26 އޮކްޓޯބަރ 2016 - 05:52

ބާމިއުޑާ ޓްރައިއެންގަލް ތެރެއަށް މަތިންދާބޯޓާއި ކަނޑުބޯޓު ފަހަރުގެ ގެއްލި އަދިއަދަށް ވެސް ވީގޮތެއް ނޭނގިފައިވެ އެވެ. މިއީ އާދަޔާ ޚިލާފް ކަންތައްތަކެއް ހިނގާ ތަނެއް ކަމަށް ގަބޫލުކުރާ މީހުން ގިނަ އެވެ. އެތަނާ ބެހޭ ގޮތުން އެކި ދުވަސްވަރު އެކި ދިރާސާތައްކޮށް، އެކި ފަހަރު ދައްކާފައި ވަނީ އެކި ވާހަކަ އެވެ.
މަޔާމީ، ޕޯޓެ ރިކޯ އަދި ބާމިއުޑާ ދޭތެރޭގައި، 500،000 އަކަ ކިލޯމީޓަރު ހިމެނޭ ގޮތަށް އޮންނަ ކަނޑުގެ ސަރަހައްދުގެ ތެރެއަށް މިދިޔަ 100 ވަރަކަށް އަހަރުގެ ތެރޭގައި އެތައް ސަތޭކަ ބޯޓަކާއި 75 މަތިންދާބޯޓު ގެއްލި ހާހެއްހާ މީހުންގެ ފުރާނަ ގެއްލިފައިވާ ކަމަށް ވަނީ ބެލެވިފަ އެވެ. މި ހާދިސާތަކުގެ ހަގީގަތް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގައި އަނެއްކާވެސް އާ ހޯދުންތަކެއް ހޯދައިފި އެވެ.
ސެޓެލައިޓް މީޓިއޮރޮލޮޖިސްޓުންގެ ޓީމަކުން ކުރި ދިރާސާއަށް ފަހު ބުނެފައި ވަނީ ބާމިއުޑާ ޓްރައިއެންގަލްގައި ހިނގާ ހާދިސާތަކުގެ ސަބަބަކީ އެ ދިމާލު މަތީގައި ވިލާ އެތުރޭ އާދަޔާ ޚިލާފު ބައްޓަން ކަމަށެވެ. އެ ޓީމުން ބުނި ގޮތުގައި އެ ތަނުގައި ހަ ކަނުގެ ބައްޓަމަށް ނުވަތަ ހެކްސަގަންގެ ބައްޓަމަށް ވިލާތައް އެތުރި އޭގެ ސަބަބުން "އެއާ ބޮމްބް" އުފެދެނީ އެވެ. ސައިންސްވެރިން ސިފަކުރާ "ވައި ބޮން" ތަކުގައި ގަޑިއަކު 170 މޭލަށް ވައި ޖެހޭނެ އެވެ. މިއީ ބާމިއުޑާ ޓްރައިއެންގަލްގައި ހިނގާ ހާދިސާތަކުގެ ސަބަބަށް ވެދާނެ ކަމަށް ސައިންސްވެރިން ބުންޏެވެ.
ނަމަވެސް މި ތިޔަރީއަށް ބައެއް ސައިންސްވެރިން ދަނީ ދެކޮޅުހަދަމުންނެވެ. މި ވާހަކަ ގަބޫލު ނުކުރާ ސައިންސްވެރިން ބުނަނީ ހެކްސަގަންގެ ބައްޓަމަށް ވިލާ އެތުރިގެން "އެއާ ބޮމްބް" ނުވަތަ މައިކްރޮބާސްޓް އުފެދިދާނެ ކަމަށާއި އެކަމަކު މިއީ މީގެ ކުރިން ވެސް އެތައް ފަހަރަކު ދިރާސާކޮށް ބަލާފައިވާ ކަންތައްތައް ކަމަށެވެ. އެގޮތަށް ވިލާ އެތުރުމަކީ ދުނިޔޭގެ އެކި ހިސާބުގައި ހިނގާ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ. އެހެންވެ މި އާ ތިޔަރީ އަކީ ބޮޑު އޮޅުވާލުމެއްގެ ގޮތުގައި ދަނީ ސިފަކުރަމުންނެވެ.
މިގޮތަށް އުފެދޭ ވިލާގެ ވައި ކަނޑާ ދިމާލަށް ކުއްލިއަކަށް ފޮނުވާލާއިރު ބިޔަ ރާޅުތައް އުފެދި އަދި ހުރި ދިމާލުން އަޑިއަށް ގަންބާލާނެ އެވެ. ކަމަށް އަލަށް ނެރެގެން އުޅޭ ތިޔަރީގައި ބުނެ އެވެ.
ސައިންސްވެރިން ބުނެފައިވާ ގޮތުގައި މި "ކުއްލި ތޫފާން" ވަރަށް ބާރުގަދަވާނެ އެވެ. އޭގައި ޖެހިއްޖެ ނަމަ އުޅަނދުތައް ވަގުތުން އަޑިއަށް ދުއްވާލާނެ ކަމަށްވެ އެވެ. މި ތޫފާނުތައް އުފެދުމަށް މެދުވެރިވާ ވިލާތައް 20-55 މޭލުގެ ސަރަހައްދެއްގައި އާންމުކޮށް އުފެދޭ ކަމަށް ވެސް ދިރާސާ ޓީމުން ބުނެފައިވެ އެވެ.
"އާންމުގޮތެއްގައި ވިލާތަށް ހުންނަނީ ވަކި ތަރުތީބަކުން ނޫން. ބާމިއުޑާ ޓްރައިއެންގަލް މަތީގައި އެ ހުންނަ ގޮތަށް، ކަން ހަމަވާ ގޮތަށް ވިލާތަށް އެތުރިފައި ހުއްޓާ އާންމުކޮށް ނުފެންނާނެ،" ކޮލަރާޑޯ ސްޓޭޓް ޔުނިވަސިޓީގެ ސެޓެލައިޓް މީޓިއޮރޮލޮޖިސްޓް ޑރ. ސްޓީވް މިލާ ސައިންސް ޗެނަލް އަށް ވިދާޅުވެފައިވެ އެވެ.
މި އާދަޔާ ހިލާފު ވިލާތަކާ ގުޅިގެން ހިނގާ ކަންކަން ދެނެގަންނަން ރާޑާ ސެޓެލައިޓް ބޭނުންކޮށްގެން ހޯދި ހޯދުންތަކަށް ފަހު ސައިންސްވެރިން ބުނީ "ސީލެވެލް ވިންޑް" ވެސް އާދަޔާ ޚިލާފަށް ގަދަވެ 45 ފޫޓަށް ރާޅު އުފެދޭ ކަމަށެވެ. މީޓިއޮރޮލޮޖިސްޓެއް ކަމަށްވާ ރެންޑީ ސާވެނީ ވިދާޅުވެފައި ވަނީ "އެއާ ބޮމްބް" އުފެދުމުގެ މައިގަނޑު ސަބަބަކީ ހެކްސަގަންގެ ބައްޓަމަށް އެތުރޭ ވިލާކަން ކުރިން ވެސް އެނގޭ ކަމަށެވެ.
ބާމިއުޑާ ޓްރައިއެންގަލް އަކީ ސިއްރުތަކެއް އެކުލެވިގެންވާ ތަނެއް ކަމަށް އެންމެ ފުރަތަމަ ބުނަން ފެށީ އެތަނަށް ގިނަ އަދަދެއްގެ އުޅަނދުތައް ގެއްލުމާ ބެހޭ ގޮތުން 1950ގެ ތެރޭގައި ނޫސްވެރިޔަކު ލިޔުނު ލިޔުމަކާ ގުޅިގެންނެވެ. އެ ސަރަހައްދަށް ކޮންމެ އަހަރަކު، އެވްރެޖް ގޮތެއްގައި ހަތަރު މަތިންދާބޯޓާއި 20 ކަނޑު ބޯޓު ގެއްލެ އެވެ.