ބަހުސްކުރާނެ ކަމެއް ނެތުމުން މަޖިލިހުގެ ޖަލްސާތައް މެދުކަނޑާލައިފި
ބަހުސްކުރާނެ ކަމެއް ނެތުމުން މަޖިލިހުގެ ޖަލްސާތައް މެދުކަނޑާލައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެޖެންޑާކޮށް، ބަހުސް ކުރާނެ މައްސަލައެއް ނެތުމުން މި ހަފްތާގެ ޖަލްސާތައް ނުބާއްވަން ނިންމައިފި އެވެ.

މަޖިލީހުގެ ފަހު ދައުރުގެ ޖަލްސާތައް މި މަހު ހައެއްގައި ފެށި ފަހުން މިހާތަނަށް ބޭއްވީ އެންމެ ފަސް ޖަލްސާ އެވެ. ބައެއް ޖަލްސާތަކަށް ހޭދަވީ ވަރަށް ކުޑަ ވަގުތުކޮޅެކެވެ. މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާ ނިންމާލަމުން ޖަލްސާ ދެން އޮންނާނެ ދުވަހެއް ރިޔާސަތުން އިއުލާނެއް ނުކުރެ އެވެ.

މަޖިލީހުގެ މެޖޯރިޓީ އޮންނަ ޕީޕީއެމްގެ އިސް މެމްބަރަކު "މިހާރު"އަށް ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް މި މަހު އޮންނާނެ ކަމަށް ލަފާނުކުރެއްވޭ ކަމަށެވެ. އަދި ޖަލްސާތައް ނުބާއްވަނީ އެޖެންޑާ ކުރާނެ ކަމެއް ނެތިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަންނަ މަހު އޮންނަ ޖަލްސާތައް ބޮޑަށް ހާއްސަކުރާނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ މަސައްކަތަށެވެ. ނަމަވެސް އަންނަ އަހަރުގެ ބަޖެޓު މަޖިލީހަކަށް އަދި ހުށައެއް ނާޅަ އެވެ.

"އެޖެންޑާ ކުރާނެ ކަމެއް ނެތަސް، ކޮމެޓީތަކުގެ މަސައްކަތް ކުރިއަށް އެބަ ދޭ، އެހެންވީމަ މުޅި މަޖިލީހުގެ މަސައްކަތްތަކަށް ހުއްޓުމެއް އައިސްފައި އޮތޭ ބުނުމުގެ ޖާގައެއް ނެތް،" މެމްބަރު ވިދާޅުވި އެވެ.

މި ހަފްތާގައި ޖަލްސާތައް ނުބާއްވަން ނިންމިއިރު، ތަރައްގީގެ މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރައްވަން ރައީސް އަބްދުﷲ ޔާމީން މާދަމާ ހދ. އަދި ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މަޖިލީހުގެ ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަ އެވެ.