ޔާމީންގެ އެދިވަޑައިގަތުމަށް މާދަމާގެ އިސްތިއުނާފު އަޑުއެހުން ކެންސަލްކޮށްފި
ޔާމީންގެ އެދިވަޑައިގަތުމަށް މާދަމާގެ އިސްތިއުނާފު އަޑުއެހުން ކެންސަލްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފު ޝަރީއަތުގެ މާދަމާ ބާއްވަން ތާވަލްކުރި އަޑުއެހުން އެ މަނިކުފާނުގެ އެދިވަޑައިގަތުމަށް ކެންސަލް ކޮށްފި އެވެ.

މަނީ ލޯންޑަރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު ޝަރީއަތް މާދަމާ ބާއްވަން ހައި ކޯޓުން ކުރިން އޮތީ ތާވަލްކޮށްފަ އެވެ.

މާދަމާގެ އަޑުއެހުން ފަސް ކޮށްދޭން ޔާމީންގެ ފަރާތްޕުޅުން އެ މަނިކުފާނުގެ ވަކީލުން އެދުނީ، މާލޭގައި ކޮވިޑް-19 އަނެއްކާވެސް ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް އެނގިފައިވެ އެވެ. އެ މައްސަލައިގެ ޝަރީއަތް ހައި ކޯޓުން ކުރިއަށް ގެންދަނީ މައްސަލާގައި ހިމެނޭ ހުރިހާ އެންމެން ކޯޓަށް ހާޒިރު ކޮށްގެންނެވެ.

އެ މައްސަލައިގެ އަޑުއެހުންތައް އެއްކޮށް ނިންމައިލަން އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ހައި ކޯޓުން ހަމަޖެއްސުމަށް ފަހު، އިތުރު ފުރުސަތެއް ދިނީ ޔާމީން އެދިވަޑައިގަތުމުންނެވެ. ޖަލުގައި ހުންނަވައިގެން ވަކީލުންނާ މަޝްވަރާ ކުރެއްވުމަށް އެކަށީގެންވާ ފުރުސަތެއް ލިބިވަޑައިނުގަންނަވާތީ، އެ ދުވަހުގެ އަޑުއެހުމުގައި ޔާމީން އެދިވަޑައިގަތީ އެ ފުރުސަތު ދެއްވުމަށް ފަހު މައްސަލައާ ގުޅިގެން ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވުމަށެވެ.

އެހެންވެ، އެ އަޑުއެހުން ނިންމައިލީ އެ ފުރުސަތު ޔާމީނަށް ދޭން ދައުލަތާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ކޯޓުން އެންގުމަށް ފަހު އެވެ. އެކަމަކު ކޯޓުގެ އެ އެންގުމާ އެއްގޮތަށް، ކަރެކްޝަންސް އިން ޔާމީނާ ޖަލުގައި ބައްދަލު ކުރެއްވުމުގެ ފުރުސަތު ވަކީލުންނަށް ނުދޭތީ އެ މަނިކުފާނުގެ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މަނީ ލޯންޑްރިންގެ އިތުރު ދެ ދައުވާއެއް ވެސް ޔާމީންގެ މައްޗަށް ދައުލަތުން ވަނީ ކްރިމިނަލް ކޯޓުގައި އުފުލައިފަ އެވެ. އެކަމަކު އެ މައްސަލަތަކުގެ ޝަރީއަތް އަދި ނުފަށަ އެވެ.