03 އޯގަސްޓް 2020 - 12:44

ބާސެލޯނާ (އޮގަސްޓް 3) - މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ބޮޑު އަގުދީފައި އެހެން ޓީމުތަކުން ކުޅުންތެރިން ގަނެވޭނެ ފުރުސަތު ބާސެލޯނާ އަށް ނެތް ކަމަށް އެ ޓީމުގެ ރައީސް ޖޯސެފް ބާޓޮމެއު ވިދާޅުވެއްޖެ އެވެ.
ބާސެލޯނާ އިން ވަނީ އިންޓަ މިލާނުގެ އާޖެންޓީނާ ފޯވާޑް ލަޓާރޯ މާޓީނޭޒް އާއި ޕީއެސްޖީގެ ނޭމާ ހޯދަން މަޝްވަރާކޮށްފަ އެވެ. މީގެން ކޮންމެ ކުޅުންތެރިއަކު ގަންނަން ވެސް މަދުވެގެން 100 މިލިއަން ޑޮލަރު ހަރަދުކުރަންޖެހޭނެ އެވެ. ބާޓޮމެއު ވިދާޅުވީ ލަޓާރޯ އާއި ނޭމާ ހޯދަން އެ ދެ ކުޅުންތެރިން ކުޅޭ ކްލަބްތަކާ އެކު ވާހަކަތަކެއް ދެކެވުނު ކަމަށެވެ.
"ލަޓާރޯ ޓްރާންސްފާ ކަންތައްތަކުގައި އިންޓައާ އެކު ހަފްތާތަކެއް ވަންދެން ވާހަކަ ދެކެވުނު. އެކަމަކު ވާހަކަތަށް ހުއްޓާލަން ޖެހުނީ އިންޓައާ އެކު އަނގަބަހުން ވެވުނު އެއްބަސްވުމަކަށް ފަހު. އެއީ މި ވަގުތު އަހަރެމެންނަށް ނެތް ބޮޑެތި އަގުތަކެއް ދެވޭކަށް. ދެން ނޭމާ ކަންތައްތަކުގައި ބަލަންޏާ ޕީއެސްޖީން ބޭނުމެއް ނުވޭ މި އަހަރު އެ މީހުންގެ މުހިއްމު ކުޅުންތެރިއެއް ވިއްކަން. އަނެއްކޮޅުން ނޭމާ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިންގެ ތެރެއިން އެކަކު. އެ ވަރުގެ ކުޅުންތެރިއަކު ވެސް ކުޑައަގެއްގައި ނުލިބޭނެ،" ބާޓޮމެއު ވިދާޅުވި އެވެ.
އެހެން ނަމަވެސް އަންނަ ސީޒަނުގެ ކުރިން ބާސެލޯނާ އަށް މަޝްހޫރު ކުޅުންތެރިން ގެނައުމުގެ ހުރިހާ ދޮރެއް ބަންދުނުވާކަމަށް ބާޓޮމެއު ވިދާޅުވި އެވެ.
"އަހަރެމެންނަށް ކުޅުންތެރިންނާއި ކުޅުންތެރިން ބަދަލުކޮށްގެން އަދިވެސް މޮޅެތި ކުޅުންތެރިން މި ޓީމަށް ގެނެވިދާނެ. އެ ގޮތަށް ކުރާ މަސައްކަތްތަކެއް ކުރިއަށް އެބަދޭ،" ބާޓޮމެއު ވިދާޅުވި އެވެ.
މާލީ ގޮތުން ބަލާއިރު ބާސެލޯނާ އަށް ކުރިއަށް އޮތީ އުނދަގޫ ދުވަސްތަކެއްގެ ގޮތުގައި ބާޓޮމެއު ސިފަކުރެއްވިއިރު، އޭނާގެ ނަޒަރުގައި ލިބެން އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އެ ޓީމުގެ ތަރި ލިއޮނަލް މެސީ ކޮންޓްރެކްޓް އާ ކުރުން ކަމަށެވެ. މެސީ ބާސެލޯނާއާ އެކު މިހާރު ކޮންޓްރެކްޓްގައި ހުރީ އަންނަ ސީޒަނުގެ ނިޔަލަށެވެ. އެހެން ކްލަބަކަށް ބަދަލުވާން ބޭނުންނަމަ މެސީ އަށް ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން އެހެން ޓީމަކާ އެކު ޕްރީ އެގްރިމެންޓެއްގައި ސޮއިކުރެވޭނެ އެވެ. ބާޓޮމެއު ވިދާޅުވީ މެސީ ހުންނާނީ ބާސެލޯނާގައި ކަމަށެވެ.
"މެސީ އަބަދުވެސް ބުނަމުން އައީ އޭނާގެ ކުޅުމުގެ ކެރިއަރު ނިންމާލާނީ ބާސެލޯނާގައޭ. އަހަރެމެން އެ ބަހަށް އިތުބާރު ކުރަން. މެސީ މި ކްލަބްގައި މަޑުކުރާނެ. ވަރަށް އަވަހަށް އެއްބަސްވުމުގައި ސޮއިކުރާނެ،" ބާޓޮމެއު ވިދާޅުވި އެވެ.
މެސީ ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކްލަބަކީ އިންޓަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި އިންޓަ އިން ވަނީ ބާސެލޯނާ އިން ދޭ ވަރަށް ވުރެ ބޮޑު މުސާރައެއް ދޭން މެސީ އަށް ހުށަހަޅައިފަ އެވެ.
މީޑިއާގައި ދެކެވޭ ވާހަކަތަކަށް ބަލާއިރު ބާސެލޯނާ އިން އަންނަނީ އަންނަ ސީޒަނަށް އާ ކޯޗެއް ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެކަމަކު އެ ވާހަކަތަށް ދޮގުކޮށް ބާޓޮމެއު ވިދާޅުވީ މިހާރު ހުރި ކޯޗު ކިކޭ ސެޓިއެންގެ ކޮންޓްރެކްޓްގައި އަދި ބާކީ އަަހަރެއް އެބައޮތް ކަމަށާއި އެހެން ކަމުން އާ ކޯޗެއް ހޯދުމުގެ ވާހަކަ ދައްކަން އަދި އަވަސް ކަމަށެވެ.