03 އޯގަސްޓް 2020 - 23:06

ކޮވިޑް-19 އަށް މިއަދު 129 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.
އެ އެޖެންސީން ބުނީ، މިއަދު ހަވީރު 6 އާ ހަމައަށް އިތުރު 129 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ، 93 ދިވެހިންނާއި ބަންގްލަދޭޝްގެ 23 މީހަކާއި އިންޑިއާގެ އަށް މީހަކާއި ސްރީލަންކާގެ ހަތަރެއް އަދި އިންޑޮނޭޝިއާ މީހެކެވެ.
އެ ކޭސްތަކާ އެކު، ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 4،293 އަށް ވަނީ އަރައިފަ އެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 28 މީހަކު ކޮވިޑުން ރަނގަޅުވެފައިވެ އެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 92 މީހަކަށް ފަރުވާ ދެމުން އަންނަކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.
މާލޭގެ އިތުރުން ރާއްޖޭގެ 13 ރަށަކުން ކޮވިޑް-19 ގެ ބަލި މީހުން ފެނިފައިވެ އެވެ. އެއީ ހއ. ކެލާ، ހއ. އިހަވަންދޫ، ނ. ސޮނެވާ ޖާނީ، ރ. އިނގުރައިދޫ، ބ. އޭދަފުށި، ބ. ހިތާދޫ، ބ. ތުޅާދޫ، ބ. ކަމަދޫ، .ބ. ސީސައިޑް ފިނޮޅު ޅ. ކުރެންދޫ، ޅ. ހިންނަވަރު، ކ. މާފުށި އަދި ވ. ފުލިދު އެވެ.
މާލެ އިން ކޮވިޑް-19 ގެ ފުރަތަމަ ކޭސް ފެނުމާ އެކު އޭޕްރިލް 15 ގައި މުޅި މާލެ ސަރަހައްދު ލޮކްޑައުންކުރި އެވެ. ހަރުކަށި ފިޔަވަޅުތަކަށް ފަހު މިދިޔަ މަހުގެ 1 ގައި ބޮޑެތި ލުއިތަކެއް ދިން ހިސާބުން ފެށިގެން ކޭސްތަކުގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ. ކުރިން ގިނައިން ބިދޭސީން ޕޮޒިޓިވްވި ނަމަވެސް މިހާރު މި ބަލި ޖެހޭ މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ.
އެގޮތުން އިއްޔެއަކީ، މާޗު 7 ގައި ރާއްޖެއިން ކޮވިޑް ފެނުނު ފަހުން އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. އިއްޔެ އެކަނި ވެސް 215 މީހުން ޕޮޒިޓިވްވިއިރު އޭގެ ތެރޭގައި 149 ދިވެހިން ހިމެނެ އެވެ.
ކޮވިޑް ޖެހުނު ދިވެހިންގެ އަދަދު 2،178 އަށް ވަނީ އަރައިފަ އެވެ. ބިދޭސީންގެ ތެރެއިން ވެސް އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެ ގައުމުގެ 1،688 މީހަކަށް ކޮވިޑް ޖެހިފައިވެ އެވެ.