ދެ އަހަރު ތެރޭ ޔުވެންޓަސް އަށް އަމިއްލަ ދަނޑުގައި ފުރަތަމަ ނާކާމިޔާބު
ދެ އަހަރު ތެރޭ ޔުވެންޓަސް އަށް އަމިއްލަ ދަނޑުގައި ފުރަތަމަ ނާކާމިޔާބު

ޓިއުރިން (އޮގަސްޓް 2) – މި ސީޒަނުގެ އިޓާލިއަން ލީގުގައި ޗެމްޕިއަން ޔުވެންޓަސް ކުޅުނު ފަހު މެޗުން ރޭ ރޯމާ އަތުން 3-1 އިން ބަލިވެ ލީގުގައި އަމިއްލަ ދަނޑުގައި 40 މެޗުގެ ތެރޭ ފުރަތަމަ ފަހަރަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހިއްޖެ އެވެ.

އެ ޓީމު ލީގުގައި އަމިއްލަ ދަނޑުގައި އެންމެ ފަހުން ބަލިވީ 2018 ވަނަ އަހަރުގެ އޭޕްރިލް މަހު ނަޕޯލީ އަތުން 1-0 އިންނެވެ. ރޭގެ މެޗަށް ފަހު ޔުވެންޓަސްއާ ވަނީ އިޓާލިއަން ލީގުގެ ޓްރޮފީ ހަވާލުކޮށްފަ އެވެ.

ރޭ ބަލިވުމާ އެކު އެ ޓީމު ލީގު ނިންމާލީ، ދެ ވަނަ ހޯދި އިންޓަ މިލާނާ އެންމެ ޕޮއިންޓެއްގެ ފަރަގުންނެވެ. ޔުވެންޓަސް 83 ޕޮއިންޓް ހޯދިއިރު ރޭ އެޓަލާންޓާ އަތުން 2-0 އިން މޮޅުވި އިންޓަ ދެ ވަނައިގައި ނިންމާލީ 82 ޕޮއިންޓާ އެކު އެވެ. އިންޓަ އަކީ ސީޒަނުގެ ކުރީ ބައިގައި ލީގަށް ވާދަކުރި ޓީމެވެ.

ސީޒަނުގެ ފަހުބައިގައި ލީގަށް ވާދަކުރި ލާޒިއޯ ރޭ ނަޕޯލީ އަތުން 3-1 އިން ބަލިވެ 78 ޕޮއިންޓާ އެކު ދިޔައީ ހަތަރު ވަނަ އަށެވެ. ލީގުގެ ތިން ވަނަ ހޯދީ އެ އަދަދަށް ޕޮއިންޓް އެއްކޮށްގެން ލަނޑުގެ ތަފާތުން އެޓަލާންޓާ އެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ ނެތި ކުޅުނު ޔުވެންޓަސްގެ ފޯވާޑް ލައިން ބެލެހެއްޓި ގޮންޒާލޯ ހިގުއައިން ފަސް ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނެވެ. އެކަމަކު ނިކޮލާ ކަލިނިޗް ޖެހި ގޯލާއި ޑިއެގޯ ޕެރޮއްޓީގެ ދެ ގޯލާ އެކު ރޯމާ ފަހަތުން އަރައި މޮޅުވީ އެވެ.

1 - ޔުވެންޓަސް: 83 ޕޮއިންޓް

2 - އިންޓަ މިލާން: 82 ޕޮއިންޓް

3 - އެޓަލާންޓާ: 78 ޕޮއިންޓް

4 - ލާޒިއޯ: 78 ޕޮއިންޓް

5 - ރޯމާ: 70 ޕޮއިންޓް

6 - އޭސީ މިލާން: 66 ޕޮއިންޓް

ޔުވެންޓަސް އިން ޖެހިޖެހިގެން ނުވަ ވަނަ ފަހަރަށް ލީގު ނެގި ނަމަވެސް މި ފަހަރު ހާއްސަކޮށް ފަހުބައިގައި އެއް ފެންވަރެއްގައި ހިފަހައްޓާލެވޭ ގޮތެއް ނުވި އެވެ. ލީގުގައި އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން މޮޅުވީ ދެ މެޗުންނެވެ. އެ ޓީމުގެ ނަތީޖާ ދަށްވުމުގެ ފައިދާ ލާޒިއޯ އަށް ނެގޭ ގޮތްނުވީ އެ ޓީމުގެ ފޯމް ވެސް ގެއްލުމުންނެވެ.

ބެލެވޭ ގޮތުގައި މި ސީޒަނުގައި ޔުވެންޓަސްއާ ހަވާލުވި ކޯޗު މައުރީޒިއޯގެ ސާރީގެ މުސްތަގުބަލާ މެދު ގޮތެއް ނިންމާނީ ޗެމްޕިއަންސް ލީގުގެ ނަތީޖާ އަށް ބެލުމަށް ފަހު އެވެ. އެ މުބާރާތުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި ހުކުރު ދުވަހުގެރޭ ޔުވެންޓަސް އަމިއްލަ ދަނޑުގައި ވާދަކުރަނީ ފްރާންސްގެ އޮލިމްޕިކް ލިޔޯންއާ އެވެ. ފުރަތަމަ ލެގުން 1-0 އިން މޮޅުވީ ލިޔޯނެވެ.

ރޭ ގަދަގަދަ އެޓަލާންޓާ އަތުން އިންޓަ މޮޅުވި މެޗުގައި ގޯލް ޖަހައިދިނީ ޑަނީލޯ ޑި އެމްބްރޮސިއޯ އާއި އޭޝްލީ ޔަންގެވެ. އެޓަލާންޓާ އަށް ދެން އޮތީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ފްރާންސްގެ ޕީއެސްޖީއާ ވާދަކުރާ ދެ މެޗެވެ.

ރޭ އޭސީ މިލާން ވަނީ އަމިއްލަ ދަނޑުގައި ކަލިއާރީ އަތުން 3-0 އިން މޮޅުވެފަ އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑަކީ ކަލިއާރީގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަނެއް ދެ ގޯލް ޖަހައިދިނީ ޒަލަޓާން އިބްރަހިމޮވިޗާއި ސަމޫ ކަސްޓިހެލޯ އެވެ. މިއީ ރޭ ޕެނަލްޓީއެއް ބޭކާރުކުރި، އުމުރުން 38 އަހަރުގެ އިބްރަހިމޮވިޗް ޖެނުއަރީ މަހު މިލާނާ އަލުން ގުޅުނު ފަހުން ޖެހި 10 ވަނަ ލަނޑެވެ.