުރަން. ހާއްސަކޮށް ހައި ރިސްކް މީހުން މި ބަލިން ރައްކާތެރިކުރަން މަސައްކަތް ކުރަން ޖެހޭ. އަދި ސްޕީޑް ވެސް ދަށްކުރަން މި ދުވަސްވަރު މަސައްކަތް ކުރަން ޖެހޭ. ހަމަ އެއާ އެކު މި ބަލިން ރަށްރަށް ވެސް ސަލާމަތް ކުރަން އެބަ ޖެހޭ.
ސާމިޔާ: ބަލި ފެތުރެމުންދާ ހާލަތެއްގައި އެއްވެސް ކުޅިވަރެއް، ޓޯނަމަންޓެއް ވެސް ނުބޭއްވުން އެދެން. ސިއްހީ ދާއިރާއިން ބާރުއަޅަން ކަސްރަތު ކުރަން. އެކަމަކު އެކަނި ކަސްރަތު ކުރުމަށް މި ދަނޑިވަޅު އަޅުގަނޑުމެން ބާރު އަޅަނީ.
ސާމިޔާ: އޮފީސް މާހައުލަށް ކޮންމެހެން ނުކުންނަ ޖެހޭ ހާލަތުގައި ވެސް ބްރޭކްތައް ނުނެގުމަށް އެދެން. އަދި ވީހާ ވެސް މީހުންނާ ކޮންޓެކްޓްވުން މަދުކުރުން މުހިންމު.
ސާމިޔާ: މީގެ އިތުރުން މާލޭ ސަރަހައްދުގައި އެއް ވަގުތެއްގައި 5 މީހުންނަށް ވުރެ ގިނައިން އެއްވެ އުޅުން މަނާ. އަދި ހުރިހާ ރަށެއްގައި ވެސް މާސްކް އެޅުމަށް އެދެން.
މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން އިތުރުވަމުން ދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިރެއިން ފެށިގެން ކޮންމެ ރެއެއްގެ 10 އިން ފަތިހު 5 އަށް ބޭރަށް ނުކުމެ އުޅުން ސަރުކާރުން މަނާކޮށްފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިހާރު ކުރިއަށް ގެންދާ މީޑިއާ ބްރީފިންގައި އިއުލާން ކުރި ގޮތުން ނަމަ މިރޭ 10 އިން ފެށިގެން ފަތިހު 5 އަށް ކާފިއު ހިންގާއިރު، ރޭގަނޑު 9:30 އިން ފެށިގެން ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓުތައް ވެސް ބަންދުވާނެ އެވެ.
މީގެ އިތުރުން އޮފީސްތައް ހުޅުވި ނަމަވެސް އެއްފަހަރާ އޮފީހަށް ނެރެވޭނީ 50 ޕަސެންޓަށް ވުރެ މަދު މުވައްޒަފުން ކަމަށް ވެސް ވަނީ، އާ އުސޫލުގައި ހަމަޖައްސައިފަ އެވެ. އަދި މާލެ އިން ރަށްރަށަށް އެއްވެސް މީހަކަށް ދެވޭނީ ކޮންމެހެން ދާން ޖެހޭ ހާލަތެއްގައި އެކަންޏެވެ. މި ބަދަލާ އެކު، ކުރިން ދިން ލުއިތަކުގެ ތެރޭގައި ހިމެނޭ، ޕްރޮޖެކްޓްތަކުގެ މަސައްކަތްތަކަށް ރަށްރަށަށް ދެވޭ ގޮތަށް އޮންނަ ފަސް ދުވަހުގެ މުއްދަތު ވެސް ދެން ނޯންނާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަނީ އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގާއި ހެލްތު މިނިސްޓްރީގެ ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެލްތު އާއިޝަތު ސާމިޔާ އަދި މާލޭ ސިޓީ ޕޮލިސްގެ އިސްވެރިޔާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފެވެ.
މިދިއަ މަހު 1 ގައި، ދެ މަސް ދުވަހުގެ ލޮކްޑައުންއަށް ދިން ބޮޑެތި ލުއިތަކާ އެކު، ކޮވިޑް-19ގެ ބަލި މިހާރު ދަނީ ހައްތަހާ ބޮޑުވަމުންނެވެ. އެހެންކަމުން ބައެއް ކަންކަން ހަރުކަށިކުރުމުގެ ހާލަތަކަށް ހިނގައިދާނެ ކަމަށް، ސަރުކާރާއި ސިއްހީ ދާއިރާގެ ތަޖުރިބާކަރުން ގެންދިޔައީ އިންޒާރު ދެއްވަމުންނެވެ.