ކަޅުކަމުން ކުރިން ކަންބޮޑުވި، ދޮންވޭތޯ ވަރަށް މަސައްކަތްކުރިން: ނަވާޒުއްދީން ސިއްދީގީ
ކަޅުކަމުން ކުރިން ކަންބޮޑުވި، ދޮންވޭތޯ ވަރަށް މަސައްކަތްކުރިން: ނަވާޒުއްދީން ސިއްދީގީ

ބޮޑުވަމުން އައި އިރު ދޮންވޭތޯ، ވަރަށް މަސައްކަތްކުރި ކަމަށާއި އެކަމަކު ދޮންވާ ކްރީމޭ ބުނެ ބާޒާރުގައި ވިއްކާ ފެއާ އެންޑް ލަވްލީ ފަދަ އެއްޗިއްސަށް މިހާރު އިތުރުބާރުނުކުރާ ކަމަށް ބޮލީވުޑްގެ އެކްޓަރު ނަވާޒުއްދީން ސިއްދީގީ ބުނެފި އެވެ.

މިހާރު އިންޑިއާގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރެގައި ހިމެނޭ 46 އަހަރުގެ އެކްޓަރު ސިނެމާ އެކްސްޕްރެސް އަށް ދިން އިންޓަވިއުއެއްގައި ބުނީ ގައިގެ ހަމުގެ ކުލަ އަނދިރިކަމުން އެކަމާ ކުރިން ވަރަށް ކަންބޮޑުވި ކަމަށެވެ. އެހެންވެ ބޮޑުވަމުން އައި ދުވަސްވަރަކީ ދޮންވޭތޯ ވަރަށް މަސައްކަތްކުރި ދުވަސްވަރެއް ކަމަށް ބުންޏެވެ.

"އަހަރެން ވެސް ކުރިން ހީކުރަނީ އެ ކިޔާ ފެއާ އެންޑް ލަވްލީ ކަހަލަ އެއްޗިއްސަކީ ޖާދޫއެއް ކަހަލަ އެއްޗެހި ކަމަށް. އެކަމަކު އަމިއްލަ ތަޖުރިބާ އިން އެނގުނީ އެއީ ފޭކުކަން،" މިދިޔަ ހަފުތާގައި ނެޓްފްލިކްސް އިން ސްޓްރީމްކުރި ފިލްމު "ރާތު އަކޭލީ" ގައި ވެސް ކަޅު ނަސްލުގެ ފުލުހެއްގެ ރޯލް ކުޅުނު ނަވާޒުއްދީން ބުންޏެވެ.

އޭނާ ބުނީ ދޮންވާ ކްރީމޭ ކިޔާފައި ބާޒާރުގައި ވިއްކަން ހުންނަ އެއްޗިއްސަށް އިތުރުބާރު ކުރަން ނުވާނެ ކަމަށެވެ. އަދި މީހާގެ ހަމުގެ ކުލަ މައްސަލައަކަށް ވާން ޖެހޭ ކަމަށް ގަބޫލުނުކުރާ ކަމަށް ވެސް ބުންޏެވެ.

"ދޮންވާން އަހަރެން ކުރި މަސައްކަތް ނާކާމިޔާބުވުމުން އެކަން ހުއްޓާލާފައި ދެން އަހަރެން ބޭނުންވީ އަމިއްލަ ހުނަރު ތަރައްގީކުރަން. މިހާރު އެކްޓިން އިން އަހަންނަށް އާދެވިފައި މި ހުރި ހިސާބަށް އާދެވުނީ އެ މަސައްކަތުން. މިކަމުގައި އަހަރެމެންގެ ހަމުގެ ކުޅުނު އެއްވެސް ރޯލެއް ނެތް،" ޑިމާންޑް ބޮޑު އެކްޓަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ނަވާޒުއްދީން ބުންޏެވެ.

އޭނާ ބުނީ ފިލްމީ ދާއިރާ އަށް ނުކުތް އިރު ހަމުގެ ކުލައާ ދޭތެރޭ ކުރިން ކަންބޮޑުވި ކަމަށެވެ. އަދި އާންމުކޮށް މެއިންސްޓްރީމް ފިލްމުތަކުން ފެންނަނީ މުޅިން ވެސް ކުލަ އަލި ބަތަލާއިންނާއި ބަތަލުންނަށް ވާތީ އޭނާ ކަހަލަ ކަޅު މީހަކަށް އެއްވެސް ފުރުސަތެއް ލިބިދާނެތޯ ސުވާލުތައް އުފެދުނު ކަމަށް ބުންޏެވެ.

"ކުރިން ވަރަށް ޖެހިލުންވި. އަހަރެންގެ މޫނާ ދޭތެރޭ ކުރިން އަހަރެން ވަރަށް ފިކުރު ބޮޑުވި. އެކަމަކު އުފާކުރަން އަހަންނަށް ކުރިއަށް ދެވުނީ ސިފަ އަށް ބުރެ ބޮޑަށް ހުނަރު ދައްކައިގެކަން އެނގޭތީ،" ނަވާޒުއްދީން ބުންޏެވެ. "ހަގީގަތުގައި ސިފައަށް ބަލާކަމަށް ވަންޏާ އަހަންނަކީ ބޮލީވުޑްގައި އެއްވެސް މީހަކަށް ނުވާނެ. މީހާ މީހަކަށް ވަނީ އެ މީހެއްގެ ހުނަރުން."

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ނަވާޒުއްދީން ބުނީ ހަމުގެ ކުލަ އަކީ އަދިވެސް ފިލްމު އިންޑަސްޓްރީ ތެރޭގައި އޮތް މައްސަލައެއް ކަމަށެވެ. އެކަމަކު އިންޑިއާގައި މިކަމަށް ހޭލުންތެރިކަން އުފެދޭ މިންވަރު އިތުރުވަމުންދާތީ ކުލައިގެ ބަހުސާއި އެ ކަންތައްގަނޑު ފިލަމުންދާ ކަމަށް ބުންޏެވެ. އަދި އެއީ ވަރަށް ރަނގަޅު ބަދަލެއް ކަމަށް ވެސް ބުންޏެވެ.