އަކްޝޭ ކުމާރުގެ ފިލްމު ލިސްޓަށް "ރަކްޝާ ބަންދަން"
އަކްޝޭ ކުމާރުގެ ފިލްމު ލިސްޓަށް "ރަކްޝާ ބަންދަން"

ފުލުފުލުގައި ފިލްމުތަކަށް ސޮއިކުރަމުން އަންނަ ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އަކްޝޭ ކުމާރު އަނެއްކާ ވެސް އާ ފިލްމަކަށް ސޮއިކޮށްފި އެވެ.

އޭނާ މި ފަހަރު ވެސް ސޮއިކުރި ފިލްމަކީ ލޮކްޑައުންއާ ހެދި ޝޫޓިން ހުއްޓުމަކަށް އައިސްފައި އޮތް ފިލްމު "އަތުރަންގީ ރޭ" ގެ ޑައިރެކްޓަރު އާނަންދު އެލް ރާއީ ޑައިރެކްޓްކުރާ ފިލްމަކަށެވެ.

ބޭބެއަކާއި އޭނާގެ ކޮއްކޮއިންތަކަކާ އޮންނަ ގުޅުން ދައްކުވައިދޭނެ މި ފެމިލީ ޑްރާމާ އަކީ އާނަންދު ގެނެސްދިން ފިލްމުތައް ކަމަށްވާ "ޒީރޯ" އާއި "ތަނޫ ވެޑްސް މަނޫ" އަދި "ރާންޖަނާ" ފަދަ ފިލްމުތައް ލިޔުނު ހިމާންޝޫ ޝަރުމާގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމެކެވެ.

އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 5 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ ފިލްމުގެ ޕޯސްޓަރު ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ. "ރަކްޝާ ބަންދަން" ގެ ޝޫޓިން ފަށާނީ އަކްޝޭ މިހާރު ސޮއިކޮށްފައި ހުރި ފިލްމުތަކުގެ މަސައްކަތް ނިންމުމަށް ފަހު އެވެ. އޭގެ ތެރޭގައި "އަތުރަންގީ ރޭ" އާއި "ބެލް ބޮޓަމް" އާއި "ބައްޗަން ޕާންޑޭ" އާއި "ޕްރިތުވީރާޖް" ގެ އިތުރުން އެމެޒޯން ޕްރައިމް ވީޑިއޯގެ ވެބް ސީރީޒް "ދި އެންޑް" ހިމެނެ އެވެ.

ލަފާކޮށްފައިވާ ގޮތުގައި އެ އެއްޗެހީގެ މަސައްކަތްތައް ނިންމާލައި "ރަކްޝާ ބަންދަން" ގެ މަސައްކަތް އަކްޝޭ އަށް އަންނަ އަހަރުގެ މެދުތެރޭގައި ފެށޭނެ އެވެ. އަކްޝޭ ވަނީ މި ފިލްމުން ފުރުސަތު ދިން ކަމަށްޓަކައި އާނަންދަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކޮށްފަ އެވެ. އޭނާ ބުނީ މިއީ ކެރިއަރުގެ އެންމެ ހާއްސަ އެއް ފިލްމަށްވާނެ ކަމަށާއި "ރަކްޝާ ބަންދަން" އަކީ ބެލުންތެރިން ރޮއްވާލައި ހެއްވާލާނެ ފިލްމެއް ކަމަށެވެ.

އާނަންދާ އެކު އަކްޝޭ މަސައްކަތްކުރާ ފުރަތަމަ ފިލްމު "އަތުރަންގީ ރޭ" އަކީ އަންނަ އަހަރުގެ ފެބްރުއަރީ 14 ގައި ގެނެސްދޭން ހަމަޖެހިފައިވާ ފިލްމެކެވެ. އޭގެ ކާސްޓުންގެ ތެރޭގައި ސާރާ އަލީ ޚާނާއި ދަނޫޝް ވެސް ހިމެނެ އެވެ.

މިހާރު ވެސް އަކްޝޭގެ ދެ ފިލްމެއް ރިލީޒްވާން އެބައޮތެވެ. އެއީ "ސޫރިޔާވަންޝީ" އާއި "ލަކްޝްމީ ބޮމް" އެވެ.