24 އޮކްޓޯބަރ 2016 - 11:14

ނިއު ޔޯކް (އޮކްޓޯބަރު 24) - ހިލަރީ ކްލިންޓަނާ އަޅާ ބަލާއިރު ފަހަތުގައި އުޅޭ ކަމަށް ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕުގެ ކެމްޕޭން ޓީމުން އެއްބަސްވެއްޖެ އެވެ.
"އަޅުގަނޑުމެން އަދި އުޅެނީ ތަންކޮޅެއް ފަހަތުގައި. ހިލަރީ އަށް ވަރަށް ގިނަ އެޑްވާންޓޭޖްތައް އެބަހުރި،" ޓްރަމްޕުގެ ކެމްޕޭން މެނޭޖަރު ކެލިއާން ކޮންވޭ ވިދާޅުވި އެވެ. "އެކަމަކު އަޅުގަނޑުމެން ދުލެއް ނުދޭނަން. މިކަން އަޅުގަނޑުމެންނަށް ވާނެ."
ކޮންވޭ ވިދާޅުވީ ހިލަރީ އަށް ފައިސާގެ އެޓްވާންޓޭޖްތައް އެބަހުރި ކަމަށާއި އެ އެޑްވާންޓޭޖް ބޭނުންކޮށްގެން ނެގެޓިވް ކެމްޕޭން އިޝްތިހާރުތައް ހަދަމުންދާ ކަމަށެވެ.
"ހިލަރީ އަށް ވަނީ ކުރީގެ ރައީސެއް ލިބިފައި. އެއީ ފިރިކަލުން. ކެމްޕޭން ކޮށްދޭން ރައީސަކާއި ފަސްޓް ލޭޑީއެއް އަދި ނައިބް ރައީސެއް ވަނީ ލިބިފައ،" ކޮންވޭ ވިދާޅުވި އެވެ.
މިދިޔަ ހުކުރު ދުވަހު ޓްރަމްޕް ވެސް ވަނީ އިންތިޚާބުން ބަލިވެދާނެ ފަދަ އިޝާރާތެއް ކުރައްވައިފަ އެވެ. މިއީ އެފަދަ މޭރުމަކުން ޓްރަމްޕް ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.
ޚިޔާލުހޯދުމުގެ އާ ވޯޓުތަކުގެ ނަތީޖާ އިން ދައްކާ ގޮތުގައި ހިލަރީގެ ކެމްޕޭން ކުރިއަށްދަނީ ވަރަށް ފުރިހަމަ ކޮށެވެ. އަދި ގިނަ މީހުންގެ ތާއީދު އޮތީ އެކަމަނާ އަށެވެ.
ހިލަރީގެ ކެމްޕޭން ޓީމުން ބުނީ އެމެރިކާގެ ތާރީޚުގައި ވެސް ބާއްވާ އެންމެ ބޮޑު އިންތިޚާބަށް ވާނެ ކަމަށެވެ. ކެމްޕޭން ޓީމުން ބުނީ ރިޕަބްލިކަނުންގެ ބާރު އޮތް ޔޫޓާ އަދި އެރިޒޯނާ ފަދަ ސްޓޭޓްތައް މި ފަހަރު ޑިމޮކްރެޓިކް ކެންޑިޑޭޓަށް ބަދަލުވާނެ ކަމަށެވެ.