31 ޖުލައި 2020 - 08:38

މައްކާ (ޖުލައި 31) - މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް އޮންލައިންކޮށް ހުށަހެޅި އެތައް މިލިއަން ބައެއްގެ ތެރޭން ހައްޖުގެ ފުރުސަތު ލިބުމާ އެކު ޗައިނާގެ ހައްޖާޖީއެއް ކަމަށްވާ ނީ ހައޮޔޫ އަށް އުފަލުން ރޮވުނެވެ.

ކޮރޯނާވައިރަހުގެ ސަބަބުން މި އަހަރުގެ ހައްޖުގައި ބައިވެރި ކުރަން ސައުދީން ނިންމީ މުޅިން ވެސް އެ ގައުމުގައި އުޅޭ މީހުންނެވެ. މި އަހަރުގެ ހައްޖުގެ ފުރުސަތު ދިނީ 1،000 މީހުންނަށް ކަމަށް ސައުދީގެ ކަމާބެހޭ ފަރާތްތަކުން ބުނި ނަމަވެސް އެ ގައުމުގެ މީޑިއާތަކާ ހަވާލާދީ ބައިނަލްއަގުވާމީ ނިއުސް އެޖެންސީތަކުން ބުނެފައި ވަނީ ހައްޖުގައި ބައިވެރި ވަނީ ގާތްގަނޑަކަށް 10،000 މީހުން ކަމަށެވެ. އޭގެ ތެރޭން 70 ޕަސެންޓަކީ ސައުދީގައި އުޅޭ ބިދޭސީންނެވެ. އަނެއް 30 ޕަސެންޓަކީ ސައުދީގެ ރައްޔިތުންނެވެ. އެއީ ކޮރޯނާވައިރަހާ ދެކޮޅަށް ފްރަންޓްލައިންގައި މަސައްކަތް ކުރަނިކޮށް ބަލިޖެހި ރަނގަޅުވެފައިވާ މީހުންނެވެ.

"ހައްޖުގައި ބައިވެރިވާން ނެގި މީހުންގެ ތެރޭގައި އަހަރެން ހިމެނުމުން ވަރަށް ބޮޑު އުފަލެއް ލިބުނު،" މަދީނާގެ އިސްލާމިކް ޔުނިވާސިޓީގައި މާސްޓާސް ޑިގްރީ އަށް ކިޔަވަމުން އަންނަ ޗައިނާގެ 43 އަހަރުގެ ނީ ބުންޏެވެ. "ހައްޖުގެ ފުރުސަތު މާތްﷲ އަހަންނަށް ތަނަވަސްކޮށްދިނުމުން ލިބުނު އުފަލުން ރޮވުނު. އަހަރެންގެ އަތުން ހައްޖަކަށް އެއްވެސް ފައިސާއެއް ޚަރަދު ކުރާކަށް ނުޖެހޭ."

ހައްޖަށް ދިއުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބަޔަކު ދުރާލައި އެތައް އަހަރެއްގެ މަސައްކަތުން ފައިސާ އެއްކުރެ އެވެ. ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް އެ މީހުން ބޮޑު ޚަރަދެއް ކުރެ އެވެ. ނަމަވެސް މި އަހަރު ހައްޖުގައި ބައިވެރިވާ މީހުން ހޮޓާތަކުގައި ތިބުމާއި ކެއުން އަދި ސިއްހީ ޚިދުމަތްތަކުގެ ހުރިހާ ޚަރަދެއް ހަމަޖައްސަނީ ސައުދީ ސަރުކާރުންނެވެ.
ކޮރޯނާވައިރަސް ފެތުރުނު ނަމަވެސް މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރާ އިރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން، ހުރިހާ ހައްޖުވެރިން ވެސް ތިބީ ހިތްހަމަޖެހިފަ އެވެ. ބައިގިނަވެގެން މީގެ ކުރިން ހިތާމަވެރި ހާދިސާތައް ހިނގާފައިވީ ނަމަވެސް މި އަހަރު މީހުން ތޮއްޖެހިގެން ހާދިސާއެއް ހިނގައިފާނެ ހާލަތެއް ނެތެވެ.
"ގައިދުރުކޮށް ތިބެ ހައްޖުގެ ހުރިހާ ކަމެއް ނިންމާލެވޭނެ،" ހައްޖުވުމުގެ ފުރުސަތު ލިބުނު، ކޮވިޑް-19 ޖެހި ރަނގަޅުވެފައިވާ ސައުދީ ނަރުހެއް ކަމަށްވާ ވަޖްދާން އަލީ، 25، ބުންޏެވެ.
ޖިއްދާ އަށް ނިސްބަތްވާ ވަޖްދާން ބުނީ އެހެން އަހަރުތަކަށް ވުރެ މި އަހަރު މައްކާގެ މާހައުލު ހާސްބައި ތަފާތު ކަމަށެވެ.
ހައްޖުވެރިން އުޅޭ ތަންތަން މޮނިޓާ ކުރުމަށް ކޮންމެ ހައްޖާޖީއެއްގެ ވެސް އަތުގައި ވަނީ އިލެކްޓްރޯނިކް ބޭންޑެއް އަޅައިފަ އެވެ. ކޮރޯނާވައިރަހަށް ހުރިހާ ހައްޖުވެރިން ޓެސްޓްކޮށްފައިވާ އިރު ހައްޖުވެރިން ހުރިހާ ވަގުތެއްގައި ވެސް ތިބެންޖެހޭނީ މާސްކް އަޅައިގެންނެވެ. ހައްޖުގެ އަޅުކަމުގެ ތެރޭގައި އުޅެން ޖެހޭނީ ގައިދުރުކޮށެވެ. ދޭތެރެދޭތެރެއިން ހުން ބަލާނެ އެވެ.
މި އަހަރު ހައްޖުވެރިންނަށް ސައުދީން ދީފައި ވަނީ ބެކްޓީރިއާ ނާރައި މެޓީރިއަލް އިން ހަދާފައިވާ އިހްރާމެވެ.
"ހައްޖުގެ އަޅުކަމުގައި ބައިވެރިވާން އަހަރެން ހޮވުނު ގޮތެއް ވެސް ނޭނގޭ،" މައްކާގެ އުއްމުލް ގުރާ ޔުނިވާސިޓީގައި ކިޔަވާ 31 އަހަރުގެ ދަރިވަރެއް ކަމަށްވާ ސައި ހައޮބީ ބުންޏެވެ. "އަހަރެންނާ އެކު ކިޔަވާ ވަރަށް ގިނަ ކުދިން ހުށަހެޅި. އެކަމަކު އެ މީހުން ނުހޮވުނު."
ސައުދީގެ ރެސްޓޯރެންޓެއްގައި މަސައްކަތް ކުރާ ފިލިޕީންސް މީހެއް ކަމަށްވާ އައް ސައްމާރު ބުނީ ހޮވޭނެ ކަމަށް އޭނާ ހީވެސް ނުކުރާ ކަމަށެވެ.
"އަހަރެން ސައުދީ އަށް ދިޔައީ އަހަރެއްހާ ދުވަސް ކުރިން. ހައްޖުވުމަށް ފައިސާ އެއްކުރާތާ ދެ އަހަރެއްހާ ދުވަސް ވެއްޖެ. އެކަމަކު ކޮރޯނާވައިރަހުގެ ސަބަބުން އަހަރެންނަށް މި އަހަރު މިވަނީ ހައްޖުގެ ފުރުސަތު ހިލޭ ލިބިފައި،" ސައްމާރު ބުންޏެވެ.