24 އޮކްޓޯބަރ 2016 - 13:33

ދިވެހިންނަށް އާއްމުކޮށް ދިމާވާ ސިއްހީ މައްސަލަތަކާއި ދުޅަހެޔޮ ސިއްހަތަކަށް ދިރިއުޅުން ބައްޓަންކުރާނެ ގޮތާ ބެހޭ ގޮތުން ޕްރޮފެސަރު ހަސަން އުގެއިލް ލިއުއްވި "ސިއްހީ ހަދިޔާ"ގެ އީބުކް "މިހާރު" މެދުވެރިކޮށް ނެރެފި އެވެ.
ގިނަ ބައެއްގެ ބޮޑު ތަރުހީބެއް ލިބުނު ފޮތް، އިޝޫ ޑޮޓްކޮމްގައި ހަދާފައިވާ "މިހާރު" އެކައުންޓުން ހިލޭ ޑައުންލޯޑްކޮށް ނުވަތަ ޑައުންލޯޑްނުކޮށް ކިޔަން ބޭނުން ނަމަ އެގޮތަށް ވެސް ކިޔޭނެ އެވެ.
"މިހާރު"ގެ ލައިފް ސްޓައިލް ސެކްޝަނަށް ގޮސްގެން ވެސް "ސިއްހީ ހަދިޔާ"ގެ އީބުކްގެ ލިންކް ފެނިވަޑައިގަންނަވާނެ އެވެ.
އުގެއިލް ވިދާޅުވީ "ސިއްހީ ހަދިޔާ" ޗާޕްކޮށްގެން ނެރުނުއިރު ވެސް އެހެން މީޑިއަމްތަކުގައި އެ ފޮތް ނެރުމުގެ ވިސްނުން ގެންގުޅުއްވި ކަމަށެވެ. އެކަމަކު މިހާ އަވަހަށް އީބުކް ނެރެނީ، ފޮތް ކިޔަން ޝައުގުވެރިވާ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށް ވިދާޅުވި އެވެ.
އީބުކަށް ފަހު، އޯޑިއޯ ވާޝަން އާއި ފޮތުގެ މޮބައިލް އެޕްލިކޭޝަންތަކެއް ވެސް ތައްޔާރުކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުގެ ބޭނުމަކީ ފަސޭހަ އިން ފޮތް ވިދާޅުވުމުގެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް ހޯދައިދިނުން،" އުގެއިލް ވިދާޅުވި އެވެ.
ސޮނީ ހާޑްވެއާގެ އެހީތެރިކަމާ އެކު ނެރުއްވި "ސިއްހީ ހަދިޔާ" އަކީ، އުގެއިލް ވިދާޅުވި ގޮތުގައި، ޑޮކްޓަރީ ފޮތެއް ނޫނެވެ. ކޮމްޕިއުޓަ ސައިންސުން ކިޔަވާ ވިދާޅުވެ، ސިއްހީ ފޮތެއް ނެރުމުން ގިނަ ބަޔަކު ސުވާލު އުފައްދާ ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެ ފޮތުގައި ހިމަނާފައި ވާނީ ސައިންސްގެ ދިރާސާތަކަށް ބިނާކޮށްފައިވާ ލިއުންތަކެއް ކަމަށެވެ. އަދި ގިނަ ބައިިތަކަކީ އަމިއްލަ އަށް ތަޖުރިބާ ކުރެއްވުނު ކަންކަމަށް ވިސްނެވުމަށް ފަހު ހިމަނާފައިވާ މައުލޫމާތުތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.
އުގެއިލްގެ ފޮތުގައި ދިވެހިންނަށް ދިމާވާ ސިއްހީ ގިނަ މައްސަަލަތަކެއްގެ މައުލޫމާތު ސައިންސްވެރިންގެ ފަހުގެ ދިރާސާތަކާ އެކު ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ދުޅަހެޔޮ ސިއްހަތަކަށް ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފަހައްޓަން ފަސޭހަ އިން ކުރެވިދާނެ ކަންތައްތަކާއި ރާއްޖޭގެ މާހައުލުން ސިއްހަތަށް ކޮށްފާނެ ނޭދެވޭ އަސަރުތަކާ މެދު ވިސްނައި ރަނގަޅު ކުރަންވީ ކަންކަން ކިޔައިދީފައިވެ އެވެ. އަދި ޒުވާންކަން މަތީގައި ގިނަ ދުވަހު ދުނިޔޭގައި ދެމިހުންނަން، ރާއްޖޭގެ މާހައުލުން އާއްމުކޮށް ލިބެން ހުންނަ ބާވަތްތައް ކެއުމުގައި ހިމަނާނެ ގޮތާއި ދިރިއުޅުމުގެ އެހެން ވައްޓަފާޅި ބައްޓަންކުރަން ޖެހޭ ގޮތް ވެސް ލިއުއްވި އެވެ.
ސިއްހީ އިތުރު ފޮތެއް ނެރުއްވުމުގެ ވިސްނުން އުގެއިލް ނުގެންގުޅުއްވަ އެވެ. އެކަމަކު ދިވެހިންނަށް އަނެއްކާވެސް ހަދިޔާއެއް ދޭން އުގެއިލް ގެންދަވަނީ ތައްޔާރުވަމުންނެވެ.