03 އޯގަސްޓް 2020 - 23:54

ކުރިއަށް އޮތް ތިން ދުވަހު ސަރުކާރުގެ އޮފީސްތައް ބަންދު ކުރަން ނިންމުމާ ގުޅިގެން މި ހަފުތާގައި ބޭންކުތައް ހުޅުވާނީ މާދަމާ އެކަނި ކަމަށް އެމްއެމްއޭ އިން މިރޭ ބުނެފި އެވެ.
މަރުކަޒީ ބޭންކުން ބުނީ މާދަމާ ބޭންކުތަކާއި އެ އިދާރާ ވެސް ހުޅުވާފައި ހުންނާނީ ހެނދުނު 8:30 އިން މެންދުރު 2:00 އަށް ކަމަށެވެ. މި ވަގުތުތަކުގައި އެ އިދާރާ އިން ބޭންކިން ހިދުމަތާއި ސިޓީ އާއި އެހެނިހެން ތަކެތި ބަލައިގަތުމުގެ ހިދުމަތް ލިބޭނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
މިނިވަން ދުވަހާއި އީދު ބަންދާ ގުޅިގެން މިދިޔަ ހަފްތާއިން ފެށިގެން ބޭންކުތައް ވަނީ ބަންދު ކޮށްފަ އެވެ. މި މުއްދަތުގެ ތެރޭގައި ބޭންކުތަކުން ހިދުމަތް ދީފައި ވަނީ ބުދަ ދުވަހު އެކަންޏެވެ.
ކުރިއަށް އޮތް ތިން ދުވަހު ސަރުކާރުގެ އޮފީސްތައް ބަންދު ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވެ، ދިވެހިންގެ ތެރޭގައި އެ ބަލި ފެތުރޭލެއް އިތުރުވުމުންނެވެ.