ސެވިއްޔާގެ ޑިފެންޑަރު ޑިއޭގޯ އަށް 12 ކްލަބަކުން ފާރަލަނީ
ސެވިއްޔާގެ ޑިފެންޑަރު ޑިއޭގޯ އަށް 12 ކްލަބަކުން ފާރަލަނީ

ސެވިލް (އޮގަސްޓް 3) - ސެވިއްޔާގެ ޑިފެންޑަރު ޑިއޭގޯ ކާލޮސް އަށް 12 ކްލަބަކުން ހުށަހެޅުން ލިބިފައިވާ ކަމަށް އޭނާގެ އޭޖެންޓްކަން ނަގާފައިވާ ބާޓޮލޫޝީ ސްޕޯޓްސްގެ އޮފިޝަލަކު ބުނެފި އެވެ.

މި ސީޒަނުގައި ސެވިއްޔާ ބަދަލުވެ އުމުރުން 27 އަހަރުގެ ޑިއޭގޯ ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން ގިނަ ކްލަބްތަކެއްގެ ލޯ އޭނާ އަށް ވަނީ އަމާޒުވެފަ އެވެ. އެ ގޮތުން އޭނާ ހޯދަން އެންމެ ބޮޑަށް މަސައްކަތްކުރަމުން އަންނަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުންނެވެ. އޭގެ ތެރޭގައި ލިވަޕޫލް، ޓޮޓެންހަމް، މެންޗެސްޓާ ސިޓީ، ޗެލްސީ އަދި އާސެނަލް ވެސް ހިމެނެ އެވެ.

ފްރާންސްގެ ނޯންޓްސް އަށް ތިން އަހަރު ކުޅުމަށް ފަހު ޑިއޭގޯ މިދިޔަ އަހަރު ސެވިއްޔާ އަށް ބަދަލުވީ 12 މިލިއަން ޑޮލަރުގެ އަގަކަށެވެ. ސެވިއްޔާ އިން ކާލޮސް ވިއްކާލަން އެންމެ ފުރަތަމަ ކިޔާފައިވާ އަގަކީ 68 މިލިއަން ޑޮލަރަށެވެ. އެކަމަކު އެ އަގު ދޭން ގިނަ ކްލަބްތަކުން ބޭނުމެއްނުވެ އެވެ.

ބާޓޮލޫޝީ ސްޕޯޓްސްގެ އޮފިޝަލަކު ބްރެޒިލް މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ މާލީ ދަތިކަމުގެ ސަބަބުން ސެވިއްޔާ އިން ޑިއޭގޯ ވިއްކަން ކިޔާ އަގު ދަށްކުރާނެ އެވެ. ބެލެވޭ ގޮތުގައި 50 މިލިއަން ޑޮލަރަށް އެ އަގު ކުޑަކުރާނެ ކަމަށާއި އެ އަގުގައި ޑިއޭގޯ ގަންނަން 12 ކްލަބަކުން ތައްޔާރަށް އޮތް ކަމަށް އޮފިޝަލް ބުންޏެވެ. އޭގެ ތެރޭގައި ޗައިނާގެ ކްލަބްތައް ވެސް ހިމެނޭ ކަމަށް ކަމަށް އޭނާ ބުންޏެވެ.

ޑިއޭގޯ ހޯދަން އެންމެ ފުރަތަމަ މަސައްކަތްކުރި އެއް ޓީމަކީ އިންގްލެންޑްގެ ޗެމްޕިއަން ލިވަޕޫލް އެވެ. ކޮވިޑް-19ގެ ސަބަބުން ލިވަޕޫލްގެ ހަރަދުތަކަށް ބަދަލު ގެނެސްފައިވާއިރު މިހާރު އެހާ އަގުބޮޑުކޮށް އެ ޓީމުން ޑިފެންޑަރެއް ގެންނާނެ ކަމަށް ނުބެލެވެ އެވެ. ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީން އަންނަނީ ޑިއޭގޯ ގަންނަން ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ. މި ރޭހަށް އެންމެ ފަހުން ވަނީ އެފްއޭ ކަޕްގެ ޗެމްޕިއަން އާސެނަލް އެވެ. ރިޕޯޓްތައް ބުނާގޮތުން އާސެނަލްގެ ކޯޗު އާޓެޓާގެ ޝައުގުވެރިކަން ހުރީ ބަދަލުގައި ކުޅުންތެރިންތަކެއް ދޭ ގޮތަށް ކުޑައަގެއްގައި ޑިއޭގޯ ހޯދާށެވެ. އެ ގޮތަށް ކުޅުންތެރިން ބަދަލުގައި ހުށަހަޅައިގެން ޑިއޭގޯގެ ސޮއި ހޯދަން ޗެލްސީން ވެސް ބޭނުންވެ އެވެ.

ބްރެޒިލްގެ މަޝްހޫރު ޑިފެންޑަރުން ކަމަށްވާ ތިއާގޯ ސިލްވާ އާއި ލޫސިއޯއާ އެއްގޮތް ކަހަލަ ސްޓައިލަކަށް ކުޅޭ ޑިއޭގޯ އަކީ ކުރިއަށް އޮތްތަނުގައި ބްރެޒިލް ފުރަތަމަ އެގާރައިން ގަވާއިދުން ޖާގަ ހޯދާނެ ކުޅުންތެރިއެއް ކަމަށް ބްރެޒިލްގެ ފުޓްބޯޅަ ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ. އަދި ޔޫރަޕްގެ ބޮޑު ޓީމަކަށް ޑިއޭގޯ ކުޅޭނަމަ އޭނާ އަކީ އެންމެ މޮޅު ޑިފެންޑަރުން ތެރޭގައި ރޭޓްކުރާނެ ކުޅުންތެރިއެއް ކަމަށް ސެވިއްޔާގެ ކޯޗު ހޫލެން ލޮޕެޓެގީ ވެސް ވަނީ މީގެ ކުރިން ބުނެފަ އެވެ.