02 އޯގަސްޓް 2020 - 10:59

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވެ މިހާތަނަށް ބަލިން ރަނގަޅުނުވެ ތިބި މީހުން ނުވަތަ އެކްޓިވް ކޭސްތަކުގެ އަދަދު އިއްޔެ ރެކޯޑް މިންވަރަކަށް އަރައިފި އެވެ.

ކޮވިޑް-19 އަށް ރާއްޖެއިން 3،950 މީހަކު ޕޮޒިޓިވް ވެފައި ވާއިރު އެކްޓިވް ކޭސްތަކުގެ އަދަދަކީ މިިހާރު 1،305 އެވެ. އެއީ ބަލިން ރަނގަޅުވި މީހުންނާއި ބަލީގައި މަރުވި މީހުން އަދި ބަލި ޖެހިފައި ވަނިކޮށް ރާއްޖޭން ބޭރަށް ފުރައިގެން ގޮސްފައިވާ ބިދޭސީން އުނިކުރުމުން އަންނަ އަދަދެވެ.
ރާއްޖޭގައި ބަލި ޖެހުނު ފަހުން މިހާތަނަށް 15 ބިދޭސީއަކު ފުރައިގެން ގޮސްފައިވެ އެވެ. ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ ތެރޭގައި މި މީހުންނެއް ނުހިމަނަ އެވެ. ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް 17 މީހަކު ވަނީ މަރުވެފަ އެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 2,613 އެވެ.
މީގެ ކުރިން އެކްޓިވް ކޭސްތައް އެންމެ ގިނަވީ ޖޫން މަހުގެ ފުރަތަމަ ދުވަހު އެވެ. އެދުވަހުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 1،213 އެވެ. އެހެންވެ، އިއްޔެ އަކީ ރާއްޖޭގައި އެކްޓިވް ކޭސްތައް އެންމެ އިތުރުވި ދުވަހެވެ.
މީގެ އިތުރުން އިއްޔެ އަކީ އެންމެ ގިނަ ދިވެހިން ވެސް ބައްޔަށް ޕޮޒިޓިވްވި ދުވަހެވެ. އިއްޔެ ޕޮޒިޓިވްވި 156 މީހުންގެ ތެރެއިން 134 މީހުންނަކީ ދިވެހިިންނެވެ.
ކޮވިޑް-19 އަކީ ވަރަށް ފަސޭހައިން ފެތުރޭ ބައްޔަކަށް ވުމުން ގައުމުތަކުގައި އެންމެ ބޮޑު މައްސަލައަކަށްވީ ބަލި ޖެހޭ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވެ ސިއްހީ ނިޒާމަށް އޮބިނޯންނަ ވަރަށް ބަލި މީހުން އިތުރުވުމެވެ. އެހެން ދިމާވުމުން ބަލީގައި ބޮޑުވަރުވާ މީހުންނަށް އެކަށީގެންވާ ފަރުވާ ނުދެވި މަރުވާ މީހުންގެ އަދަދު އިތުރުވެ އެވެ. އެހެންވެ އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ ކަމަކަށް ވެފައި އޮންނަނީ އެކްޓިވް ކޭސްތަކުގެ އަދަދު، މެނޭޖް ނުކުރެވޭ ވަރަށް އިތުރުވިޔަ ނުދީ ހިފެހެއްޓުމަށެވެ. ކޮވިޑް-19 ގައި އެންމެ ނުރައްކާވަނީ ދާއިމީ އެކި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ކަމަށް ވެފައި، ބަލި ޖެހޭ ދިވެހިންގެ އަދަދު އިތުރުވުމުން އިތުރު ނުތަނަވަސްކަމެއް ވަނީ އުފެދިފަ އެވެ. އެއީ އެފަދަ ބަލިތަކުގެ މީހުންނާއި އުމުރުން ދުވަސްވީ މީހުން، ބަލިޖެހޭ ދިވެހިންގެ ތެރޭގައި ގިނަވުމެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައި މި ވަނީ ބަލި ފެތުރެން ފެށިތާ ކުރީކޮޅު، ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ޖޫން މަހުގެ ތެރޭގައި ލުއިކުރަން ފަށައި މިދިޔަ މަހުގެ 1 އިން ފެށިގެން ބޮޑެތި ލުއިތަކެއް ދިނުމާ އެކުގަ އެވެ.
ސަރުކާރުން ކުރިން ވެސް ބުނެފައިވަނީ އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދެނީ ބަލީގެ ނުރައްކާ ކުޑަވެގެން ނޫން ކަމަށާއި ބަލިވާ މީހުންނަށް ފަރުވާ ދިނުމާއި އެކަމާ ގުޅުން ހުރި ކަންކަން މެނޭޖްކުރުމަށް ތައްޔާރީތައް ވެވުމުން ކަމަށެވެ. ބައްޔަށް ޓެސްޓްކުރެވޭނެ ވަސީލަތްތައް އަތޮޅު ތެރޭގައި ގާއިމުކޮށް ފަރުވާ ދޭނެ ވަސީލަތްތައް ވެސް މިހާރު ވަނީ އިތުރުކޮށްފަ އެވެ.
އެކްޓިވް ކޭސްތަކުގެ އަދަދު ވަރަށް ބޮޑަށް މައްޗަށް ދިއުމާ އެކު މިހާރު ވަނީ ކުރިން ވެސް އޮތް ގޮތަށް، ރިސޯޓްތަކުގައި ވެސް މީހުން އައިސޮލޭޓްކުރަން ނިންމައިފަ އެވެ.
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް ދަށަށް ގޮސްފައި ވާތީ، ލޮކްޑައުން ފަދަ ފިޔަވަޅުތަކަށް އަލުން އެނބުރި ދާން ނުޖެހޭނެ ގޮތަކަށް އަމަލުތައް ބަހައްޓަން ސަރުކާރުން އަންނަނީ އިލްތިމާސްކުރަމުންނެވެ. ހާލަތު އިތުރަށް ގޯސްވެދާނެތީ ޚާއްްސަ ފިޔަވަޅުތަކެއް އަޅައި، މާސްކް އަޅައިގެން އާންމު ތަންތަނުގައި އުޅެން ވަނީ ލާޒިމްކޮށްފަ އެވެ. އަދި އާންމު ޚިދުމަތް ދޭ ތަންތަނުގައި ރައްކާތެރިކަމުގެ ފިޔަވަޅު ނާޅާ ނަމަ، އެތަންތަން ވަގުތުން ބަންދު ކުރުމުގެ އޮޕަރޭޝަންތަކެއް ވެސް ކުރިއަށް އެބަ ގެންދެ އެވެ.