އިންޑިއާގެ ނޫސްވެރިޔާ އަރްނާބް ގޮސްވާމީ އަށް ބިނާކޮށް ފިލްމެއް ހަދަނީ
އިންޑިއާގެ ނޫސްވެރިޔާ އަރްނާބް ގޮސްވާމީ އަށް ބިނާކޮށް ފިލްމެއް ހަދަނީ

އަބަދު ވެސް އާންމުންގެ ފާޑުކިޔުންތައް އަމާޒުވާ އިންޑިއާގެ މަޝްހޫރު ނޫސްވެރިޔާ އަރްނާބް ގޮސްވާމީ އަށް ބިނާކޮށް، ޑައިރެކްޓަރު ރާމް ގޯޕާލް ވަރްމާ (އާރްޖީވީ) ފިލްމެއް ހަދަން ނިންމައިފި އެވެ.

"ރަންގީލާ" އާއި "ސަތިއާ" އަދި "ސަރުކާރު" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު މިކަން ހާމަކުރީ އޭނާ ކުރި ޓްވީޓްތަކެއްގަ އެވެ. އަރްނާބަށް ބަހުގެ ހަމަލާތައް ފޮނުވަމުން އާރްޖީވީ ބުނީ އޭނާ އަކީ އަބަދުވެސް އެކި ކަންކަމާ ގުޅިގެން ބޮލީވުޑަށް އިނގިލި ދިއްކުރާ ބޮލީވުޑްގެ ތަސައްވުރު ހަޑިކުރަން މަސައްކަތްކުރާ ނޫސްވެރިއެއް ކަމަށެވެ.

އެގޮތުން، މަރުވެފައިވާ ބޮލީވުޑްގެ ތަރިން ކަމަށްވާ ދިވްޔާ ބާރްތީ އާއި ސްރީދޭވީ އާއި ޖިއާ ޚާނާއި ދާދި ފަހުން މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު ފަދަ ތަރިންގެ މަރާ ގުޅުވައިގެން ބޮލީވުޑަށް ބެހޭ ގޮތުން ވަރަށް ހަޑިމުޑުދާރު ވާހަކަ އަރްނާބް ދައްކާ ކަމަށް އާރްޖީބީ ބުންޏެވެ. އެހެންވެ އެކަންކަމާ ގުޅުވައިގެން، އަރްނާބަށް ބިނާކޮށް ހަދާ ފިލްމަށް ދޭން ނިންމާފައިވާ ނަމަކީ "އަރްނާބް: ދަ ނިއުޒް ޕްރޮސްޓިޓިއުޓް" ކަމަށް ބުންޏެވެ.

އަރްނާބަކީ ރިޕަބްލިކަން ޓީވީގެ އެޑިޓަ-އިން ޗީފް އަދި އެ ޗެނެލްގެ ހޯސްޓެކެވެ. އުމުރުން 46 އަހަރުގެ ނޫސްވެރިޔާ ވަނީ ކުރިން އެންޑީޓީވީ އާއި ޓެލެގްރާފާއި ޓައިމްސް ނައު އާއި އީޓީ ނައު ފަދަ ނޫސް އެޖެންސީތަކުގައި ވެސް މަސައްކަތްކޮށްފަ އެވެ.

އާރްޖީވީ ބުނީ އޭނާގެ ފިލްމުގައި އަރްނާބާއި އޭނާގެ ރިޕަބްލިކަން ޓީވީގެ ހަގީގަތް އާންމުންނާ ހަމައަށް ތިލަކޮށްދޭނެ ކަމަށާއި އެއީ އަބަދު ވެސް އަޑިނުބައި ނޫސްވެރިއެއް ކަމަށެވެ. ނަމަވެސް ފިލްމުގެ މަސައްކަތް ފަށާނެ އިރަކާއި އެއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.

އެކަމަކު ފިލްމުގައި އަރްނާބްގެ ރޯލް ކުޅޭނީ ކާކުތޯ ބަލަން ގިނަ ބަޔަކު ވަރަށް ބޮޑަށް ޝައުގުވެރިވާނެކަން ޔަގީނެވެ.