03 އޯގަސްޓް 2020 - 11:20

މާލެ އާއި ހއ. އިހަވަންދުއާ ދޭތެރޭގައި ދަތުރުކުރާ "242" ބޯޓުގެ ފަޅުވެރިއަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވަނިކޮށް، އެ ބޯޓުގެ ފަޅުވެރިއަކާއި އެ ރަށުގެ "ތަޚުތު" ބޯޓުގެ ކެޕްޓަން ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ކައުންސިލުން މިއަދު ބުނީ ފަހުން މީހަކު ޕޮޒިޓިވްވި ތަޚުތު ބޯޓަކީ ހއ. އަތޮޅާއި ހދ. އަތޮޅުގެ ގިނަ ރަށްތަކަށް މުދާ އުފުލާ ބޯޓެއް ކަމަށެވެ. މާލެ އިން އިހަވަންދު އަށް އެ ބޯޓު މީގެ ފަސްވަރަކަށް ދުވަސް ކުރިން ދިޔައީ ހދ. މަކުނުދު އާއި ވައިކަރަދޫގައި މަޑުކޮށްފައި ކަމަށް ކައުންސިލުން ބުންޏެވެ.
ކައުންސިލް މެމްބަރު އަބްދުﷲ ހަލީލް ވިދާޅުވި ގޮތުގައި ތަޚުތު ބޯޓުގެ ކެޕްޓަންގެ ނަތީޖާ ލިބުމާ އެކު އެ ރަށުގެ ހަ ގެއެއް ވަނީ ކަރަންޓީންކޮށްފަ އެވެ.
ކުރިން 242 ބޯޓުގެ ކޭޝިއަރު ޕޮޒިޓިވްވުމުން ރަށަށް އަރައި ފޭބުން މަނާކުރިޔަސް މިހާރު ވަނީ މޮނިޓަރިންގެ ހާލަތުން ނަގައިފަ އެވެ. ދެ ބޯޓުން ގިނަ މީހުން ދަތުރުކޮށްފައިވާ އިރު، ރަށުގައި ތިބި މީހުންގެ ތެރެއިން އިތުރު ބަޔަކު ޕޮޒިޓިވްވެ ކްލަސްޓާ ބޮޑުވެދާނެ ކަމުގެ ބިރު އޮތް ކަމަށް ކައުންސިލުން ބުންޏެވެ.
ދެ ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން މިހާރު ކަރަންޓީންގައި 15 މީހަކު އެބަތިއްބެވެ.
"އެއް ބަޔަކު ތިބީ ބޯޓު ތެރޭގައި ކަރަންޓީންވެގެން. އަނެއް ބަޔަކު ގޭގައި ވެސް އެބަތިބި،" ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވި އެވެ.
ބޯޓުން ދަތުރުކުރި މީހުންނާ ގިނަ ބަޔަކު ވަނީ ގާތުން ބައްދަލުވެފަ އެވެ. ކޮންޓެކްޓް ޓްރޭސިން އަދި ނުނިމޭތީ ކިހާ އަދަދެއް ކަން އަދި ސާފުނުވާ ކަމަށް ކައުންސިލުން ބުންޏެވެ.
"އިތުރު 12 މީހެއްގެ ސާމްޕަލް ވެސް މިއަދު ނެގި. އޭގެތެރޭގައި މާލެ އިން އެ ރަށަށް ގޮސް ކަރަންޓީން ފުރިހަމަކޮށްފައިވާ މީހުން ހިމެނޭ،" އޭނާ ވިދާޅުވި އެވެ.
މާލެ ފިޔަވައި ރާއްޖޭން އެންމެ ފުރަތަމަ ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވީ ވެސް އިހަވަންދޫ ބޯޓަކުން އެ އަތޮޅު އުލިގަމަށް ދިޔަ މީހެކެވެ. މިދިޔަ އޭޕްރީލް 15 ގައި އެ ރަށު "ކާވިޔާ" ބޯޓުން އުލިގަމަށް ދިޔަ މީހާ ޕޮޒިޓިވް ވުމުން، އެ ބޯޓުން ދިޔަ އެހެން މީހުން ވެސް ޓެސްޓު ހެދި އެވެ. އޭގެ ތެރެއިން ތަކަންދު އަށް ދިޔަ ތިން މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އެ އެންމެން ވެސް މިހާރު ވަނީ އެ ބަލިން ރަނގަޅުވެފަ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ފަހު ލުއިތަކެއް ދޭން ފެށުމުން ބަލި ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ރާއްޖެ އިން 215 މީހަކު އިއްޔެ މި ބައްޔަށް ޕޮޒިޓިވްވި އެވެ.