ކޮވިޑް-19 ބިރު ބޮޑުވަނީ: މިއަދު 215 ކޭސް
ކޮވިޑް-19 ބިރު ބޮޑުވަނީ: މިއަދު 215 ކޭސް

ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވް ވި މީހުންގެ އަދަދު ރެކޯޑު އަދަދަކަށް މައްޗަށް ހިނގައްޖެ އެވެ. އެޗްޕީއޭއިން މިރޭ އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު 215 މީހުން ޕޮޒިޓިވްވެފައި ވެ އެވެ.

މިއީ ރާއްޖެއިން ކޮވިޑް-19 ފެނުނު ފަހުން އެންމެ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވި ދުވަހެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ވެސް ގިނައީ ދިވެހިންނެވެ. އެއީ 149 މީހުންނެވެ. މީގެ އިތުރުން މިއަދު ޕޮޒިޓިވްވީ ބަންގްލަދޭޝްގެ 54 މީހުންނާއި، އިންޑިއާ 7 މީހަކާއި، ލަންކާ އަދި ނޭޕާލްގެ ދެ މީހުންގެ އިތުރުން އިންޑޮނޭޝިއާ މީހެކެވެ.

މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 4000 އަށް ވުރެ މައްޗަށް އަރައިފަ އެވެ. މިހާރު ޕޮޒިޓިވްވެފައި ވަނީ ޖުމްލަ 4،255 މީހުންނެވެ. އެއީ 2،086 ދިވެހިންނާއި، 2،079 ބިދޭސީންނެވެ. މީގެ ތެރެއިން 2،613 މީހުން ވަނީ ރަނގަޅުވެފަ އެވެ. އަދި ޖުމްލަ 18 މީހުން ވަނީ މި ބަލީގައި މަރުވެފަ އެވެ.

މާލެ ސަރަހައްދުން ކޮވިޑް-19 ފެނުމާއެކު ލޮކްޑައުން ކުރީ އޭޕްރިލް 15 ގަ އެވެ. ދެ މަސް ދުވަހަށް ފަހު ޖުލައި 1 ގައި ބޮޑު ލުއިތަކެއް ދިން ހިސާބުން ފެށިގެން ކޭސްތަކުގެ އަދަދުތައް ދަނީ ގިނަވަމުންނެވެ. އޭރު ގިނައިން ބިދޭސީން ޕޮޒިޓިވްވި ނަމަވެސް މިހާރު މި ބަލި ޖެހޭ މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ.