01 އޯގަސްޓް 2020 - 12:20

މައްކާ (އޮގަސްޓް 1) - ސައުދީގައި ދިރިއުޅޭ މުހައްމަދު އާއި ހިބާ އަށް މި އަހަރުގެ ހައްޖުގެ ފުރުސަތު ލިބުނު އިރު އެ މީހުންގެ ކައިވެންޏަށް އަދި އަހަރެއް ނުފުރެ އެވެ. މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާން ސައުދީ ސަރުކާރުން ހޮވި މީހުންގެ ތެރޭގައި މުހައްމަދުގެ ދެމަފިރިން ހިމެނުމުން އެ މީހުން ޖިއްދާ އިން މައްކާ އަށް ގޮސް ތިބީ ފޯ ޕޮއިންޓްސް ހޮޓަލުގަ އެވެ.

މުހައްމަދާއި ހިބާ އަކީ އެރިތުރިއާގެ އާއިލާއަކަށް ނިސްބަތްވާ ބައެއް ނަމަވެސް އެ މީހުން އުޅެ ބޮޑުވީ ސައުދީގަ އެވެ.
ކޮރޯނާވައިރަސް ފެތުރޭތީ ސައުދީން މި އަހަރު ހައްޖުގެ ފުރުސަަތު ދީފައި ވަނީ މަދު ބަޔަކަށެވެ. ކުރީ އަހަރުތަކުގައި މިލިއަނުން މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވި ނަމަވެސް ބުނެވޭ ގޮތުގައި ސައުދީން މި ފަހަރު ފުރުސަތު ދިނީ އެންމެ 1،000 މީހުންނަށެވެ. އެއީ މުޅިން ވެސް ސައުދީގައި އުޅޭ މީހުންނެވެ. އޭގެ ތެރޭގައި ސައުދީގައި އުޅޭ އެކި ގައުމުތަކުގެ މީހުން ހިމެނެ އެވެ. އެ މީހުން ހޮވާފައި ވަނީ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށެވެ. އެހެންވެ ދެމަފިރިއަކަށް އެއްކޮށް މި ފަހަރު ފުރުސަތު ލިބުމަކީ ނާދިރު ކަމެއް ނަމަވެސް އެ ނަސީބު ވަނީ މުހައްމަދުގެ ދެމަފިރިންނަށް ލިބިފަ އެވެ.
"މިއީ ޕްލޭންކޮށްގެން ލިބުނު ހައްޖެއް ނޫން. ހައްޖުގެ ރެޖިސްޓްރޭޝަން ހުޅުވާލުމާ އެކު ހިތަށް އެރީ އަޅުގަނޑު ވެސް އޭގައި ބައިވެރިވާނަމޭ،" ރިޔާޒުގެ އައިޓީ ކުންފުންޏެއްގައި އިންޖިނޭރެއްގެ ގޮތުގައި މަސައްކަތް ކުރާ މުހައްމަދު ބުންޏެވެ. "އެކަމަކު ނަންތައް އިއުލާންކުރި އިރު އަޅުގަނޑުމެން ދެމަފިރިންގެ ނަން ވެސް އޮތް."
މުހައްމަދުގެ އަންހެނުން ހިބާ ބުނީ ކައިވެނީގެ ފުރަތަމަ އަހަރު ހިލޭ ހައްޖު ދަތުރެއް ލިބުމަކީ އެ ދެ މީހުންގެ ގުޅުމަށް ލިބުނު ހަދިޔާއެއް ކަމަށެވެ.
"އުފަލުން ގޮސް އަހަރެންނަށް ބުނާނެ އެއްޗެއް ވެސް ނޭނގުނު. ހައްޖަށް ރެޖިސްޓްރޭޝަން ހުށަހެޅި އިރު އަޅުގަނޑުގެ މައިންބައިން ކައިރީ ނުބުނަން. އެއީ ނުހޮވިދާނެތީ. އެކަމަކު ހޮވުނީމާ ބުނިން،" ހިބާ ބުންޏެވެ.
މުހައްމަދު ބުނީ މީހުން މަދުވީމާ މި އަހަރުގެ ހައްޖުގެ ހުރިހާ ކަމެއް ވެސް ވަރަށް ފަސޭހަ ކަމަށެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވި އެންމެންގެ ހުރިހާ ޚަރަދެއް ބެލެހެއްޓީ ސައުދީ ސަރުކާރުންނެވެ.