24 އޮކްޓޯބަރ 2016 - 11:48

މޮސްކޯ (އޮކްޓޯބަރު 24) - އިސްލާމިކް ސްޓޭޓް (އައިއެސް) ފަދަ ހަނގުރާމަވެރިންނަށް އަމާޒުކޮށް ކަމަށް ބުނެ އިރާގުގައި އެމެރިކާ ކޯލީޝަނުން ދޭ ހަމަލާތަކަކީ ހަނގުރާމައިގެ ބޮޑު ޖަރީމާއެއް ކަމަށް ރަޝިޔާ އިން ބުނެފި އެވެ.

ރަޝިޔާގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާން އިގޯ ކަނަޝެންކޯފް ވިދާޅުވީ އެމެރިކާ އިސްވެ އުފައްދާފައިވާ ބައިނަލްއަގުވާމީ ކޯލީޝަނުގެ ބޯޓުތަކުން އިރާގަށް ވައިގެ ހަމަލާ ދިނުން ކޮންމެ ދުވަހަކު ކުރާ ކަމަކަށް މިހާރު ބަދަލު ވެއްޖެ ކަމަށާއި އެއީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށެވެ.
ރަޝިޔާ އިން މިހެން ބުނެފައި ވަނީ ކޯލީޝަނުގެ ބޯޓުތަކުގެ ހަމަލާއެއްގައި ކިރްކުކް ސިޓީ ކައިރިން 15 އަންހެނަކު މަރުވިތާ އެއް ދުވަސް ފަހުންނެވެ.
"ކޯލީޝަނުގެ ބޯޓުތަކުން ދަނީ ކައިވެނި ހަފުލާތަކަށާއި ޖަނާޒާތަކަށާއި ހޮސްޕިޓަލްތަކާއި ޕޮލިސް ސްޓޭޝަން އަދި އިންސާނީ އެހީ ފޯރުކޮށްދޭ ލޮރީތަކަށް ބޮން އަޅަމުން،" ޑިފެންސް މިނިސްޓްރީގެ ތަރުޖަމާން ވިދާޅުވި އެވެ.
ރަޝިޔާ އިން މިމޭރުމުން ވާހަކަ ދެއްކިއިރު ފްރާންސްގެ ރައީސް ފްރާންސްވާ އޮލެންޑާ ވަނީ ސީރިއާގެ ހަލަބް ސިޓީ އަށް ރަޝިޔާ އިން ދޭ ވައިގެ ހަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ސިފަ ކުރަައްވައިފަ އެވެ. ރަޝިޔާގެ ބޯޓުތަކާ އެކު ސީރިއާ ސިފައިންގެ ހަނގުރާމަ މަތީ ބޯޓުތަކުން ވެސް ދަނީ ހަލަބަށް ހަމަލާ ދެމުންނެވެ.