02 އޯގަސްޓް 2020 - 09:14

ބުދަ ދުވަހާ ގުޅޭ
"ހަމަ އެންމެ ފަހަރަކު ބުނަން ޖެހޭނީ،" ރިފާ ޔަގީންކަން ދިނެވެ. "ބުނޭ!"
"މަންމަ ކަންތައް ކުރަންވީ ގޮތް ކިޔައިދޭކަށް އަހަންނަކަށް ނޭނގޭނެ،" ނަޝްފާ ޖަވާބުދިނެވެ. "އަހަންނަކަށް ނޭނގެ ބޮޑެތި މީހުން ވިސްނާ ގޮތަށް ވިސްނާކަށް ވެސް. ހިތަށްއަރަނީ ބައްޕައަށާ މަންމައަށޭ ބޮޑަށް ވިސްނޭނީ، މަންމަ ކަންތައް ކުރާނީ ރަނގަޅަށޭ. އެކަމަކު އަހަރެން އެގްޒާމަށް ދާ ފުރަތަމަ ދުވަހު އަހަރެން ބޭނުންވާނެ އަހަރެން ކައިރީގަ މަންމަ ހުންނަން. އެ ދުވަހު މަންމަޔާ ދިމާ ނުވެއްޖެއްޔާ އަހަރެން ވަރަށް ދެރަވާނެ. ހިޔެއް ނުވޭ ޓެސްޓު ހެދޭނެ ހެނެއް ވެސް."
ރިފާ ނިކަން ބާރަށް ދަރިފުޅު ގައިގައި ބައްދައިލިއެވެ. ނަޝްފާއަށް ބޮޑުކަމެއް ކުރިމަތިވާ ކޮންމެ ވަގުތެއްގައި ނަޝްފާ ގާތުގައި ރިފާ ހުރެއެވެ. ދެން ވެސް ހުންނާނެއެވެ. ނުހުރެވޭހާ ދުރަކަށް ރިފާއެއް ނުދާނެއެވެ.
"ތިއެއްނު މަންމަގެ ހުރިހާ ވެސް މީހަކީ." ރިފާ ބުންޏެވެ.
ރާއްޖެއިން ބޭރުގައި ކައިވެނިކުރަން މިހާދު އެއްބަސްވިއެވެ. ރިފާ ދާން ބޭނުންވާ ރަށެއް އޮޅުންފިލުވަން ބޭނުންވިއެވެ. ރިފާގެ ޖަވާބު ވަރަށް ސާދާއެވެ. ކޮންމެ ރަށަކަށް ދިޔަސް ރިފާއަށް މައްސަލައެއް ނެތެވެ. ދާ ރަށަކާއި، ހުންނަ ތަނެއް ރިފާއަށް މުހިންމެއް ނޫނެވެ. ރިފާ ބޭނުންވަނީ ޒާހިރާ ކައިވެނިކުރާށެވެ. ވީހާ ވެސް އަވަހަކަށް ދަރިފުޅު ގާތަށް އެނބުރި އަންނާށެވެ. ރިފާ ބޭނުން މީހަކު ގެންދަން މިހާދު ފުރުސަތުދިނެވެ. އާއިލާގެ މީހަކު ވިޔަސް ނުވަތަ އެކުވެރިއެއް ވިޔަސް މިހާދަކަށް މައްސަލައެއް ނެތެވެ. އާއިލާގެ އެކަކު ވެސް އެ ދަތުރަކު ބައިވެރިއެއް ނުވާނެއެވެ. އެ ކަން ރިފާއަށް ކަށަވަރެވެ. ދެން އޮތީ ރައްޓެއްސަކު ގެންދިޔުމެވެ. އެ ފުރުސަތުގެ ބޭނުން ހިފަން ރިފާ ވިސްނިއެވެ. އެ ކަމާ ޒާހިރާ މަޝްވަރާ ކުރިއެވެ.
"އަހަރެން ބޭނުން ދާން،" އެތައް އިރަކު ވިސްނަން އިނުމަށް ފަހު ޒާހިރު ބުންޏެވެ. "ހިލޭ ފިރިހެނަކާ އެެއްކޮށް ރިފާ ދޫކޮށްލަން ވަރަށް އުނދަގޫ. އަހަންނަކަށް ނޭނގެ މިހާދަކީ ކޮން ކަހަލަ މީހެއް ކަމެއް. އެކަމަކު ރިފާޔާ މިހާދު އިންނަ ތަން ބަލަން އަދި މާ އުނދަގޫ. ދެން އޮތީ ރިފާގެ ރައްޓެއްސެއް ގެންދިޔުން. އެ ވެސް އަހަރެންގެ ހިތަށް ލުއިވާނެ ކަމެއް. އެކަމަކު އޭރުން އަނެއްކާ ވެސް އިތުރު އެކަކަށް އެނގުނީ. ރާއްޖެއިން ބޭރުގަ ކައިވެނި މި ކުރަނީ ވެސް ރައްޓެހިންނަށް ސިއްރުކުރަން ވެގެން. ކިހިނެއް ހަދާނީ؟ ރިފާއަށް ފެންނަ ގޮތެއް ހަދާ! އަހަރެންގެ މައްސަލައެއް ނެތް."
އިތުރު މީހަކު ނުގެންދަން ރިފާ ނިންމިއެވެ. އެއީ ސީދާ ރިފާގެ ނިންމުމެކެވެ. ރިފާ ދުށް ގޮތުގައި، ބޭނުން މީހަކު ގެންދަން މިހާދު ފުރުސަތުދޭނީ މިހާދުގެ ނިޔަތް ރަނގަޅު ވީމައެވެ. އެ ވަރުގެ އިތުބާރެއް މިހާދަށް ކުރަން ޖެހެއެވެ. ހިދުކޮޅަކަށް ނަމަވެސް ރިފާގެ އަމިއްލަ ނަފުސު މިހާދާ ހަވާލުކުރެވޭނެއެވެ. ދީނީ ގޮތުންނާއި ގާނޫނީ ގޮތުން ވެސް ރިފާގެ ކޮންޓުރޯލު މިހާދަށް ލިބޭނެއެވެ. ވީމާ، ޒާހިރު ގޮވައިގެން ރިފާ ދިޔަސް ޒާހިރަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެއެވެ. ބުއްދިވެރި ގޮތަކީ މިހާދަށް ރިފާ އިތުބާރުކުރާކަން މިހާދަށް ދެއްކުމެވެ.
ފުރާ ދުވަސް ހަމަޖެހުނެވެ. ޕާސްޕޯޓު ހައްދައި، ޓިކެޓު ނެގިއެވެ. ހުރިހައި ކަމެއް ކުރީ މިހާދެވެ. ދާ ތަނެއް ރިފާ ނާހައެވެ. ވަގުތު ކުޑަތަން ވަމުން އައި އިރު ޒާހިރާއި ރިފާ ވެސް ތިބީ ދެ ހިޔާލެއްގައެވެ. ކައިވެނި ކެންސަލުކުރަން ވާހަކަ ދެކެވުނު ވެސް މެއެވެ. އެކަމަކު ދެ މީހުންނަށް އަލުން އިނދެވޭނެ ހަމަ އެކަނި ގޮތަކީ އެއީ ކަމުގައާއި ފައިސާގެ ބޮޑު އަދަދަށް ބަލައިފައި، ނިކަން އުނދަގުލުން ދެ މީހުން ވެސް ރުހުނީއެވެ. ރިފާ އޮފީހުން ޗުއްޓީ ނެގިއެވެ.
ފުރަން އެއް ދުވަހަށް ވީއިރު ރިފާއާ ހަތަރުކަޅި ހަމަކުރަން ޒާހިރަށް އުނދަގޫވިއެވެ. ހިނިތުންވާން ރިފާ ބޭނުން ނަމަވެސް ރިފާ އަކަށް އުފަލެއް ނުވެވެއެވެ. އެކަކު މޫނަށް ވެރިވެފައިވާ ހާސްކަން އަނެކަކަށް ނުފެންނަ ކަމަށް ހެދިއެވެ. ކައިވެނި ކުރުމަށް ފަހު ރިފާ ވަރި ނުކޮށްފާނެއެވެ. ސިކުންތަކަށް ނަމަވެސް ޒާހިރުގެ ހިތަކުން އެ ޝައްކެއް ނުފިލައެވެ. ރިފާއަކީ ރީތި އަންހެނެކެވެ. ޒާހިރަށް ހީވަނީ ޒާހިރުގެ އަތްދަނޑި މަތީގައި އުރާލައިގެން ރިފާ ގެންގޮސް އެހެން މީހެއްގެ ތަންމަތީގައި ބާއްވާ ހެންނެވެ. ފޮށި ތައްޔާރުކުރުމުގައި ރިފާއަށް އެހީވާން ހުރި އިރު ވެސް ޒާހިރު ހުރީ ބަސް މަދުވެފައެވެ.
"ކޮންމެވެސް ވާހަކައެއް ދައްކަބަލަ ޒާހިރު!" ރިފާ އެދުނެވެ. "އަހަންނަށް ވަރަށް އެބަ އުނދަގޫވޭ!"
ޒާހިރު އެއްވެސް ޖަވާބެއް ނުދިނެވެ. އަލަމާރި ހުޅުވައިލައިފައި އެއްޗެއް ނަގައިގެން އައިސް ރިފާއަށް ދިއްކޮށްލިއެވެ. އޭގައި ހިފަމުން ރިފާ ބަލައިލި އިރު އެއީ ދުއިސައްތަ ޑޮލަރެވެ.
"ރިފާ ބޭނުން އެއްޗެއް ގަނެލާ!" މާ ބޮޑު އުފާވެރިކަމެއް ނެތި ޒާހިރު ބުނެލިއެވެ.
ލިބޭ އާމުދަނީއާ އަޅައި ބަލާއިރު ދުއިސައްތަ ޑޮލަރަކީ ބޮޑު އެއްޗެކެވެ. މަހެއް ނިމެން ކައިރިވެފައި ވަނިކޮށް ރިފާއަށް އެހާ ފައިސާ ދީފިއްޔާ ބާކީ މާ ބޮޑު އެއްޗެއް ނޯންނާނެކަން ރިފާއަށް އެނގެއެވެ. އެ ފައިސާގައި ނުހިފަން ރިފާ މަސައްކަތް ކުރިއެވެ. އެހެނަސް ޒާހިރު ގަބޫލެއް ނުކުރިއެވެ.
"ވަރަށް ދެރަވެފަ ދޯ ތިހިރީ؟" ރިފާ އެހިއެވެ.
"ރިފާ ބޭނުންތަ އަހަރެން ހުޅުލެއަށް ދާން؟" ޒާހިރު ދެއްކީ އެހެން ވާހަކައެކެވެ.
"ޒާހިރު ބޭނުންތަ ދާން؟" ރިފާ ވެސް ކުރީ ސުވާލެކެވެ.
ޖަވާބެއް ނުދެވިފައި ޒާހިރު ބަލަހައްޓައިގެން ހުރީއެވެ. ރިފާ ފުރުވަން ދިޔައީ ޝާހިނާއެވެ. ދޮންބެ ދައްތައެވެ. ހުޅުލެއަށް ދިޔައިރު މިހާދު އިންތިޒާރުގައި ހުއްޓެވެ. ދެވުނީ ވަރަށް ގަޑި ކައިރިވެފައި ހުއްޓައެވެ. ވީމާ، ޝާހިނާޔާ ސަލާން ކޮށްފައި ރިފާ އެތެރެއަށް ވަނެވެ. ރިފާ ހުރީ ހާސްވެފައިކަން މޫނުމަތިން ސާފުކޮށް އެނގެއެވެ.
"ވަރަށް ހާސްވެފަ ދޯ؟" މިހާދު އެހިއެވެ.
ރިފާ ހިނިތުންވެލިއެވެ. ޖަވާބެއް ނުދެވުނެވެ. ބޯޓަށް އަރައި ދަތުރަށް ފެށި އިރު ވެސް ރިފާ އެއްވެސް ވާހަކައެއް ނުދައްކައެވެ. ރިފާ ލައްވާ ވާހަކަދެއްކުވޭތޯ މިހާދު ދެތިން ފަހަރަކު މަސައްކަތް ކުރިއެވެ. އެއްވެސް ކާމިޔާބެއް ނުލިބުނެވެ. ބޯޓު ޖެއްސި އިރު ވެސް މިހާދާއި ރިފާއަކީ ދެ ބީރައްޓެހިންނެވެ. ކުރިން އޮތް ދެކެފަރިތަ ގުޅުމަށް އެންމެ ބޮޅެއް ވެސް އިތުރެއް ނުވެއެވެ. މިހާދާ ކައިވެނިކުރަން ޖެހޭނެކަން އެނގޭ އިރު ވެސް ރިފާއަށް ހުރެވެނީ މިހާދުއާ ވީހާ ވެސް ދުރުގައެވެ.
ބޯޓު ޖެއްސީ އިންޑިޔާއަށެވެ. އޭރު އިރު އޮއްސިއްޖެއެވެ. ހޮޓަލަށް ދިޔަ މަގުމަތީގައި ވެސް ރިފާއަށް އިނދެވުނީ ބޭރު ބަލާށެވެ. ހުވަފެނުން ވެސް ނުދެކޭ ވަރުގެ އުސް އިމާރާތްތަކާއި، ފުޅާ މަގުތަކާއި، ގިނަ ކާރުތަކެވެ. ކުއްތާއާއި، ރޭލާއި، ފަރުބަދަ ފެނުނީ އަލަށެވެ. މަންޒަރު ބަލަން ރިފާއަށް ފުރުސަތު ދީގެން މިހާދު އިނެވެ. އެއްވެސް ވާހަކައެއް ނުދައްކައެވެ.
އެތައް އިރަކު ދުއްވުމަށް ފަހުގައި ސަލްޓަންޕާކަށް ވުރެ ބޮޑު، ކުލަކުލައިގެ މާތައް ފޮޅިފައިވާ ޕާކެއްގެ ތެރެއަށް ކާރު ވަނެވެ. ކުލަކުލައިން ދިއްލޭ ފެންގަނޑެއް ކައިރިން ގޮސް ކާރު މަޑުކޮށްލީ ބޮޑުސިންގާ ހޮޓަލެއް ކުރިމައްޗަށެވެ. މުޅި ހޮޓާ އޮތީ ދިއްލައި އަޅައިފައެވެ. ހީވަނީ ކޮންމެވެސް މުނާސަބަތެއް އަންނާތީ ޒީނަތްތެރިކޮށްފައިވާ ހެންނެވެ. އެ މީހުން ތިބީ ތާޖުހޮޓަލުގައެވެ. ރިފާ ހުރީ ހައިރާންވެ އާޝޯހުވެފައެވެ. އެހާ ބޮޑު ހޮޓަލެއް ރިފާ ހުވަފެނުން ވެސް ނުދެކެއެވެ. އެއީ ކޮން ތަނެއްތޯ އަހައިލަން ރިފާ ބޭނުންވިއެވެ. އަހާކަށް ނުކެރުނެވެ.
"މީ ތާޖު ހޮޓާ!" މިހާދު ބުނި އަޑު އިވުނެވެ.
ރިފާ ދުވަހަކު ވެސް އަޑުއެހި ނަމެއް ނޫނެވެ. އެކަމަކު އެ ހޮޓަލަކީ ރިފާ އަންތަރީސް ވާހާ ރީތި، ބިޔަ ހޮޓަލެކެވެ. ކާރު ދޮރު ހުޅުވައިދޭން މީހަކު ހުރެއެވެ. ފޮށިތައް ނަގައިދޭން މީހަކު ހުރެއެވެ. ހޮޓަލަށް ވަންނަ އިރު ދޮރު ހުޅުވައިދޭން މީހަކު ހުރެއެވެ. ރިފާގެ ކަމަކީ ހޮޓަލުގެ އެތައްމިތަން ބެލުމެވެ. ލަކުޑީގައި ކުރެހުން އަޅައިފައިވާ ދޮރުތަކެވެ. ފާރުގައި ހުރި ބޮޑެތި ކުރެހުންތަކެވެ. ތަޅުންގަނޑުގައި އަޅައިފައިވާ ރީތި ކުރެހުމަށް ބަލަމުން ގޮސް، މަތީގައި އެލުވާފައިވާ ބޮޑު މަންދީލައަށް ބަލަން ރިފާއަށް ހުއްޓެވުނެވެ. މިހާދު އަޅައެއް ނުލައެވެ. ބަލާނެ ވަރަކަށް ބަލަން ރިފާއަށް ފުރުސަތު ދީގެން ހުރީއެވެ. ތަނުގެ މުއްސަނދިކަމާއި، އަގު ހުންނާނެ ވަރު ހިތަށްއަރައިފައި ރިފާ ގަނޑުވި ކަހަލައެވެ. ޓީވީން އެ ކަހަލަ ތަންތަން ފެނުނު ނަމަވެސް ރިފާއަށް ދުވަހަކު ވެސް އެ ކަހަލަ ތަނަކަށް ވަދެވޭނެ ކަމަކަށް ރިފާ ހިޔެއް ނުކުރެއެވެ. އެތައް އިރެއް ވީއިރު ވެސް ރިފާ ގުޑައެއް ނުލިއެވެ.
"ދަމާ!" ވަރަށް އޯގާތެރިކޮށް މިހާދު ބުނެލިއެވެ.
އިސްތިގުބާލު ކައިރިއަށް މިހާދު ދިޔުމާ އެކު އެ ތަނުގައި ހުރި މީހާ ވަރަށް ހިނިއައިސްފައި މިހާދުގެ ނަމުން ގޮވައިލައިފައި ސަލާން ކޮށްލިއެވެ. އެ މީހުންނަށް މިހާދު އެނގެއެވެ. ރައްޓެއްސެވެ. ކުޑަކޮށް ވާހަކަދައްކައިލުމަށް ފަހު ތަޅުދަނޑި ދިނުމުން މިހާދު ހިނގައިގަތެވެ. މިހާދުގެ ފަހަތުން ރިފާ ދިޔައެވެ. ރިފާ އެންމެ ބިރުގަންނަ ކަރަންޓު ސިޑިއަށް އެރިއެވެ. ދެވޭ ހިސާބަކަށް ދެވެން ދެން ރިފާ ހުރީ ނޭވާ ހިފަހައްޓައިލައިގެނެވެ. އެ ވަރުން ވެސް މިހާދުގެ އަތަކު ނުހިފައެވެ.
މިހާދު ކޮޓަރިއަށް ވަދެފައި ރިފާ ގޮނޑީގައި ބޭންދިއެވެ. އެއީ އޭސީ ކޮޓަރި އަކަށް ރިފާ ވަން ފުރަތަމަ ފަހަރެވެ. ރިފާ މުޅި ކޮޓަރިއަށް ނަޒަރު ހިންގައިލިއެވެ. ރިފާގެ ގެއިން ރިފާއަށް ލިބިފައިވާ ބަޔަށް ވުރެ އެ ކޮޓަރި ބޮޑެވެ. ނަސީބަކުން ބޮޑު ސޯފާއެއް ހުއްޓެވެ. މިހާދާ އެއް އެނދުގަ ނިދާކަށް ރިފާ ނުވިސްނައެވެ. މިހާދަށް ވުރެ އަވަހަށް ނިދާކަށް ވެސް ރިފާ ނުވިސްނައެވެ. ކޮޓަރީގައި އޮތީ ދޫލަ އަޅައިފައެވެ. ވިލު ނޫކުލަ އަކަށް ދާ މަޑުމަޑު، ބޯ ދޫލައެކެވެ. އޭގެ ކުރިން ދުވަހަކު ވެސް ރިފާ ދޫލައެއްގެ މައްޗަކު ނުހިނގައެވެ.
"ޒާހިރަށް ގުޅާލެވިދާނެތަ؟" ރިފާ ފުރަތަމަ ކުރަން ބޭނުންވި ކަމަކީ އެއީއެވެ.
ނުނިމޭ