އިންފަންޓީނޯއާ މެދު ގޮތެއް ނިންމާނީ އެތިކްސް ކޮމިޓީން
އިންފަންޓީނޯއާ މެދު ގޮތެއް ނިންމާނީ އެތިކްސް ކޮމިޓީން

ޒިއުރިކް (އޮގަސްޓް 4) - ސްވިޒަލެންޑްގެ ޕްރޮސެކިއުޓަރުން ބަލަމުން އަންނަ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ މައްސަލަ ނިމެންދެން އޭނާ މަގާމުގެ ޒިންމާ އަދާކުރުމުގައި ދެމި ހުރުމާ މެދު ގޮތެއް ނިންމަން ޖެހިއްޖެނަމަ އެކަން ކުރާނީ ފީފާގެ އެތިކްސް ކޮމިޓީން ކަމަށް އެ އިދާރާ އިން ބުނެފި އެވެ.

ސްވިޒަލެންޑްގެ އެޓާނީ ޖެނެރަލް މައިކަލް ލޯބާއާ ގުޅިގެން އިންފަންޓީނޯ ގިނަ ނާޖާއިޒު ފައިދާތަކެއް ނެގި ކަމަށް ބުނެ ސްވިޒަލެންޑްގެ ޕްރޮސެކިއުޓަރުން މައްސަލަ ބަލަން ފެށީ މިދިޔަ ހަފްތާގަ އެވެ. ލޯބާ އަކީ 2015 ވަނަ އަހަރު ފީފާގެ ކޮރަޕްޝަން މައްސަލައިގެ ތަހުގީގުގައި އިސްކޮށް ހަރަކާތްތެރިވި މީހެކެވެ. ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ތުހުމަތު ކުރައްވާ ގޮތުގައި ކޮރަޕްޝަން މައްސަލައެއްގައި އޭނާ ފުޓްބޯޅައިން ސަސްޕެންޑް ކުރުވުމުގެ ފަހަތުގައި ލޯބާ އާއި އިންފަންޓީނޯގެ ނުފޫޒެއް އޮތެވެ. އިންފަންޓީނޯ އާއި ލޯބާ ވަނީ ބައްދަލުވުންތަކެއް ބޭއްވި ކަމަށް އެއްބަސްވެފަ އެވެ. އެކަމަކު އެ ދެ ބޭފުޅުން ވެސް ވަނީ އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރާ ކަމަށް ވިދާޅުވެފަ އެވެ.

މައްސަލައެއް ބަލަމުންދާ ދަނޑިވަޅެއްގައި އިންފަންޓީނޯ ފީފާގެ ރައީސްގެ މަގާމުގެ ޒިންމާ އުފުއްލަވަމުން ދިއުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ބުނެ ބްލެޓާ ވަނީ މި ވަގުތު އިންފަންޓީނޯ ސަސްޕެންޑްކުރަން ގޮވާލައިފަ އެވެ. އެ ވާހަކަތަކާ ބެހޭގޮތުން ފީފާގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަލަސްޑެއާ ބެލް ވިދާޅުވީ އެ ގޮތަށް ނިންމުމުގެ ބާރު އޮތީ ފީފާ އެތިކްސް ކޮމިޓީ އަތުގައި ކަމަށާއި މި ވަގުތަށް ބަލާއިރު ސަސްޕެންޑް ކުރަން ޖެހޭ ފަދަ ކަމެއް އޮތް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

"ކޮންމެ ގޮތެއް ވިޔަސް އެތިކްސް ކޮމިޓީން ނިންމާ ކޮންމެ ނިންމުމަކަށް އިންފަންޓީނޯ އިހުތިރާމްކުރާނެ. އެކަމަށް އެއްވެސް ވަރަކަށް ޝައްކެއް ނުކުރަން. މީގައި ސާފުކޮށް ފެންނަން އޮތް ކަމަކީ އެތިކްސް ކޮމިޓީން މި މައްސަލައިގައި ފީފާ އިން ކުރިއަށްދާނެ ގޮތެއް ނިންމާނެކަން. އެތިިކްސް ކޮމިޓީން މައްސަލަ ތަހުގީގުކޮށް ސަސްޕެންޝަނަކާ ހަމައަށް ދާން ނިންމަންޏާ އެކަމެއް ކުރާނީ. އެ އޮތީ އެ ހުރިހާ ކަމެއް ލިޔެވިފައި،" ބެލް ވިދާޅުވި އެވެ.

"މި ވަގުތަށް ބަލާއިރު މި މައްސަލައިގައި އެތިކްސް ކޮމިޓީން ބަލަން ޖެހޭ ކަމެއް އޮތް ކަމަކަށް ނުފެނޭ."

ފީފާގެ ބޮޑެތި ކޮރަޕްޝަން މައްސަލަތަކެއް 2015 ވަނަ އަހަރު ފެންމަތިވެ ހިންގުނު ތަހުގީގުގައި އެ ކަމުގައި ބައިވެރިވި ގިނަ ބަޔަކަށް ވަނީ އަަދަބު ދީފަ އެވެ. އޭގެ ތެރޭގައި އޭރު ފީފާގެ ރައީސް ބްލެޓާގެ އިތުރުން ޔުއެފާގެ ރައީސް މިޝެލް ޕްލެޓިނީ ހިމެނިވަޑައިގަންނަވަ އެވެ. ފީފާގެ ރައީސަކު ހޮވަން ބޭއްވި އިންތިހާބު ކާމިޔާބުކުރައްވައި އިންފަންޓީނޯ މަގާމާ ހަވާލުވީ 2016 ވަނަ އަހަރު އެވެ. މިދިޔަ އަހަރު އިތުރު ދައުރަކަށް އިންތިހާބުވެވަޑައިގަތް އިންފަންޓީނޯ ކުރިން އެންމެ ބޮޑަށް ފާހަގަވީ ޔުއެފާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ފުރުއްވިއިރު އެވެ.