01 އޯގަސްޓް 2020 - 20:57

މިދިޔަ 15 އަހަރުގެ ތެރޭގައި އުރީދޫން ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ކަމަށާއި ރާއްޖޭގައި ދޭ ސުޕަނެޓުގެ ޚިދުމަތް އާބާދީގެ 67 ޕަސެންޓަށް ފޯރުކޮށްދީފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނަޖީބް ޚާން މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ އުރީދޫގެ އަހަރީ ދުވަހާ ގުޅުވައިގެން ކަސްޓަމަރުންނަށް ދެއްވި ޚާއްސަ މެސެޖުގައި އޭނާ ވިދާޅުވީ، އެ ކުންފުނިން ރާއްޖޭގައި ޚިދުމަތް ދޭން ފެށިފަހުން މުވާސަލާތީ ޚިދުމަތަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށެވެ. އެ ލިބުނު ކާމިޔާބީ އަކީ އުރީދޫގެ ވެސް ކާމިޔާބީއެއް ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އާ ޑިޖިޓަލް ޕްލެޓްފޯމުތައް ގާއިމް ކުރަން އެ ކުންފުނިން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ.
ފައިސާ ދެއްކުމުގެ އިންތިޒާމުތަކާއި އޮންލައިން ވިޔަފާރި ކުރުމުގެ ކުރުމުގައި ވެސް އެޕްލިކޭޝަންތައް އުރީދޫން ވަނީ ތައާރަފު ކޮށްފަ އެވެ.
"އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީތައް ގެނައުމަށް އަބަދުވެސް މަސައްކަތް ކުރަން. އަދި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މުހިއްމު ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި،" ނަޖީބު ޚާން ވިދާޅުވި އެވެ.
އުރީދޫން ރާއްޖޭގައި ޚިދުމަތް ދޭން ފެށީ، އޮގަސްޓް 1، 2005 ގަ އެވެ. ވަތަނިއްޔާގެ ނަމުގައި އޭރު ފެށި ޚިދުމަތް 2013 ގައި އެ ކުންފުނި ވަނީ ރީބްރޭންޑް ކޮށްފަ އެވެ.
އުރީދޫން ރާއްޖޭގައި ވިޔަފާރި ފެށުމާ އެކު އައި އެންމެ މުހިންމު އެއް ބަދަލަކީ މުވާސަލާތީ ޚިދުމަތުގައި ވާދަވެރިކަން ބޮޑުވެ، އަގުތަކަށް ހެޔޮ ބަދަލުތަކެއް އަންނަން ފެށުމެވެ. އެ ކުންފުނިން ވަނީ ފުރަތަމަ ފަހަރަށް ރާއްޖެ އަށް ބައެއް ޚިދުމަތްތައް ތައާރަފު ކޮށްދީފަ އެވެ. އޭގެ ތެރޭގައި 3ޖީ އާއި 4ޖީ ގެ ޚިދުމަތް ރާއްޖެ އަށް ތައާރަފު ކޮށްދިނުން ހިމެނެ އެވެ. މީގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ވިޔަފާރި ކުރެވޭނެ ގޮތްތައް ވެސް އެ ކުންފުނިން އަންނަނީ ރާއްޖެ އަށް ތައާރަފު ކޮށްދެމުންނެވެ.