މިއަދު 150 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިއްޖެ
މިއަދު 150 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިއްޖެ

ރާއްޖެ އިން މިއަދު 150 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްުތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާާޅުވީ މިއީ ފަހަކަށް އައިސް އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވް އެއް ދުވަސް ކަަމަށެވެ. އިއްޔެ ހަވީރު 6:00 އިން ފެށިގެން މިއަދު ހަވީރު 6:00 އަށް ޓެސްޓްކުރި 1،492 ސާމްޕަލްގެ ތެރެއިން 152 ސާމްޕަލް ކޮވިޑަށް ޕޮޒިޓިވްވި އިރު އޭގެ ތެރެއިން 142 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އަތޮޅުތަކުން 10 މީހުންނެވެ.

މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 89 ދިވެހިން ހިމެނެ އެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ 54 މީހުންނާއި އިންޑިއާގެ ފަސް މީހުން އަދި ސްރީލަންކާގެ ހަތަރު މީހުންނެވެ.

މިއަދު މިހާ ގިނަ އަދަދެއްގެ މީހުންނަށް ކޮވިޑް ޖެހުނު އިރު އެ ބަލިން ރަނގަޅުވީ 14 މީހުންނެވެ. ރާއްޖޭގައި މި ވަގުތު ކޮވިޑްގެ އެކްޓިވް ކޭސްގެ އަދަދަކީ 1،120 އެވެ. އަދި އެޑްމިޓްކޮށްގެން ވެސް ގިނަ އަދަދެއްގެ މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އަންނަ 59 މީހަކާއި ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ފަސް މީހުންނާ އެކު އެޑްމިޓްކޮށްފައި ތިބި މީހުންގެ އަދަދަކީ މިހާރު 64 އެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްފައިވާ މީހުންގެ ތެރެއިން ތިން މީހަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫ ގަ އެވެ. އަދި އޭގެ ތެރެއިން ދެ މީހަކު ވަނީ ވެންޓިލޭޓަރުގަ އެވެ. ނަޒްލާ ވިދާޅުވީ ވެންޓިލޭޓަރަށް ފަހުން ލީ އުމުރުން 82 އަހަރުގެ ދިވެއްސެއް ކަމަށެވެ.

އަތޮޅުތަކުން މިއަދު ކޮވިޑަށް ޕޮޒިޓިވްވި 10 މީހުންގެ ތެރެއިން އެކަކު ފިޔަވަައި އެންމެންނަކީ ވެސް ހއ. ކެލާ ސަވާރީ ބޯޓުން ޕޮޒިޓިވްވި މީހުންނެވެ. އަދި އަނެއް މީހާ އަކީ ބ. ކަމަދޫގައި ހޯމް ކަރަންޓީނުގެ މުއްދަތު ހަމަވުމުން ޓެސްޓްކުރި މީހެކެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވާތީ އެޗްއީއޯސީގެ ހުރި ކަންބޮޑުވުންތައް ފާޅުކުރައްވަމުން ނަޒްލާ ވިދާޅުވީ ކަރަންޓީނުގެ މުއްދަތު ހަމަވުމަށް ފަހު ސާމްޕަލް ނުނަގަނީސް ނުވަތަ ނަތީޖާ ނުލިބެނީސް ބައެއް މީހުން ބޭރަށް ނުކުންނަކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެއީ ބަލި ފެތުރުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.

"ބައެއް ބޭފުޅުން ހަފްލާތަކަށް ވެސް ވަޑައިގެންފައި އެބަހުރި. ބައެއް ބޭފުޅުން އޮފީހަށް ވެސް ނުކުންނަވާފައި އެބަހުރި. އަދި ނުކުތުމަށް ފަހު ސާމްޕަލްގެ ރިޒަލްޓް އައިމާ މި އިނގެނީ ޕޮޒިޓިވްކަން. އެހެންވީމާ އިތުރު ބަޔަކު ބައްޔަށް އެކްސްޕޯޒް މިވަނީ،" އޭނާ ވިދާޅުވި އެވެ.

އެހެންވެ އެގޮތަށް އަމަލުނުކުރަން ނަޒްލާ އިލްތިމާސް ކުރެއްވި އެވެ

މިރޭގެ މީޑިއާ ބްރީފިންގައި ޕަބްލިކް ހެލްތު އެކްސްޕާޓް ޑރ. ޝީނާ މޫސާ ވިދާޅުވީ ކުރިއަށް އޮތް އޮގަސްްޓް މަހު ދުވާލަކު އެވްރެޖްކޮށް 170 މީހުން ކޮވިޑަށް ޕޮޒިޓިވް ވާނެ ކަަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އަދި ސެޕްޓެމްބަރު މަހު ވެސް ދުވާލަކު ބަލި ޖެހޭ މީހުންގެ އަދަދު 100 އަށް ވުރެ މަތީގައި ހުންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝީނާގެ ލަފާކުރުންތަކުން ދައްކާ ގޮތުން ބަލިޖެހޭ މީހުން ޖުލައި މަހު 997 އަށް އަރާއިރު އޮގަސްޓް މަހު 2،373 އަށް އަރާނެ އެވެ. ސެޕްޓެމްބަރު މަހު 1،454 މީހުންނަށް ބަލިޖެހޭ އިރު އޮކްޓޯބަރު މަހު 945 އަދި ނޮވެމްބަރު މަހު 409 މީހުންނަށް ބަލިޖެނޭ ކަމަށް ލަފާކޮށްފައިވެ އެވެ. ޑިސެމްބަރު މަހު ބަލިޖެހޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ 254 މީހުންނަށެވެ. ޖުލައި މަހު އެވްރެޖްކޮށް ހަތް މީހުން ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހޭ އިރު އޮގަސްޓް މަހު 16 މީހުން، ސެޕްޓެމްބަރު މަހު 10، އޮކްޓޯބަރު މަހު 6، ނޮވެމްބަރުގައި 3 އަދި ޑިސެމްބަރު މަހު 2 މީހުން އެޑްމިޓް ކުރަން ޖެހޭނެ ކަމަށް ޕްރޮޖެކްޝަންސްގައި ލަފާކޮށްފައިވެ އެވެ.