ކެލަ އިން އިތުރު ނުވަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
ކެލަ އިން އިތުރު ނުވަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ހއ. ކެލަ އިން އިތުރު ނުވަ މީހަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވެއްޖެ އެވެ.

ޕޮޒިޓިވްވެފައި ވަނީ މިދިޔަ އާދިއްތަ ދުވަހު އެ ރަށަށް ދަތުރު ކުރި މުދާ އުފުލާ ބޯޓު "ސަވާރީ" ގައި މަސައްކަތްކުރާ އަށް ފަޅުވެރިންނާއި އެ ބޯޓުގައި ދަތުރުކުރި ލަންކާ ފިރިހެނެއް ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ. ސަވާރީ ބޯޓުގެ ފަޅުވެރިއަކަށް ކޮވިޑް ޖެހިފައިވާކަން އެނގުނީ މިދިޔަ އަންގާރަ ދުވަހެވެ.

ކެލާ ކައުންސިލް މެމްބަރު އާއިޝަތު މިޒްނާ "މިހާރު" އަށް ވިދާޅުވީ، މިއަދު ޕޮޒިޓިވްވި ފަޅުވެރިންގެ ތެރޭގައި ހަތަރު ދިވެހިންނާއި ހަތަރު ބިދޭސީން ހިމެނޭ ކަމަށެވެ. ފަޅުވެރިން ކަރަންޓީންކޮށްފައި ވަނީ ބޯޓުގައި ކަމަށާއި އެ މީހުންގެ އާއިލާތަކުން ކަރަންޓީން ވެގެން ތިބީ އެ މީހުންގެ ގޭގައި ކަމަށް ވެސް މިޒްނާ ވިދާޅުވި އެވެ.

ކެލާގެ އިތުރުން އެ އަތޮޅު ދިއްދޫ އާއި ހދ. ނޮޅިވަރަންފަރަށް ވެސް އެ ބޯޓު މިދިޔަ އާދިއްތަ ދުވަހު ދަތުރުކޮށްފައިވެ އެވެ. އެހެންވެ އެ ބޯޓު ދަތުރުކުރި ހުރިހާ ރަށެއްގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްކުރާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މީގެ ކުރިން ބުނެފައިވެ އެވެ. ނަމަވެސް އެހެން ރަށަކުން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމެއް އަދި ނޭނގެ އެވެ.

ކޮވިޑް-19 އާ ގުޅިގެން އެޅި ހަރުކަށި ފިޔަވަޅުތައް ލުއި ކުރުމުން ބަލި ފެތުރޭލެއް ވަނީ އިތުރުވެފަ އެވެ. މިހާތަނަށް 3،719 މީހުން ރާއްޖެއިން ކޮވިޑް އަށް ޕޮޒިޓިވްވެފައި ވެ އެވެ. އަދި 16 މީހަކު މިހާތަނަށް މަރުވެފައިވެ އެވެ.