24 އޮކްޓޯބަރ 2016 - 14:41

ހުޅުމާލެ ފަޅަށް ވަންނަން އާ ނެރެއް ބޭނުންކުރަން ފަށައިފި އެވެ.
އެޗްޑީސީގެ މުނިސިޕަލް ޑިރެކްޓަރު އިސްމާއިލް ޝާން މިއަދު ވިދާޅުވި ގޮތުގައި ހުޅުލޭ އެއާޕޯޓް ރަންވޭ ކޮޅުގައި އޮންނަ، ކުރިން ބޭނުން ކުރަމުން އައި ނެރުގެ ބަދަލުގައި އެހެން ނެރެއް ބޭނުންކުރަން ފެށީ އެއާޕޯޓްގެ އާ ރަންވޭ ހަދަން އެ ސަރަހައްދު ހިއްކަމުން އަންނާތީ އެވެ.
މީގެ 12 އަހަރަށް ވުރެ ކުރިން ބޭނުން ކުރި ނެރުގެ ބަދަލުގައި އާ ނެރު ބޭނުންކުރަން އެޗްޑީސީން ވަނީ އިލްތިމާސްކޮށްފަ އެވެ. އެ ނެރު ހަދާފައި ވަނީ ހުޅަނގު ފަރާތުގައި، ފެރީ ޓާމިނަލާ ދިމާލުންނެވެ.
ޝާން ވިދާޅުވީ އާ ނެރު ބޭނުން ކުރުމުން، ހުޅުމާލެ އާއި މާލެއާ ދެމެދު ފެރީގައި ދަތުރުކުރަން ހޭދަވާ ވަގުތު ކޮންމެވެސް ވަރަކަށް އިތުރުވާނެ ކަމަށެވެ.
"ކުރީގެ ނެރާއި މިހާރު ބޭނުން ކުރަމުން އަންނަ ނެރާ މާ ބޮޑު ދުރުމިނެއް ނޫޅޭނެ. އެހެންވީމަ ފެރީގައި ދަތުރުކުރަން ޖެހޭ ވަގުތު ކުޑަކުޑަ ތަފާތެއް ހުންނާނީ،" ޝާން ވިދާޅުވި އެވެ.
ހުޅުމާލެ އާއި މާލެއާ ދެމެދު އާދައިގެ ފެރީއެއްގައި ދަތުރު ކުރުމަށް ހޭދަވަނީ ގާތްގަނޑަކަށް 20 މިނެޓެވެ. ނަމަވެސް އާ ނެރު ބޭނުން ކުރަން ފެށުމުން 25 މިނެޓު ހޭދަވެ އެވެ. ޕްރިމިއަމް ލިންކުން ދަތުރު ކުރާ ނަމަ، ކުރިން 16 ވަރަކަށް މިނިޓުން ކުރި ދަތުރަށް މިހާރު 20 މިނެޓް ވާނެ އެވެ.
އަލަށް ބޭނުންކުރަން ފެށި ނެރު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކައިރި މުސްތަގުބަލެއްގައި ފެށުމަށް އެޗްޑީސީން ވަނީ ނިންމައިފި އެވެ.