ކޮރޯނާވައިރަހުގެ ވެކްސިން: ކިހާ ކުރިއެރުމެއް ލިބިއްޖެ؟
ކޮރޯނާވައިރަހުގެ ވެކްސިން: ކިހާ ކުރިއެރުމެއް ލިބިއްޖެ؟

ޖެނީވާ (އޮގަސްޓް 2) - މި އަހަރު ނިމުމުގެ ކުރިން ކޮރޯނާވައިރަހަށް ވެކްސިނެއް ތައްޔާރު ކުރެވޭނެ ކަމަށް، ގައިންގަޔަށް އަރާ ބަލިތަކާ ބެހޭ އެމެރިކާގެ ޚާއްސަ ތަޖްރިބާކާރު ޑރ. އެންތަނީ ފައުޗީ ވަނީ ވިދާޅުވެފަ އެވެ. އެކަމަކު ވެކްސިން އުފެއްދުމުގައި މިހާތަނަށް ލިބިފައި ވަނީ ކިހާވަރެއްގެ ކުރިއެރުމެއް ހެއްޔެވެ؟

ބީބީސީގައި ސިއްހަތާ ބެހޭ ލިޔުންތައް ލިޔުއްވާ ޖޭމްސް ގައްލަގާ އެއްކުރެއްވި މައުލޫމާތުން އެނގޭ ގޮތުގައި 140 އަށް ވުރެ ގިނަ ކުންފުނިން އަންނަނީ ކޮރޯނާވައިރަހަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭން 24 ވެކްސިނެއް ވަނީ ކްލިނިކަލް ޓްރަޔަލްތަކުގައި އިންސާނުން ބޭނުންކޮށްގެން ޓެސްޓްކޮށްފަ އެވެ.

* އޮކްސްފޯޑް ޔުނިވާސިޓީން އުފެއްދި ވެކްސިން އިން ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަވާ ވަރަށް އެންޓިބޮޑީސް އުފައްދާ. އިނގިރޭސި ވިލާތަށް އެކަނި 100 މިލިއަން ޑޯޒް ސަޕްލައި ކުރުމަށް އެސްޓްރަޒެނިކާއާ އެކު ވަނީ އެއްބަސްވުމެއް ގާއިމްކޮށްފައި.

* އެމެރިކާގައި މެއި މަހު އިންސާނުން ބޭނުންކޮށްގެން ހެދި ޓްރަލްގައި ވެކްސިން ފުރަތަމަ ދިން އަށް މީހުންގެ ހަށިގަނޑުގައި ވަނީ ވައިރަސް ނިއުޓްރަލައިޒްވާ ވަރަށް އެންޓިބޮޑީސް އުފެދިފައި. އެމެރިކާގެ މޮޑާނާ ކުންފުނީގެ ވެކްސިންގެ އެންމެ ފަހު މަރުހަލާގެ ޓެސްޓްތައް ވަނީ ޖުލައި 27 ގައި ފަށާފައި.

* ޗައިނާގެ ގްރޫޕަކުން އުފެއްދި ވެކްސިން ރައްކާތެރި ކަމަށާއި އެންޓިބޮޑީސް އުފެދިފައިވާ ކަމަށް ވަނީ ބުނެފައި. އެ ވެކްސިން ދޭން ނިންމާފައި ވަނީ ޗައިނާގެ ސިފައިންނަށް.

* ރަޝިޔާގެ ގަމަލެޔާ ނޭޝަނަލް ރިސާޗް ސެންޓަރުން އުފެއްދި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން މި މަހު ދޭނެ ކަމަށްވޭ. ރަޝިޔާގެ ހެލްތު މިނިސްޓަރު ވިދާޅުވެފައި ވަނީ ރަޝިޔާ މީހުންނަށް ކޮރޯނާވައިރަހުގެ ވެކްސިން ފުޅާ ދާއިރާއެއްގައި ދިނުމުގެ ޕްރޮގްރާމެއް އޮކްޓޯބަރު މަހު ފަށާނެ ކަމަށް.