30 ޖުލައި 2020 - 20:15

ހިއުމަން ޓްރެފިކިންއާ ދެކޮޅަށް މަސައްކަތްކުރަން އެކުލަވާލައިފައިވާ ހާއްސަ އެކްޝަން ޕްލޭނުގެ މަސައްކަތް އަލުން ފަށައި، ދައުލަތުގެ ބަޖެޓުން ފައިސާ ދޭން ހަމަޖައްސައިފި އެވެ.
ކުރިން ވެސް ތައްޔާރުކޮސްފައިވާ އެކްޝަން ޕްލޭނުގެ ދަށުން ހިއުމަން ޓްރެފިކިން އަށް ޚާއްސަ އޮފީހެއް ގާއިމް ކުރަން ހަމަޖެހިފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.
މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ހިއުމަން ޓްރެފިކިންއާ ދެކޮޅަށް މަސައްކަތްކުރުމުގެ ދުވަހާ ގުޅިގެން ޑިފެންސް މިނިސްޓްރީން ބުނީ އެ މަސައްކަތުގައި ރާއްޖެ އިން ދެމިތިބޭނެ ކަމަށެވެ. އަދި މި މަސައްކަތް ކާމިޔާބު ކުރެވޭނީ ބައިނަލްއަގްވާމީ މުޖްތަމައު ގުޅިގެން މަސައްކަތްކުރުމުން ކަމަށެވެ.
ދިވެހި ސަރުކާރުން އެކުލަވާލި "ނެޝަނަލް އެންޓި-ހިއުމަން ޓްރެފިކިން އެކްޝަން ޕްލޭން 2020-2022" ގައި ހިމެނޭ ކަންތައްތައް ތަންފީޒުކުރާނީ، މީގެ ހަތަރު އަަހަރު ކުރިން ރާއްޖެ އެއްބަސްވި އދ.ގެ ހިއުމަން ޓްރެފިކިން ކޮންވެންޝަންގައިވާ ކަންތައްތަކާ އެއްގޮތަށް ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ. އަދި އެ ޖަމިއްޔާގެ ސިޔާސަތުތަކާ އެެއްގޮތަށް ވިކްޓިމްސް އަށް ރައްކާތެރިކަން ފޯރުކޮށްދޭން ސޯޝަލް ސަޕޯޓް ސާވިސް ލިބޭނެ ގޮތް ވެސް ހަމަޖައްސާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
"ރާއްޖޭގައި އެންޓި-ހިއުމަން ޓްރެފިކިން އެކްޓް އެކުލަވާލުމަށް ފަހު، އެންޓި-ހިއުމަން ޓްރެފިކިން އެޖެންޑާގައިވާ ކަންތައްތައް ދަމަހައްޓަން އަދި އަލަށް ދައުލަތުގެ ބަޖެޓުން ފައިސާ މި ހަމަޖެއްސީ،" ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުންޏެވެ.
ދުނިޔޭގެ އާބާދީގެ 24 މިލިއަން މީހުންނަކީ ހިއުމަން ޓްރެފިކިންގެ ޝިކާރައަށްވެފައިވާ މީހުންނެވެ. ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައި ދަތި ހާލަތުގައި، އެ ފަދަ އަމަލުތައް ހިންގާ މީހުންނަށް މި ކުށް ކުރުމުގެ އިތުރު ފުރުސަތުތަކެއް ލިބިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ކަމާ ދެކޮޅަށް ރާއްޖެއިން މަސައްކަތް ކުރިއަށް ގެންދާނީ "ނެޝަނަލް އެންޓި-ޓްރެފިކިން ސްޓިއަރިން ކޮމިޓީ"އިންނެވެ. ކޮމިޓީގެ މަސައްކަތް ދެ އަހަރު ދުވަހު މެދުކަނޑާލާފައި އޮތުމަށް ފަހު، އަލުން ފެށީ މި ސަރުކާރުންނެވެ. ކޮމިޓީން ކުރާ މަސައްކަތްތަކުގެ ތެރޭގައި ބޯޑަރު ބެލެހެއްޓުން ހަރުދަނާ ކުރުމާއި އެ މަސައްކަތުގައި ބައިވެރިވާ އޮފިސަރުންނަށް އިތުރު ތަމްރީން ދިނުން ހިމެނެ އެވެ.
ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް ރައްކާތެރިކަމާ އެކު ތިބެވޭނެ ހިޔާވައްސެއް ހަދަން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުންޏެވެ.
ވޭތުވެ ދިޔަ ފަސް އަހަރު 110،000 އަށް ވުރެ ގިނަ ބިދޭސީން ރާއްޖެ އެތެރެވެފައިވެ އެވެ. ގަވާއިދާ ހިލާފަށް 60،000 އަށް ވުރެ ގިނަ ބިދޭސީން ރާއްޖޭގައި އުޅޭ ކަމަށް މީގެ ކުރިން ކަމާ ގުޅޭ އިދާރާތަކުން ބުނެފައިވެ އެވެ. އެހެންވެ، ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށް ވެފައިވާ އެތައް ބިދޭސީން ރާއްޖޭގައި އުޅޭ ކަމަށް ބެލެވެ އެވެ.