24 އޮކްޓޯބަރ 2016 - 13:03

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު އެކުލަވާލައި ނިމިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓް ތައްޔާރުކޮށް ނިމިފައި ވިޔަސް މަޖިލީހަށް ހުށަހަޅާނެ ދުވަހެއް އަދި ކަނޑައަޅާފައި ނުވާ ކަމަށެވެ.
"ބަޖެޓް ހުށަހަޅާނެ ވަކި ދުވަހެއް މުޅިން ނުނިމޭ. މަޖިލީހުން އެންގި ދުވަހަކަށް ބަޖެޓް ހުށަހަޅަން މިނިސްޓަރު ވަޑައިގަންނަވާނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.
އަންނަ އަހަރުގެ ބަޖެޓްގެ މިންވަރަކީ ކޮބައި ކަމެއް މިނިސްޓްރީއަކުން އަދި ނުބުނެ އެވެ.
މާލިއްޔަތު ގާނޫނު ބުނާ ގޮތުން ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރުގެ ނިޔަލަށް، ކުރިއަށް އޮތް އަހަރުގެ ބަޖެޓް މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ. އެކަމަކު މިދިޔަ އަހަރުގެ ސެޕްޓެމްބަރު 28 ގައި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން ބަޖެޓު ހުށަހެޅުން ފަސްކުރި އެވެ. އެގޮތަށް އެކަން ކުރީ މަޖިލީހުގެ ހުއްދައާ އެކުގަ އެވެ.
ބަޖެޓާ ގުޅޭ ގޮތުން މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރު ދެ އިސްލާހެއް ވެސް ވަނީ ގެނެސްފަ އެވެ. އެ ގޮތުން، ބަޖެޓް ބަހުސް ފަށަން ވާނީ މަޖިލީހަށް ބަޖެޓު ހުށަހަޅާ ތާރީހުން ފެށިގެން ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު ކަމަށް ބުނި މާއްދާ އުވާލައި ބަޖެޓު ހުށަހަޅާ ދުވަހު ބަހުސް ފެށޭ ގޮތް ވަނީ ހަދާފަ އެވެ. އަދި ބަޖެޓާ ގުޅޭ ގޮތުން ބޭނުންވާ އިތުުރު މައުލޫމާތު ދެއްވަން ފިނޭންސް މިނިސްޓަރުގެ ކިބައިން އެދިވަޑައިގެންނެވޭނީ ބަޖެޓު ހުށަހަޅާ ތާރީހުން ފެށިގެން ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު ކަމަށް އޮތް އޮތުން ވެސް ބަދަލުކޮށް، ބަޖެޓު ބަހުސް ކުރިއަށް ދާއިރު އެ މައުލޫމާތު ހޯދަން ހުށަހެޅޭ ގޮތަށް ވަނީ އިސްލާހުކޮށްފަ އެވެ.
މީގެ އިތުރުން، ބަޖެޓަށް ވޯޓު ނުދެއްވާ މެމްބަރުން ހިމެނޭ ސިޔާސީ ޕާޓީތަކަށް ފައިސާ ނުދޭ ގޮތަށް ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ހުށަހަޅަން ވެރިކަން ކުރާ ޕީޕީއެމުން ވަނީ ތައްޔާރުވެފަ އެވެ.
މި އަހަރަށް މަޖިލީހުން ފާސްކޮށްފައި ވަނީ 27.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މި އަހަރުގެ ބަޖެޓު ޑެފިސީޓަކީ 3.4 ބިލިއަން ރުފިޔާ (ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ހަ ޕަސެންޓް) ކަމަށް ސަރުކާރުން ލަފާކޮށްފައިވެ އެވެ. އެކަމަކު، މިދިޔަ މަހުގެ ނިޔަލަށް ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައި ވަނީ، ތަފާސްހިސާބުތައް ދައްކާ ގޮތުން، ޖުމްލަ 10 ބިލިއަން ރުފިޔާ އެވެ. އެހެންވެ، ބަޖެޓު ޑެފިސިޓް އަންދާޒާކުރި ވަރަށް ވުރެ މަތިވާނެ ކަމަށް ބެލެވެ އެވެ.