ވ. ފެލިދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި
ވ. ފެލިދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި

ވ. ފެލިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް މުޅިން ނިމިއްޖެ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެމްޓީސީސީއާ ހަވާލުކުރި މަސައްކަތް ނިންމާލީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މި މަޝްރޫއަށް 18.5 މިލިއަން ރުފިޔާ ހަރަދުވި ކަމަށް އެމްޓީސީސީން ބުންޏެވެ.

ފެލިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 126 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށްޓާއި 61 މީޓަރުގެ ބޭރު ތޮށީގެ އިތުރުން 200 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހި އެވެ. މީގެ އިތުރުން ބަނދަރާ އިންވެގެން 610 އަކަ މީޓަރުގެ ޕޭވްމަންޓު ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މަޝްރޫއުގެ ދަށުން ވަނީ ނިންމައިފަ އެވެ.

އެމްޓީސީސީން ބުނި ގޮތުގައި މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުނިން ވަނީ 14 މަޝްރޫއެއްގެ މަސައްކަތް ނިންމާލައިފަ އެވެ. އަދި އަށް މަޝްރޫއެއްގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.