03 އޯގަސްޓް 2020 - 06:51

ބެލުންތެރިންގެ މެދުގައި ވަަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ސްޕެއިންގެ މަޝްހޫރު ސީރީޒް "މަނީ ހައިސްޓް" ގެ ކުރިއަށް އޮތް ފަސް ވަނަ ސީޒަނާ އެކު އެ ނިންމައިލާ ގޮތަށް ހަމަޖައްސައިފި އެވެ.
އެކަން ނެޓްފްލިކްސް އިން ހާމަކުރުމާ އެކު ބެލުންތެރިން އެކި ޝުއޫރުތައް ވެސް ފާޅުކޮށްފައިވެ އެވެ.
"މަނީ ހައިސްޓް" އަކީ 2017 ގައި ގެނެސްދޭން ފެށި ސީރީޒެކެވެ. ބޭންކެއް ފަޅާލަން ރާވާ ރޭވުންވުންނާއި އެ ކުޅިގަނޑުގެ ތެރޭގައި ހިނގާ ހާދިސާތައް ވަރަށް ޝައުގުވެރިކޮށް ކިޔައިދޭ މި ކްރައިމް ޑްރާމާ ސީރީޒް ފަސް ވަނަ ސީޒަނާ އެކު ނިިންމައިލާ އިރު، ހަތަރު ވަނަ ސީޒަން ގެނެސްދިނީ މިދިޔަ އަހަރު އެވެ.
ފަސް ވަނަ ސީޒަން ގެނެސްދޭނެ އަދި އިރެއް އަދި އިއުލާނެއްނުކުރެ އެވެ. މިހާތަނަށް "މަނީ ހައިސްޓް" 31 އެޕިސޯޑް ގެނެސްދީފައިވެ އެވެ.
މި ސީރީޒްގެ އެންމެ ހާއްސަ އެއް ކަމަކީ މީގެ ޝައުގުވެރި އަދި ސިއްރުން ފުރިގެންވާ ކެރެކްޓާތެކެވެ. އެގޮތުން ސީރީޒްގެ ބަލާ މީހުންގެ މެދުގައި ކޮންމެ ކެރެކްޓާއެއް ބިންވަޅު ނެގިފައވެ އެވެ.
"މަނީ ހައިސްޓް" އަކީ ނެޓްފްލިކްސް އިން ގެނެސްދޭ އިނގިރޭސި ބަސް ނޫން ސީރީޒްތަކުގެ ތެރެއިން މިހާތަނަށް އެންމެ ބޮޑު ތަރުހީބެއް ލިބުނު ސީރީޒް ވެސް މެ އެވެ. އަދި މިއީ އެތައް އެވޯޑެއް ހޯދާފައިވާ އެއްޗެކެވެ. އޭގެ ތެރޭގައި އެމީ އެވޯޑްސް ވެސް ހިމެނެ އެވެ.