ކޮވިޑް-19 ޖެހިގެން އަނެއްކާވެސް ދިވެއްސަކު މަރުވެއްޖެ
ކޮވިޑް-19 ޖެހިގެން އަނެއްކާވެސް ދިވެއްސަކު މަރުވެއްޖެ

ނޭވާލާން އުނދަގޫވެގެން މިއަދު އައިޖީއެމްޗަށް ދިޔަ އުމުރުން ދުވަސްވީ ދިވެހި އަންހެނަކު މަރުވެފައިވާ ކަމަށާއި އެ މީހާ ކޮވިޑް-19 އަށް ޕޮޒިޓިވް ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ އުމުރުން 71 އަހަރުގެ މި މީހާ އަކީ ނޭވާލާން އުނދަގޫ ވެގެން މިއަދު ހެނދުނު އައިޖީއެމްއެޗްގެ އީއާރުން ފަރުވާ ހޯދަން ދިޔަ މީހެއް ކަމަށާއި އޭނާ މަރުވެފައި ވަނީ މެންދުރު 1:30 ހާއިރު ކަމަށެވެ.

މިއީ ކޮވިޑް-19 ގައި ރާއްޖޭން މަރުވި 16 ވަނަ މީހާ އެވެ. މި ބަލީގައި މިހާތަނަށް ރާއްޖޭން މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި ހަ ބިދޭސީންނެވެ.

އެޗްޕީއޭ އިން ބުނީ މިއަދު މަރުވި މީހާ އަށް ކޮވިޑް-19 ޖެހިފައިވާކަން އެނގުނީ އެ މީހާ މަރުވި ފަހުން ކަމަށެވެ. ހޮސްޕިޓަލަށް ދިއުމާ އެކު ވަގުތުން ޓެސްޓް ހެދި ކަމަށާއި ފަރުވާ ދިނުމުގެ މަސައްކަތް ވަގުތުން ފެށި ކަމަށް ވެސް ބުންޏެވެ.

ރާއްޖެއިން މިހާތަނަށް 3،567 މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު ގިނަ ބަޔަކު ރަނގަޅުވެ މިހާރު ފަރުވާދެމުން އަންނަނީ 983 މީހަކަށެވެ.

ކޮވިޑް-19 ފެތުރެން ފެށި އިރު ގިނައިން މި ބަލި ޖެހެމުން އައީ ރާއްޖޭގައި އުޅޭ ބިދޭސީންނަށް ކަމަށް ވިޔަސް ބަލި ފެތުރޭތީ އެޅި ފިޔަވަޅުތަކަށް ލުއި ދިނުމާ އެކު މި ބަލި ރާއްޖޭގައި ގިނައިން މިހާރު ޖެހެނީ ދިވެހިންނަށެވެ.