ޕްރިމިއާ ލީގު ފަށާ ތާރީހާ މެދު ލަމްޕާޑް ކަންބޮޑުވެއްޖެ
ޕްރިމިއާ ލީގު ފަށާ ތާރީހާ މެދު ލަމްޕާޑް ކަންބޮޑުވެއްޖެ

ލަންޑަން (އޮގަސްޓް 3) - އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަން ފަށަން ކަނޑައަޅާފައިވާ ތާރީހު މާ އަވަސް ކަމަށް ބުނެ ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިހާރު އޮތްގޮތުން ޕްރިމިއާ ލީގުގެ އާ ސީޒަން ފަށަން ނިންމާފައިވަނީ އަންނަ މަހުގެ 12 ވަނަ ދުވަހު އެވެ. އެ ގޮތަށް ނިންމީ ޕްރިމިއާ ލީގުގެ ބޯޑުން ކްލަބްތަކާ އެކު ބޭއްވި ސިލްސިލާ ބައްދަލުވުންތަކަށް ފަހު އެވެ. ސީޒަން ހުޅުވާ މެޗު ކަމަށްވާ ކޮމިއުނިޓީ ޝީލްޑް މެޗުގައި ލިވަޕޫލާއި އާސެނަލް ވާދަކުރާނީ މި މަހު 29 ވަނަ ދުވަހު އެވެ.

ހޮނިހިރު ދުވަހުގެރޭ އެފްއޭ ކަޕް ފައިނަލުން އާސެނަލް އަތުން ޗެލްސީ ބަލިވިއިރު، އަންނަ ހޮނިހިރު ދުވަހުގެރޭ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި ރަށުންބޭރުގައި ޗެލްސީ ކުޅޭނީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާ އެވެ. ފުރަތަމަ ލެގުގައި ޗެލްސީ ދަނޑުގައި ބަޔާން ވަނީ 3-0 އިން މޮޅުވެފަ އެވެ. ދެ ވަނަ ލެގުން ނަތީޖާ އަނބުރާލައި ޗެލްސީ ކުއާޓާ ފައިނަލަށް ނުގޮސް ކަޓައިފިނަމަ ޕްރިމިއާ ލީގުގެ އާ ސީޒަނާ ދެމެދު އެ ޓީމަށް ލިބޭނީ 35 ދުވަހުގެ ބްރޭކެކެވެ.

"ކުޅުންތެރިންނަށް އެކަށީގެންވާ ވަރުގެ ބްރޭކެއް ލިބެންޖެހޭ. އެ ވަރުގެ ބްރޭކެއް ލިބިގެން ނޫނީ ޕްރިމިއާ ލީގުގައި އަހަރެމެން މި އުއްމީދުކުރާ ވަރުގެ ކޮލިޓީ ކުޅުމެއް ނުފެންނާނެ،" ލަމްޕާޑް ބުންޏެވެ.

ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގައި ކުޅޭ ޓީމުތަކުން މުބާރާތުގެ ފައިނަލް ބުރުތަކުގައި ވާދަކޮށްފިނަމަ ޕްރިމިއާ ލީގުގެ އާ ސީޒަނާ ދެމެދު އެ ޓީމުތަކަށް މަދުވެގެން 30 ދުވަހުގެ ބްރޭކެއް ދޭން ވަނީ ނިންމައިފަ އެވެ. ލަމްޕާޑް ބުނީ ޗެލްސީ ޗެމްޕިއަންސް ލީގުގެ ކުއާޓާ އަށް ނުގޮސް ކަޓައިފިނަމަ ވެސް އޭނާގެ ނަޒަރުގައި އަންނަ މަހުގެ 12 ވަނަ ދުވަހު އަލުން ސީޒަން ފަށަން މާ އަވަސް ކަމަށެވެ.

"އަހަރެން އެދެނީ ލީގު ފަށަން ކަނޑައަޅާފައިވާ ތާރީހާ މެދު ޕްރިމިއާ ލީގުން ތަންކޮޅެއް ސީރިއަސް ނަޒަރަކުން ވިސްނާލުން. އިންސާފުވެރި ގޮތަކަށް ހުރިހާ ޓީމަކަށް ރަނގަޅަށް ސީޒަން ފެށުމުގެ ފުރުސަތު ލިބޭނެ ގޮތަކަށް ރޭވުން. އަންނަ މަހުގެ 12 އަކީ އަހަރެންގެ ނަޒަރުގައި ސީޒަން ފަށަން މާ އަވަސް ތާރީހެއް،" ލަމްޕާޑް ބުންޏެވެ.

ޕްރިމިއާ ލީގު އަވަހަށް ފަށަން ނިންމި އެންމެ ބޮޑު ސަބަބަކީ އަންނަ އަހަރަށް ފަސްކޮށްފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތް ފަށަން އެކަށީގެންވާ ވަގުތެއް އޮއްވައި ސީޒަން ނިންމާލުމުގެ ގޮތުންނެވެ. ޕްރިމިއާ ލީގުން ވަނީ އެފްއޭ ކަޕާއި ލީގު ކަޕް އަށް ވެސް ބަދަލުތަކެއް ގެންނަން ވާހަކަ ދައްކަމުންނެވެ.